މޫނު ބުރުގާ އަޅައިގެން ސްކޫލްތަކުގައި މަސައްކަތްކުރުމުގެ ހުއްދަ ދިނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ވެރިކަމުގައިކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިހެން ބުނީ ސްކޫލްތަކުގައި މޫނު ބުރުގާ އަޅައިގެން ކިޔަވައި ދިނުން މަނާކޮށްފައިވާކަމަށް ބުނެ ދެކެވޭ ވާހަކަތައް ތަފްސީލްކޮށްދީ ނެރުނު ބަޔާނުގައެވެ.

އެޑިއުކޭޝަނުގެ ބަޔާނުގައި ބުނީ މޫނުބުރުގާ އަޅައިގެން ސްކޫލުތަކުގައި މަސައްކަތް ކުރުމުގެ ހުއްދަ ދީފައިވަނީ ޖަނަވަރީ 2019 އިން ފެށިގެންކަމަށާއި އޭގެ ކުރިން ސްކޫލުތަކުގައި މޫނުބުރުގާ އަޅައިގެން މަސައްކަތް ކުރުމަކީ މަނާ ކަމެއްކަމަށެވެ. އަދި މިވަގުތު ސްކޫލުތަކުގެ އެކި މަޤާމުތަކުގައި މަސައްކަތް ކުރައްވާ ބޭފުޅުންގެ ތެރޭގައި މޫނުބުރުގާ އަޅައިގެން މަސައްކަތް ކުރާ ބޭފުޅުންވެސް ހިމެނޭކަމަށް އެޑިއުކޭޝަނުން ބުނެއެވެ.

އެޑިއުކޭޝަނުން ބުނީ މޫނުބުރުގާ އެޅި ބޭފުޅުންނާއި މޫނުބުރުގާ ނާޅާ ބޭފުޅުންނާއި މަސައްކަތު މާހައުލުގައި އެއްވެސް ތަފާތުކުރުމެއް ނުގެންގުޅޭކަމަށެވެ. އަދި ޖަނަވަރީ 2019ގެ ފަހުން މިނިންމުމަށް އެއްވެސް ބަދަލެއް ގެނެވިފައި ނުވާކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީގެ ބަޔާނުގައިވެއެވެ.

އެޑިއުކޭޝަންގެ ބަޔާނުގައި ވަނީ މޫނުބުރުގާ އަޅައިގެން ކިޔަވައިދޭން ބޭނުންވާ މުދައްރިސުންނަށް އެ ފުރުޞަތު ފަހިކޮށްދެވިފައިވަނީ، ކިޔަވައިދޭ ވަގުތު ދަރިވަރުންނަށް މޫނު ފެންނާނެހެން ތިބޭގޮތަށްކަމަށެވެ.

"އެހެނީ ލޮލާއި އަނގައާއި މޫނުމަތީގެ އިޝާރާތްތަކަކީ މުވާސަލާތު ކުރުމުގައި ޒަރޫރީ ކަންކަމަށްވެފައި، ކިޔަވައިދޭ ފިލާވަޅު ދަރިވަރުންނަށް ފަހުމުވުމުގައި މިދެންނެވިފަދަ އިޝާރާތްތައް މުހިއްމު ދައުރެއް އަދާކުރާތީ. އަދި ފިލާވަޅަށް ދަރިވަރުންގެ ޝައުގުވެރިކަން ހޯދުމުގައިވެސް މުދައްރިސުގެ ނޮންވާރބަލް ބިހޭވިއަރ މުހިއްމު ދައުރެއް އަދާކުރާތީ. އަދި މިގޮތަށް އަންގާފައިވަނީ ދަރިވަރުންނަށް އުނގަންނައިދިނުމުގައި މޫނުމަތީގެ ޙަރަކާތްތަކަކީ ނުހަނު ބޭނުންތެރި ވަޞީލަތަކަށްވުމާއި، ޓީޗަރުންގެ މޫނުމައްޗަށް ގެނެވޭ އެކިއެކި ޙަރަކާތްތަކުން ފިލާވަޅު ދަރިވަރުންނަށް ފަހުމުވުމުގައި އެހީއަކަށްވާކަމަށް ތަޖުރިބާކާރުންނާއި މާހިރުން އިއްތިފާޤުވާތީ." އެޑިއުކޭޝަން މިނިސްޓްރީން ބުނެފައި ވެއެވެ.

އެޑިއުކޭޝަނުން ބުނީ ފިލާވަޅު ރަނގަޅަށް ދޭހަވުމުގައި ދަރިވަރުންނަށް މުދައްރިސުންގެ މޫނުގެ އިޝާރާތްތަކާއި ނޮންވަރބަލް ބިހޭވިއަރ ކޮންމެހެން ފެނުން ލާޒިމްކަމުގައި ވީނަމަވެސް މި ދުވަސްވަރު މުދައްރިސުން ކިޔަވައިދިނުމުގައި މާސްކު އަޅަން އަންގާފައިވަނީ ސިއްޙީގޮތުން ދިމާވެފައިވާ ޚާއްޞަ ޙާލަތަކާ ގުޅިގެން މަޖްބޫރީ ޙާލަތެއް މެދުވެރިވުމުން ކަމަށެވެ. އަދި މިނިސްްޓްރީގެ ދުޢާއަކީ ވީހާވެސް އަވަހަކަށް މިޙާލަތުން އަރައިގަނެވި މާސްކާނުލާ ކިޔަވައިދިނުމުގެ ކަންކަން ކުރިއަށް ގެންދެވޭނެފަދަ ޙާލަތަކަށް ކަންކަން ރުޖޫޢަވެ، އެ ފުރުޞަތު މުދައްރިސުންނާއި ދަރިވަރުންނަށް ފަހިވެގެން ދިއުންކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު