ކުރިއަށް އޮތް އޮލިމްޕިކްސް ގޭމްސްއަށް ހަނގުރާމައިގެ ހަމަނުޖެހުންތައް ހުއްޓާލައި، ޞުލްޙައާއި އަމާންކަމުގެ ޘަޤާފަތެއް ކުރިއެރުވުމަށް އދގެ އާއްމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ހާރިޖީ ވަޒީރު އަބްދު ﷲ ޝާހިދު (ނޢޢވ) ގޮވާލައްވައިފިއެވެ.

އދގެ އާއްމު މަޖިލީހުގެ ރައީސް އަބްދު ﷲ ޝާހިދު މިކަމަށް ގޮވާލެއްވީ ކޮންމެ 4 އަހަރަކުން ބާއްވާ އޮލިމްޕިކްސް ގޭމްސް ފެށުމުގެ ކުރިން އޮލިމްޕިކް ޓުރޫސް ނުވަތަ ސުލްހައިގެ ވައުދަށް އަމަލުކުރުމަށް ގޮވާލާ އދގެ އާއްމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން މެމްބަރު ގައުމުތަކަށް ކުރެއްވި އިލްތިމާސްގައެވެ.

އޮލިމްޕިކް ޓުރޫސް ނުވަތަ އޮލިމްޕިކްސްއަށް ހަތިޔާރު ބެހެއްޓުމުގެ ސަގާފަތަކީ އީސާގެފާނު ދުނިޔޭގެ އަލިކަން ދެކެވަޑައިގަތުމުގެ 800 އެއްހާ އަހަރު ކުރިން ފެށިގެން އޮލިމްޕިކްސް ގޭމްސްގެ ތެރެއިން ކުރިއަށްދިޔަ ގަދީމީ ގްރީކް ސަގާފަތެކެވެ. އެޒަމާނުގައި މިކަން ކުރަން ފެށީ ރޯމްގައި އޮތް އޮލިމްޕިކްސަށް އަދި އޮލިމްޕިކްސްގައި ބައިވެރިވުމަށް ދަތުރުކުރާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށެވެ. އެގޮތުން ކޮންމެ މުބާރާތެއް ފެށުމުގެ ކުރިން އަދި ނިމުމުގެ ކުރިން "އޮލިމްޕިކް ޓުރޫސް" ދިޔައީ އިއުލާންކުރަމުންނެވެ.

އިހުޒަމާނުގެ ސަގާފަތް އަލުން އޮލިމްޕިކްސްގެ ތެރެއަށް ގެނައީ އިންޓަނޭޝަނަލް އޮލިމްޕިކްސް ކޮމިޓީގެ ފަރާތުން 1992 ވަނަ އަހަރުއެވެ. އަދި މެމްބަރު ގައުމުތަކުން "އޮލިމްޕިކް ޓުރޫސް"އަށް އަމަލުކުރަން އިންޓަނޭޝަނަލް އޮލިމްޕިކްސް ކޮމިޓީން އިލްތިމާސްކުރިއެވެ.

އދއިން އެންމެ ފުރަތަމަ އޮލިމްޕިކް ޓުރޫސަށް އަމަލުކުރުމަށް ގޮވާލާ ގަރާރެއް ފާސްކުރީ 1993 ވަނަ އަހަރުއެވެ. އެ ގަރާރުގެ ދަށުން 1994 ވަނަ އަހަރުން ފެށިގެން އދގެ އާއްމު މަޖިލީހުގެ ރައީސްގެ މަގާމުގައި ހުންނަވާ ބޭފުޅަކު، ކޮންމެ އޮލިމްޕިކްސްއެއް ފެށުމުގެ 7 ދުވަސް ކުރިން ފެށިގެން، އޮލިމްޕިކް ގޭމްސް ނިމިގެން 7 ދުވަސްވުމާއި ހަމައަށް އޮލިމްޕިކް ޓުރޫސްއަށް އަމަލުކުރުމަށް ގޮވާލާ އިލްތިމާސްއެއް ކުރައްވައެވެ.

އަންމަހުގެ 4 ވަނަ ދުވަހުން ފެށިގެން 20 ވަނަ ދުވަހުގެ ނިޔަލަށް ޗައިނާގެ ބެއިޖިންގައި ވިންޓަރ އޮލިމްޕިކްސް ކުރިއަށްދާނެއެވެ. އދގެ ސަގާފަތާއި އެއްގޮތަށް އދގެ އާއްމު މަޖިލީހުގެ ރައީސް އަބްދު ﷲ ޝާހިދު ވަނީ "އޮލިމްޕިކް ޓުރޫސް" އަމަލުކުރަން އިލްތިމާސްކުރައްވާފައެވެ.



އދގެ އާއްމު މަޖިލީހުގެ ރައީސް އަބްދު ﷲ ޝާހިދު މެމްބަރު ގައުމުތަކަށް ކުރެއްވި އިލްތިމާސްގައި ވިދާޅުވީ 2022 ވަނަ އަހަރުގެ އޮލިމްޕިކް އަދި ޕެރަލިމްޕިކް ވިންޓަރ ގޭމްސްގައި "އޮލިމްޕިކް ޓުރޫސް"އަށް ދޭ އަހައްމިއްޔަތުކަން ސާބިތުކޮށްދީ، ސުލްހައިގެ ރޫޙުގެ މައްޗަށް ބިނާވެފައިވާ ޞުލްޙައާއި އަމާންކަމުގެ ޘަޤާފަތެއް ކުރިއެރުވުމަށް ގޮވާލާފައެވެ. އަދި އެ ޘަޤާފަތް އިތުރަށް ހަރުދަނާ ކުރުމަށް ޤައުމީ، ސަރަޙައްދީ އަދި ދުނިޔޭގެ ފެންވަރުގައި ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް، ހުރިހާ މެންބަރު ޤައުމުތަކަށް އިޚްލާޞްތެރިކަމާއެކު އިލްތިމާސްކުރައްވާކަމަށް ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ ކުޅިވަރަކީ، ހާއްސަކޮށް އޮލިމްޕިކްސްއަކީ މުޅި އިންސާނިއްޔަތަށް ޞުލްޙަވެރި މުސްތަޤްބަލެއް ހޯދައިދިނުމަށް މަގުފަހިކޮށްދޭ ޙަރަކާތެއްކަމަށެވެ. އަދި މި ކުޅިވަރު ހަރަކާތުގެ ތެރެއިން ހާސިލުކުރަން ބޭނުންވާ އަމާޒުތަކަކީ، އދގެ އުފެދުމުގެ މައިގަނޑު އަސާސްތަކުގެ ތެރޭގައި ހިމެނޭ ކަންކަންކަމަށް ޝާހިދު ވިދާޅުވިއެވެ.

މިއަހަރުގެ ވިންޓަރ އޮލިމްޕިކްސް ގޭމްސް ޗައިނާގެ ބެއިޖިންގައި އޮންނައިރު، ގޭމްސް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަންނަވާނެކަމުގެ އިޝާރާތެއްވެސް ޝާހިދު ވަނީ ދެއްވާފައެވެ.

ޗައިނާގެ ރައީސް ހުޅުވައިދެއްވާނެކަމަށް ބެލެވޭ މިއަހަރުގެ އިވެންޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވާނެކަން އދގެ ސެކްރެޓަރީގެ ޖެނެރަލް އެންޓޯނިއޯ ގުތާރޭސްވެސް ވަނީ އިއުލާންކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު