25 ވަނަ އެޕިސޯޑް

==========

މިރޭ ޢައިޝާ ހީވަނީ އުފަލުން ގޮސް މޮޔަވެދާނެހެންނެވެ. އޭނާގެ އެކުވެރިންވެސް އައިސް އެކަން ފާހަގަކޮށް، އޭނާއާ ދިމާވެސް ކުރެއެވެ.

[އައްދޭ...ޢައިޝާ ހާދަ އުފާވެފައި...ވަރަށް ގުޅޭ ޖޯޑެއް. ހީވަނީ ނާއިލަކީ ޢައޝާއަށްޓަކައި މިދުނިޔެއަށް އައި މީހެއްހެން. ޢައިޝާއަކީ ނާއިލަށްޓަކައި ދުނިޔެއަށް އައި މީހެއްހެން.] އޭނާގެ ކްލާސްމޭޓެއް ކަމުގައިވާ ޒުލްފާ ސަލާމް ކޮށްލަމުން ދިމާކުރިއެވެ.

[ތިބުނީ ރަނގަޅަށް. އަހަރެމެންނަކީ ސީދާ އެކަކު އަނެކަކަށްޓަކައި އުފަންވި ދެމީހުންދޯ ނާއިލް...] ނާއިލްއަށް ދޯދެމުން ޢައިޝާ މިހެން ބުނީމާ، އެއަށް ޖަވާބެއްނުދީ ނާއިލް އެތަނުން ދުރަށް ދިޔައީއެވެ.

[ނާއިލް ރުޅިއައީތަ، އެދިޔައީ؟ އަނެއްކާ އަހަންނަށް ގޯސް އެއްޗެކޭ ބުނެވުނީތަ؟] ޒުލްފާ ބުންޏެވެ.

ޒުލްފާއަކީ އެކައިވެނީގެ ޙަޤީޤަތް އެނގޭ އަންހެނެއް ނޫނެވެ.

[ނޫނޭ އޭނާ އެދިޔައީ ސިޔާދު ހަނާއެޅީމާ އެތަނަށް. އެހެރީނު ސިޔާދު.] ޢައިޝާ މަތިއޮމާންކޮށްލިއެވެ.

[އެހެންދޯވީ؟ މަހީކުރީ މަށަށް ނުބައި އެއްޗެއް ބުނެވުނީ ކަމަށް. ހުވާ ޢައިޝާ ތީ ވަރަށް ނަޞީބުވެރި އަންހެނެއް. މަހުޖަނު ޢާއިލާއެއްގެ ވަރުގަދަ ޝަޚްޞިއްޔަތެއް ތިހޯދީ....] ޒުލްފާ ޢައިޝާގެ ކާމިޔާބަށް ތަޢުރީފު ކުރިއެވެ. އުފާވެފައި ހުރި ޢައިޝާ ހީގަތެވެ.

[އެހެންވެތާ އަހަރެންވެސް މިއުފާކުރަނީ. ޙަޤީޤަތުގައި އަހަރެން މިރޭ މިހުރީ ވަރަށް އުފާވެފައި. އަހަރެން ލޯބިވަނީކީ މަހުޖަނު ޢާއިލާދެކެއެއް ނޫން. ސީދާ ނާއިލްދެކެ. މިއީ ވަރަށް ބުރަ މަސައްކަތުން ކާމިޔާބު ކުރެވުނު ލޯތްބެއް.] ޢައިޝާ ބުންޏެވެ.

[އަހަރެން ކާއެއްޗެއް ކާލައިގެން ވާހަކަ ދައްކަން އެބަ އަންނަން.] ޒުލްފާ އެތެރެއަށް ވަދެގެން ހިނގައިގެންފިއެވެ. އޭރު އެގޭގެ ކޮންމެވެސް ހިސާބެއްގައި ޔޫސުފްވެސް ހުއްޓެވެ.

އޭނާ އިންތިޒާރު ކުރަމުންދަނީ އޭނާގެ ދަރިފުޅާއި ޒާހިދާއަށެވެ. ދަރިފުޅަށް ހިތްވަރުދޭން ދަރިފުޅު ފެންނަ ފަށުގައި ހުންނަން އޭނާ ބޭނުމެވެ.

އެކައިވެނީގެ ސަބަބުން ޢައިޝާ ނޫން މީހަކު އުފާވެފައިވާ ތަނެއް ނުފެނެއެވެ. ޢައިޝާ ފިޔަވައި ހިސާބަކަށްވެސް އުފާވެރިކަން ޙިއްޞާ ކުރަމުންދާތަން ފެންނަނީ އޭނާގެ ބައްޕަ އިސްމާޢީލް ރަޝީދެވެ.

އެހެން ނަމަވެސް، އިލްޔާސާއި ނާޒިމާގެ މޫނުމައްޗަކުންވެސް އުފާވެރިކަމެއް ނުފެނެއެވެ.

[އިލްޔާސް، އަހަރެން ބުނިން ޒޭނާ ގާތު އަންނާށޭވެސް....އކަމަކު އަދިވެސް ނާދޭ....މިހެން ކަންތައް ދިމާވުމުން....ޒޭނާވެސް ވަރަށް ދެރަވާނެ. ޒޭނާ ނާއިލްދެކެ ވަރަށް ލޯބިވާނެ. އެކަން އަހަންނަށް......ވަރަށް ރަނގަޅަށް އެނގޭ...ދެން...] ނާޒިމާ ހުންނަނީ އެކަމާމެދު ވަރަށް ބޮޑަށް ކަންބޮޑުވެފައެވެ. އިލްޔާސްވެސް އެކައިވެންޏާމެދު އުފަލެއް ނުވެއެވެ.

މިހާރުވެސް މަދުމަދުން މެހްމާނުންތައް އަންނަމުންދެއެވެ. ޢައިޝާގެ ގާތުގައި ހިތާދެކޮޅަށް ކަމުގައިވިޔަސް، މެހްމާނުންނަށް މަރްޙަބާ ކިޔުމަށްޓަކައި ނާއިލް އެބަހުއްޓެވެ.

އަންނަ މެހްމާނުންގެ ތެރޭގައި ނާއިލާއެކު ހޮސްޕިޓަލްގައި މަސައްކަތްކުރާ ޑޮކްޓަރުންނާއި ނަރުހުންވެސް ތިއްބެވެ.

ނަމަވެސް އެއްވެސް މެހްމާނަކަށް އެކައިވެނީގެ ޙަޤީޤަތެއް ނޭނގެއެވެ. ނާއިލް އޭނާގެ ރައްޓެހިންނަށް އުފާވެރި މޫނެއް ދެއްކޭތޯ ވަރަށް މަސައްކަތް ކުރަމުންދިޔަވެސްމެއެވެ. ފޯނެއްގައި ހުރެ ޒޭނާއަށް އެގެއަށް ވަދެވުނީ މިފަދަ ދަނޑިވަޅެއްގައެވެ. ކުއްލިއަކަށް ޒޭނާ ހުއްޓުނެވެ. އޭރުވެސް އޭނާ ހުރީ ފޯނު ކަންފަތުގައި ޖައްސާލައިގެނެވެ. ދެން ފެނުނީ މުޅިން ތަފާތު މަންޒަރެކެވެ. އެހުރިގޮތަށް ހުއްޓިހުރެ ޒޭނާ ނިކަން ބާރަށް ރޮއިގެންފިއެވެ.

[ނޫން...ނޫން ތިހެނެއް ނުވާނޭ...ބުނޭ...ތީ ދޮގެކޭ....] މިހެން ބުނެވުމާއެކު، ޒޭނާ އަރިއަޅާލައިފިއެވެ. ފޯނުވެސް އޭނާގެ އަތުން ދޫވެއްޖެއެވެ. ނަމަވެސް، އޭރު އޭނާގެ މަންމަ، އޭނާގެ ގައިގައި ހިފަހައްޓައިފިއެވެ. ދެން އެފޯނު ނަގައިގެން ވާހަކަ ދެއްކީ ޒާހިދާއެވެ. ދެން ފެނުނީ ޒާހިދާވެސް ނިކަން ބާރަށް ރޮއިގަތް މަންޒަރެވެ.

އޭރު ނާއިލާއި ޒޭނާގެ ބައްޕަ، ޒޭނާގެ ގައިގައި ހިފަހައްޓައިފިއެވެ. އެމީހުން ހީކުރީ ނާއިލްގެ ކައިވެނީގެ ސަބަބުން ލިބުނު ހިތްދަތިކަމުން ޒޭނާ ރޮނީ ކަމަށާއި، ޒޭނާ ރޯތީ މަންމައަށްވެސް ރޮވެނީ ކަމަށެވެ. ނަމަވެސް، ވީކީ އެހެނެއް ނޫނެވެ.

ޒޭނާ މިހާތަނާ ހަމައަށް ލޯބިދީގެން ބައްޕައެއްގެ ގޮތުގައި ބަލާ ބޮޑުކުރި އޭނާގެ ބައްޕަ ފުވާދު އެކްސިޑެންޓެއްވެ، މިދުނިޔެ ދޫކުރީއެވެ. އެޚަބަރު ދިނީ އޭނާ މަސައްކަތްކުރާ ކުންފުނިންނެވެ. އޭނާ އުޅެމުންދަނީ މާލޭ ފަޅުތެރޭގައި އޮންނަ ބޯޓެއްގައެވެ. އެބޯޓުން މުދާ ބާލަން އުޅުމުގެ ތެރޭގައި ކްރޭނެއްގެ ވާ ކަނޑައިގެން ގޮސް އޭނާގެ ގައިމައްޗަށް ވެއްޓުނީއެވެ.

[ބައްޕާ...ބައްޕަ ކައިރިއަށް އަހަރެން ގެންދޭ....] ޒޭނާ ރޮއިރޮއިފައި ބުނަމުން ދިޔައެވެ. ހަމައެވަގުތު އޭނާގެ ޙަޤީޤީ ބައްޕަ ޔޫސުފް، އޭނާގެ ފޯނަށް ގުޅި ނަންބަރު ބަލައި ގުޅައިފިއެވެ.

ޙާދިޘާގެ ތަފްޞީލް ލިބުމާއެކު، ވަގުތުން ދަރިފުޅާއި ޒާހިދާ ގޮވައިގެން އޭނާ ދިޔައީ ހޮސްޕިޓަލަށެވެ. އެމީހުނާއެކު، ކައިވެނީގެ ޙަފްލާގައި ހުރި ނާއިލްވެސް ހިނގައްޖެއެވެ.

ފުވާދުގެ ހަށިގަނޑަށް ވަނީ އެޙާދިޘާގެ ސަބަބުން ކާކުކަން ނޭނގޭ ވަރަށް ގެއްލުންވެފައެވެ. ބޯ އޮތީ ވަރަށް ބޮޑަށް ފިސްވެފައެވެ. ހޮސްޕިޓަލުން މަޢްލޫމާތު ދިން ގޮތުގައި، ހޮސްޕިޓަލަށް ގެނެވުނުއިރުވެސް އޭނާ އޮތީ މަރުވެފައެވެ.

އެރޭ ވެގެންދިޔައީ ޒޭނާއާއި އޭނާގެ މަންމަގެ ޙަޔާތަށް އައި އެންމެ ހިތްދަތި ދުވަހަށެވެ. ފުވާދަކީ ޒާހިދާ އެންމެ ހާލުގައި ޖެހުނު ދުވަހު އެހީތެރިވެދީ، އެޢާއިލާއަށް އުފާވެރިކަން ހޯދައިދިން އެޢާއިލާގައި ހުރި ހަމައެކަނި ފިރިހެން ދަރިފުޅުގެ ބައްޕައެވެ.

[މަންމަ މުޅިން ނިކަމެތިވެއްޖެ. ދިރިއުޅުން މަތިން ފޫހިވެއްޖެ.] ފުވާދުގެ މަރުގެ ޙާދިޘާއަށް ހަފްތާއެއްވީއިރުވެސް ޒާހިދާ ހަމައަކަށް ނޭޅެއެވެ. ކެތްތެރިކަމާއެކު މަންމައަށް ހިތްވަރުދޭން ޒޭނާ މަސައްކަތް ކުރަމުން ދިޔައީ އޭނާ ހިތްދަތިނުވާތީއެއް ނޫނެވެ. އޭނާއާ ކުރިމަތިވީ ދެހިތާމަ އެއްފަހަރާއެވެ. އެހެން ނަމަވެސް، މަންމައަށް އޭނާ އެފަދަ މަންޒަރެއް ނުދައްކައެވެ. އޭނާ ބޭނުންވަނީ ހިތްދަތިކަން ބަރުދާސްތުކޮށް، މަންމައަށް ހިތްވަރުދީ މަންމަ އެހިތާމަތަކުން މިންޖު ކުރުވާށެވެ. އެޢާއިލީ ހިތާމައިގައި ބައިވެރިވެ، ނާއިލްގެ ޢާއިލާވެސް ހިތާމަކުރިއެވެ.

[އެދެމައިންނަށް ހާދަ އަސަރެއް ކުރާނެޔޭ، މިދަނޑިވަޅު ނޫނަސް ތަންކޮޅެއް ފަސްކޮށްލާފައި، އެންމެ ރަނގަޅުވާނީ ޔޫސުފް އަލުން ޒާހިދާއާ އިނުން. އަހަންނަށް ހީވަނީ ޔޫސުފްވެސް އެގޮތް ބޭނުންވާނެހެން.] ނާޒިމާ ވާހަކަ ދެއްކީ އިލްޔާސާއެވެ.

[ތިއީ ރަނގަޅު ގޮތެއް. އެކަމަކު ޒާހިދާ އެގޮތް ބޭނުންވާނެބާ؟ ދެން އަހަރެމެން ތިކަމުގެ ތެރެއަށް ވަނުން ރަނގަޅެއް ނުވާނެ. ނާއިލްގެ މައްސަލައިގައި ޒާހިދާއާއި ޔޫސުފްވެސް ތިބޭނީ ހިތްބުރަވެފައި...އެމީހުންވެސް ވިސްނަންވާނެ، މަޖުބޫރީ ޙާލަތެއް މެދުވެރިކަން...] އިލްޔާސް ބުންޏެވެ.

[ރަނގަޅު ވާހަކައެއް. ނާއިލްގެ ކައިވެނީގެ ޙަފްލާތެރެއަކުވެސް ޔޫސުފްގެ އެއްވެސް ޙަރަކާތެއް ނެތް. އެނގޭ ހިތްހަމަނުޖެހި ހުރިކަންވެސް. އަހަރެން ޒޭނާމެން މިރޭ ނާދޭހޭ އަހާލީމާވެސް، ވަރަށް ހިތްހަމަނުޖެހިފައި ހުރެ ބުނީ، އިތުރަށް އެމަންޖެ ހިތްދަތިވުން ނޫން ކަމެއް ނުވާނެ ނޫންހޭ. އެހެން ބުނިއިރު، އަހަރެންގެ މޫނަކަށް ބަލައެއްވެސްނުލާ.] ނާޒިމާ ބުންޏެވެ.

ކޮންމެ ގޮތެއްވިޔަސް، މިހާރުއެވަނީ މަޖުބޫރީ ޙާލަތެއްގައި ނާއިލާއި ޢައިޝާގެ ކައިވެނި ކުރެވިފައެވެ.

ކައިވެނީގެ ކުރިން މޮޅު ރޭވުންތަކެއް ރާވައި ލޯބި ކާމިޔާބު ކުރެވުމުގެ އުފާވެރިކަން ޙިއްޞާ ކުރަމުންދިޔަ ޢައިޝާއަށް މިހާރުވަނީ މާޔޫސްކަމާއި ނުތަނަވަސްކަމާ ކުރިމަތިލާން ޖެހިފައެވެ.

އޭނާ ހީކުރިގޮތަކަށް އަދި އެއްވެސް ކަމެއް ނުވެއެވެ. ކައިވެންޏަށް މަސްދުވަސް ވެގެން ދިޔައިރުވެސް ނާއިލް ނިދަނީވެސް މުޅިން ވަކިންނެވެ. އެހެން މީހުނަށް ފެންނަފަށުގައި ޢައިޝާއާ ވާހަކަ ދައްކާ ހެދި ކަމުގައިވިޔަސް، ކޮޓަރިތެރޭގައި އޭނާ ޢައިޝާ ދަންނަ މީހަކަށްވެސް ނަހަދައެވެ. ޢައިޝާ އެކަމާ ހިތާމަކޮށް ރޮއިހަދައެވެ.

[ސީނާ...އަހަރެން ހީކުރިގޮތަކަށް އެއްވެސް ކަމެއް ކުރިޔަކަށްނުދޭ. ނާއިލް އަހަންނާމެދު އެއްވެސް ފަރުވާލެއް ނުބަހައްޓާ. މީހުންގެ ތެރޭގައި ހިސާބަކަށް ވާހަކަ ދެއްކިޔަސް، ކޮޓަރިއަށް ވަދެވުމާއެކު، އެކަމެއް ނޯވޭ. އޭނާ ނިދަނީވެސް ކޮޓަރިތެރޭ ހުންނަ ސޯފާގައި. ކިހިނެއްބާ ހަދާނީ. އަހަންނަށް ކޮންމެވެސް ޚިޔާލެއްދީބަލަ.] ޢައިޝާގެ ލޮލުން ކަރުނަ ފާއްދާލިއެވެ.

[އަހަރެން ދެން ކީކޭ ބުނާނީ. އަތްމައްޗަށް ނާރަނީސް ޢައިޝާއަށް ނާއިލްގެ އިޙްސާސްތަކާ ކުޅެލެވުނު. އެކަމަކު އަތްމަތިވީމާ ބާރެއް ނުފޯރުވުނު. ޙަޤީޤަތުގައި އަހަރެން މިހުންނަނީ ޙައިރާންވެފައި.] ސީނާ ބުންޏެވެ.

[ދެން ކޮންމެވެސް އެއްޗެކޭ ބުނެބަލަ. ކައިވެނީގެ ފުރަތަމަރޭ އޭނާ ގެއަކަށްވެސް ނާދޭ. އަހަރެން ގުޅީމާ ފޯނެއްވެސް ނުނަގާ. ޖެހިގެން އައިރޭ އަހަންނަށް ނިދުނުފަހުން އައިސް ސޯފާގައި ނިދީ. އެހެން ހަދަނީ ކީއްވެހޭ އަހަރެން އެހީމާ ބުނަނީ، އެއްވެސް ކަމެއް ނުވެޔޭ.] މިހާރު ޢައިޝާއަށް ހަމަ ރަނގަޅަށްވެސް ރޮވިއްޖެއެވެ. އޭނާ ކުރި އުއްމީދުތަކާ އެއްގޮތަކަށް އެއްވެސް ކަމެއް ކުރިއަކަށް ނުދެއެވެ.

މިހާރު ޒޭނާވެސް މަގުމަތިން ފެނި ހިތުގައި އަޅައިގެން ކޮންމެވެސް ކުއްޖަކު ގުޅައިގެން އުނދަގޫ ކުރެއެވެ.

ނަމަވެސް ޒޭނާ އެކުއްޖާގެ ވާހަކައަކަށް ފަރުވާލެއް ނުބަހައްޓައެވެ. އެއީ ހެޔޮލަފާ ޒުވާނެކެވެ. ތަޢްލީމީ ޤާބިލް، މާލޭގެ ތަނަވަސް ޢާއިލާއެއްގެ ޒުވާނެކެވެ.

[މަންމާ.....އޭނާ ގާތުގައި ބުނެބަލަ މިގެއަށް ނުގުޅާށޭ. އަހަންނަށް ވަރަށް އުނދަގޫވޭ.] އެޒުވާނާއާދެ، ހައިޝަމް ގުޅާތީ އުނދަގޫވާތީ، ޒޭނާ މަންމަ ގާތު ޝަކުވާ ކުރިއެވެ.

[ދަރިފުޅާ...އެއީ ނުލާހިކު ރަނގަޅު ކުއްޖެއް. މަންމައަކަށް ނުކެރޭނެ ބުނާކަށް ނުގުޅާށެކޭ. އެހެން ނޫނަސް މިހާރު ނާއިލް އެއުޅެނީ ކައިވެންޏެއް ކޮށްގެން. ދަރިފުޅުވެސް ކޮންމެހެން އެހަނދާންތަކުގައި ދެމިހުރުމުގެ މާނައެއް ނެތް. ނުލާހިކު އުފަލުގައި އެމީހުން އުޅެމުން....އެދަނީ....] ޒާހިދާ ބުންޏެވެ.

[އުފަލަކު ނޫން..އަހަރެން މިއުޅެނީ...ކައިވެނީގެ އެއްވެސް އުފަލެއް އަހަންނަކަށް ނުލިބޭ. ޒޭނާ ނޫން އެހެން މީހެއްގެ ލޯތްބެއް އަހަރެން ބޭނުމެއް ނޫން....] ނާއިލް ވާހަކަ ދެއްކީ އޭނާގެ ރަޙްމަތްތެރިޔާ ސިޔާދުއާއެވެ. އެދެމީހުން ވާހަކަ ދައްކަން ތިބީ ބައްޕަގެ އޮފީސް ޕޯޓިކޯގައެވެ.

ކޮންމެ ދުވަހަކުވެސް އޮފީހަށް އޭނާ ނުކުންނަނީ ހޮސްޕިޓަލްގެ ޑިއުޓީ ނިންމާފައެވެ. އެގޮތުން، ކައިވެންޏަށްފަހު ގިނަވަގުތު އޭނާ ހޭދަކުރަމުންދަނީ ގެއިން ބޭރުގައެވެ. އަނބިމީހާ ޢައިޝާއާއެކު އެއްވެސް ވަގުތެއް އޭނާ ހޭދަކޮށްފައެއް ނުވެއެވެ.

ޢައިޝާ ހުންނަނީ އޭނާގެ ރޭވުމަށް އެކަމުގެ ސަބަބުން ހުރަސް އެޅެމުންދާތީ، ވަރަށް ބޮޑަށް ކަންބޮޑުވެ ހާސްވެފައެވެ. ކޮންމެ ގޮތަކުންވެސް ނާއިލްގެ ލޯބި ހޯދަން އޭނާ ބޭނުންވެއެވެ. ކައިވެންޏާ ހަމައަށްވެސް އާދެވުނީ އޭނާއަށް ކުރެވުނު ރޭވުންތެރި މަސައްކަތްތަކެއްގެ ސަބަބުންނެވެ. ނަމަވެސް، ކައިވެންޏެއްގެ މީރު ރާޙަތެއް އަދި އޭނާއަކަށް ނުކެރެއެވެ. އޭނައަށް ޖެހިފައިވަނީ ދުވާލުދާ ހަތަރުދަމު އެކަމަށް އިންތިޒާރު ކުރުމަށެވެ.

[ކައިވެންޏަށްފަހު ފާއިތުވީ ދުވަސްތައް އަހަންނަށް ވެފައިވަނީ ވޭނަކަށް. އެކަމަކު އަހަރެން މިކަންވެސް ބަދަލުކުރާނަން. އަހަރެން ނާއިލާ އިނީވެސް އަހަރެން ކުރި މަސައްކަތުން. އިރާދަކުރެއްވިއްޔާ، އިތުރަށް ގުޅުން އުފައްދަން ކުރާނޭ މަސައްކަތްތައް ރޭވުމުގެ ހިތްވަރުވެސް އަހަންނަށް ލިބިފައިވޭ.] ޢައިޝާ ވާހަކަ ދެއްކީ އޭނާގެ ރަޙްމަތްތެރިޔާ ސީނާއާއެވެ.

[ނާއިލް ގިނަވަގުތު ގެއަކުވެސް ނޫޅޭދޯ؟] ސީނާ ބުންޏެވެ.

[އާނ ދުވާލު މުޅިންހެން ބޭރުގައި. އަހަރެން ގުޅާލީމާ ބުނަނީ، ވަރަށް ބުރަކޮށޯ އުޅެނީ. ހޮސްޕިޓަލް ނިންމާލާފައި އޮފީހުގަޔޯ. މުޅި ދުވަސް ހޭދަވެގެންދަނީ އެކަހަލަ ގޮތަކަށް.] ޢައިޝާ ފެންކަޅިވެފައި ބުންޏެވެ.

[ރޭގަނޑު ނިދަން އާދެއެއްނު....] ސީނާ ބުންޏެވެ.

[އާނ...ނިދަން އާދޭ...އެކަމަކު އަހަންނަކާ އަޅައެއްނުލާ. ނިދަނީވެސް ވަކިން. އެނދުގައި ނިދާށޭ އަހަރެން ދެތިންރޭ ބުނީމާވެސް ބުނަނީ އަހަރެން އެނދުގައި ނިދާށޯ، ތިމަންނާ ސޯފާގައި ނިދާފާނަމޯ....] ޢައިޝާ އަތުގެ ނުފުށުން އޭނާގެ ލޮލުގައި ހުރި ކަރުނައިގެ އަސަރުތައް ފޮހެލައިފިއެވެ.

[އެހެންތަ؟ ތިޔަ ކައިވެނީގެ ބޭނުމެއް ނެތްދޯ؟ ޢައިޝާ ކައިވެނިކުރީ ނުލާހިކު ފޮނި އުއްމީދުތަކެއްކޮށް، ފޮނި ހުވަފެންތަކެއް ބަލައި، ފޮނި އިންތިޒާރުތަކަކަށްފަހު. އެކަމަކު އެފަދަ އެއްވެސް ކަމެއްގެ އަލިމަގެއް އަދި ނުފެނޭ. ދެން ޢައިޝާ ޤަޞްދުކުރަނީ ކިހިނެއް؟] އެކުވެރިޔާއަށް ދިމާވެފައިވާ ގޮތުން އޭނާވެސް ދެރަވެއްޖެއެވެ.

[އަހަރެން ޤަޞްދު ކުރަނީ ކާމިޔާބު ކުރަން. ކާމިޔާބު ކުރާނަންވެސްމެ. ޔަޤީން ކާމިޔާބު ކުރާނެކަން. ނާއިލަކީ ފުރިހަމަ އަހަރެންގެ މީހަކަށް ހެދުމަށްޓަކައި ކުރެވެންހުރި ހުރިހާ މަސައްކަތެއްވެސް އަހަރެން ކުރާނަން.] ޢައިޝާ އުއްމީދު ކަނޑައެއްނުލައެވެ.

(ނުނިމޭ)


ކިޔުންތެރިންގެ ހިޔާލު


16

ސަރުމީލާ

24-May-2020

ބައެއް ވާހަކަތައް ދިގުވީމަ ފަުހިވެސް ވޭ އެކަމަކު މި ވާހަކަ ހަބޭސް


10

ސައުސަން

24-May-2020

ލައްކަ ގިނަވާހަކަ ކިޔައިފިން މިހާރީތި މިހާ ފުރިހަމަ ދިގުވާހަކަ އެއް ނުކިޔަން އަދި ކިޔަމުންދާއިރު ހީވޭ މަންޒަރުތައް ލޯމަތިން ފެންނަހެން ވެސް ތެންކިޔޫ ރަސް އޮންލައިން


8

ާަަަލިެނ

24-May-2020

އަޅޭ މީވާހަކަ ވަރަށް ރީތި. ހާދަ ކުރޭ އެކަމް


8

ސަމާ

24-May-2020

ވަރަށް ސަލި ނައިލް ހަދަނި ހަމަ ރަނގަޅަށް



ޓްރެންޑިން