ޓީޗަރުން އަޅާ މޫނު ބުރުގާގެ ވާހަކަ ބަޔަކު ދެއްކީމަ އެއީ ދީނުން ބޭރުވެފައިވާ ބައެއްކަމަށް ސިފަކުރުމަކީ އިންތިހާއަށް ކަންބޮޑުވާކަމެއްކަމަށް ވެރިކަންކުރާ އެމްޑީޕީން ބުނެފިއެވެ.

އެމްޑީޕީން މިހެން ބުނީ ސްކޫލުތަކުގައި މޫނު ބުރުގާ އަޅައިގެން ކިޔަވައިދިނުމަށް ބައެއް ފަރާތްތަކުން ބާރުއަޅާ އެޅުމާމެދު އެޕާޓީން ދެކޭގޮތް ހާމަކޮށް ނެރުނު ނޫސް ބަޔާނުގައެވެ.

އެމްޑީޕީން ބުނީ ދިވެހި މުޖުތަމަޢުގައި މައިންބަފައިންނާއި ބެލެނިވެރިންނާއި އަދި ދަރިވަރުންގެ ގިނަ ބަޔަކީ، އެ ދަރިވަރުންނަށް ސްކޫލު މަދަރުސާތަކުގައި އުނގަންނައިދެއްވުމަށް މުދައްރިސުން ކުރިމަތިލައްވާއިރު އެ މުދައްރިސުން މޫނު ބުރުގާއިން މޫނު ނުފޮރުއްވައި ނުވަތަ އެއީ ކޮންބޭފުޅުންނެއްކަން ދަރިވަރުންނަށް ރަނގަޅަށް ސާފުވާގޮތަށް ތިއްބެވުމަށް ބޭނުންވާ ބައެއްކަމަށެވެ. އަދި ޒަމާނުއްސުރެ ދިވެހީންގެ ތެރޭގައި މިގޮތަށް އާދަކާދަ އޮވެ، މުދައްރިސުންނާއި ސްކޫލު މަދަރުސާތަކުން މި މިންގަނޑު ވަރަށް ރަނގަޅަށް ނަގަހައްޓަވަމުން ގެންގޮސްފައިވާކަމަށްވެސް އެ ޕާޓީގެ ބަޔާނުގައިވެއެވެ.

އެމްޑީޕީން ބުނީ ސްކޫލު މަދަރުސާތަކަކީ ދަރިވަރުންގެ މަސްލަޙަތު ނަގަހައްޓަންޖެހޭ އަދި ދަރިވަރުންނަށް ރައްކާތެރިކަން ވެސް އޮންނަންޖެހޭ ވަކި ޚާއްޞަ ތަންތަންކަމަށް ވާއިރު، ކިޔަވައިދެއްވުމަށް ދަރިވަރުންނާ ބައްދަލުކުރައްވާއިރު މުދައްރިސުންގެ އައިޑެންޓިޓީ ޔަޤީންވާންޖެހޭނެކަމަށް އެ ޕާރޓީން ދެކޭކަމަށެވެ.

އަދި މިކަމުގައި މި މޭރުމުން ވާހަކައެއް ދައްކާ މީހަކީ ވެސް ދީނުން ބޭރުވެފައިވާ އަދި ލޭ ހުއްދަވެގެންވާ މީހެއްކަމަށް ސިފަކުރާކުރުމާ މެދު އެ ޕާރޓީން އިންތިހާއަށް ކަންބޮޑުވާ ކަމަށާއި، އަދި މީގެކުރިން ވެސް އެފަދައިން ސިފަކޮށް މީހުންގެ ހަށިފުރާނަ ނައްތާލައި ގެއްލުންދީފައިވާކަން ކަންބޮޑުވުމާއެކު ފާހަގަކުރާކަމަށް އެމްޑީޕީގެ ބަޔާނުގައިވެއެވެ.

އެހެންކަމުން، އެފަދަ ކުށްތަކުގެ މައްސަލަތައް ބެއްލެވުމުގައި އިތުރަށް ސަމާލުވުމަށް ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް އެމްޑީޕީގެ ބަޔާނުގައި ގޮވާލާފައިވެއެވެ.

މޫނު ބުރުގާގައި ޓީޗަރުންނަށް ކިޔަވައި ދިނުމާއިމެދު ބަހުސެއް އުފެދިފައި މިވަނީ އެޑިއުކޭޝަން މިނިސްޓްރީގެ ގަވާއިދެއްގައި އޮންނަ މާއްދާއަކާއި ގުޅިގެނެވެ. އެގޮތުން ޓީޗަރުން ކިޔަވައި ދެއްވާއިރު ދަރިވަރުންނަށް މޫނު ފެންނަ ގޮތަށް ހުންނަން ޖެހޭނެކަމަށް ގަވައިދުގައި ބަޔާން ކޮށްފައި އޮންނާތީ ވަރަށް ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު