އަހުމަދު މަސްނޫމް   21 ޖެނުއަރީ 2022 - 17:46
ރާއްޖޭގައި އެންމެ ދުވަސްވީ ސަރަހައްދީ އެއާޕޯޓުތަކުގެ ތެރޭގައި ހިމެނޭ ގދ. ކާޑެއްދޫގެ ބަނދަރު ވަރަށް ބޮޑަށް ހަލާކުވެ އެ ބަނދަރު މިއަދު ވެއްޓިއްޖެއެވެ.

ކާޑެއްދޫ ބަނދަރު މިއަދު ވެއްޓިފައިވަނީ އެބަނދަރަށް ލިބިފައި ހުރި ގެއްލުމުގެ ސަބަބުން ބަނދަރުން ބައެއް ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެ ބަންދު ކޮށްފައިވަނިކޮށެވެ.

ރީޖަނަލް އެއާޕޯޓްސްގެ ރީޖަނަލް ޑިރެކްޓަރު ސައުދުﷲ އަހްމަދު މީގެ ކުރިން ބައެއް މީޑިޔާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެ ކުންފުންޏާ އެއާޕޯޓު ހަވާލުވިއިރު ވެސް ބަނދަރުގެ ހާލަތު ވަރަށް ގޯސް ކަމަށެވެ. އަދި ބަނދަރު ހަލާކުވާން މެދުވެރި ވަނީ ޖެޓީގެ ފާރުގެ ދަށުން މޫދަށް ވެލިގަނޑު ދަމައިގަންނާތީ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ސައުދުﷲ އިތުރަށް ވިދާޅުވީ ކާޑެއްދޫ އެއާޕޯޓުގެ މައްސަލާގައި ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމާ ގުޅިގެން މިފަދަ މައްސަލަތަކަށް ހަައްލު ހޯދުމަށް އުނދަގޫ ވެފައިވާ ކަމަށެވެ.

މިހާރު އެތަނުގެ މައްސަލަތައް ވަނީ ޓްރާންސްޕޯޓު މިނިސްޓްރީއާއި، ދައުލަތުގެ ކަމާބެހޭ އެހެން އިދާރާތަކާ ވެސް ހިއްސާ ކޮށްފައެވެ.

މި މައްސަލައާ ގުޅިގެން އެއާޕޯޓާ ކައިރި ރަށްރަށުގެ ރައްޔިތުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ކާޑެއްދުއަކީ އަތޮޅުގެ ގިނަ ބަޔަކު ދަތުރުކުރާ ރަށެއްގެ ެެއި އިތުރުން ގިނަ އަދަދެއްގެ ފަތުރުވެރިން ވެސް އަތޮޅުގެ ރަށްރަށަށް ދަތުރުކުރަނީ ކާޑެއްދޫ މަގުންނެވެ. ކާޑެއްދޫގެ ބަނދަރު އަލުން މަރާމާތުކުރުމަށް ބޭނުންވާ ދިރާސާއެއް ހެދުމަށް މިދިޔަ އަހަރުގެ އޭޕްރީލް މަހު ވަނީ އެމްއާރުޑީސީއާ ހަވާލުކޮށްފައެވެ. ނަމަވެސް އޭގެ މަހެއްހާ ދުވަސް ފަހުން ސުޕްރީމް ކޯޓުގައި އޮތް ކާޑެއްދޫ އެއާޕޯޓުގެ މައްސަލަ ނިންމުމާއެކު މަރާމާތުގެ މަސައްކަތް ވަނީ ހުއްޓިފައެވެ.



ކިޔުންތެރިންގެ ހިޔާލު