ރާއްޖޭގައި ކޮވިޑްގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާ ކަމަށާއި، އެހެން ނަމަވެސް ކުރިއަށްދާނީ ދެވޭނެ ލުއިތައް ދީގެން ކަމަށް އެޗްޕީއޭގެ އެޕިޑޮމިލަޖިސްޓު ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިޔާގައިރޭ ވާހަކަ ދައްކަވަމުން އެޗްޕީއޭގެ އެޕިޑޮމިލަޖިސްޓު ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ، މާލެއާއި އަތޮޅު ތަކުގައި ކޮވިޑް ވަރަށް ބޮޑަށް ފެތުރި ނުރައްކާ ބޮޑުވި ނަމަވެސް ކުރިއަށްދާނީ ދެވޭނެ ލުއިތައް ދީގެން ކަމަށެވެ.

ރާއްޖޭގެ ހާލަތު މިހާ ހިސާބަށް ދިޔުމުން ދެން ކުރިއަށްދާންޖެހޭނީ ކޮވިޑާއެކު ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ. ޑރ. އަފްޒަލް ވިދާޅުވީ، ރައްޔިތުން ދިރިއުޅެންޖެހޭ ކަމަށާއި، އާމްދަނީ ހޯދުމަށް ކުރާ މަސައްކަތް ހުއްޓާލައިގެން ދެއަހަރު ވަންދެން ނުތިބެވޭނެ ކަމަށެވެ. އަދި ކޮވިޑްގެ ހާލަތަށް މިިހާރު ރާއްޖެ ވަރަށް ބޮޑަށް ތައްޔާރުވެފައިވާ ކަމަށް ވެސް އަފްޒަލް ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް ކޮވިޑްގައި މިހާ ދުވަސްވީމަ މިހާރު އޮތީ އަތޮޅު ތެރޭގައި ކޮވިޑް ސެންޓަރުތަކާ އެއްޗެހި ވެސް ގާއިމްކުރެވިފައި، ދަރުމަވަންތަ ހޮސްޕިޓަލުގެ 11 އަދި 16 ވަނަ ފަންގިފިލާ ވެސް ރެޑީވެފައި. މީގެއިތުރުން އޮރެންޖް ހިޔާ ވެސް ވަނީ ތައްޔާރުކުރެވިފައި. އެހެންވީމަ މިހާލަތަށް ދެވުނީމަ އަޅުގަނޑުމެންނަށް ކޭސްތަކަށް ކޮންމެވެސް ވަރަކަށް ތައްޔާރުވެވުނީމަ ދެން ބަލާނީ މިބައްޔާއެކު ދިރިއުޅެން ޖެހިފައިވާ ހާލަތުގައި އަޅުގަނޑުމެންނަށް ދެވޭނެ ލުއިތައް ދީގެން އެކަން ކުރިއަށް ގެންދަން." ކޮވިޑް ޖެހިގެން ކަރަންޓީނު ކުރާ މުއްދަތު 14 ދުވަހުން 07 ދުވަހަށް ބަދަލުކުރުމަށް ނިންމި ސަބަބު ހާމަކުރައްވަމުން ޑރ. އަފްޒަލް ވިދާޅުވިއެވެ.

މީގެ އިތުރުން ޑރ. އަފްޒަލް ވިދާޅުވީ ބަަލިން ރައްކާތެރިވުމަށް އަނގަޔާ ނޭފަތް ރަނގަޅަށް ނިވާވާގޮތަށް އަލުން މާސްކު އަޅަން ރައްޔިތުން ފަށަންޖެހިފައިވާ ކަމަށެވެ. އަދި ކޮންޓެކްޓް ބަބުލް ކުޑަކުރުމަށް ހުރިހާ ފަރާތްތަކުން މަސައްކަތް ކުރަންޖެހޭ ކަމަށް އަފްޒަލް ވިދާޅުވިއެވެ. ގިނަގިނައިން ސައިބޯނި ލައިގެން އަތްދޮވުމަށާއި ސެނަޓައިޒާ ބޭނުންކުރުމަށް ޑރ. އަފްޒަލް އިލްތިމާސް ކުރެއްވިއެވެ.

މީގެ އިތުރުން ފިހާރަތަކަށް ވަންނަ މީހުން ތިބީ މާސްކު އަޅައިގެންތޯ ކަށަވަރުކުރުމާއި ފިހާރައަށް ވަންނަތަނުގައި އިންނަ ހޭންޑް ސެނެޓައިޒާ ބޭނުންކުރުމާއި ފިހާރަތަކުން ގަންނަ އެއްޗެހި ރަނގަޅަށް ސާފު ކުރުމަށްފަހު ބޭނުންކުރުމަށް ޑރ. އަފްޒަލް ވަނީ އިރުޝާދު ދެއްވާފައެވެ.

ރާއްޖޭގައި ކޮވިޑުގެ ހާލަތު ނުރައްކާވެ އެލާޓް ލެވެލް އޮރެންޖުން ރަތަށް މިހާރު ވަނީ ބަދަލުކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު