ރައީސް އިބްރާހިމް މުޙައްމަދު ސޯލިޙްގެ ސަރުކާރުން އަނބިދަރީންވެސް ވިއްކާލައިފައިވާ ކަމަށް ކުރީގެ ރައީސް އަބުދުﷲ ޔާމިން މިއަދު ވިދާޅުވެއްޖެއެެވެ.

ރައީސް ޔާމިން މިހެން ވިދާޅުވީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމުގެ ނަމުގައި އިދިކޮޅުން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ހަރަކާތުގައި ބައިވެރިވެވަޑައިގަތުމަށް ރ. ދުވާފަރަށް މިއަދު ހަވީރު ވަޑައިގެން އެރަށު ރައްޔިތުންނާއި މުޚާތަބު ކުރައްވައި ވާހަަކަފުޅު ދައްކަވަމުންނެެވެ.

މި ހަރަކާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް އަބުދު ﷲ ޔާމިން ވިދާޅުވީ މި ސަރުކާރުން ހުރިހާ ކުންފުނިތައް ވިއްކާލާފައިވާ ކަމަށެވެ. އަދި ރާއްޖޭގެ ބިންތަކާއި ރިސޯޓްތަކާއި އެއާޕޯޓްވެސް ވިއްކާލާފައިވާ ކަމަށް ރައީސް ޔާމިން ވިދާޅުވިއެވެ.

"ގައުމެއްގެ އިސްތިގުލާލަށް މިހާ އުދަގޫ ދުވަސްތަކެއް ނާދޭ، ތާރިޚުން ނަގައިދޭ ކަޅު އަނދިރި ފިލާވަޅެއް މިއީ ތާރިޚުން ޖާގަ ހޯދާ ސޮފްހާއެއްމީ،" ރައީސް ޔާމިން ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް އަބުދު ﷲ ޔާމިން ވިދާޅުވީ، އިންޑިއާ ސިފައިން ރާއްޖޭގަައި ތިބުމާއި ދެކޮޅަށް އަޑުއުފުލަނީ މަދުބައެއް ނޫން ކަމަށެވެ. އެގޮތަށް ބުނާ މީހުން އާސަންދަ މެދުވެރިކޮށް އައިނު ހަައްދަންޖެހޭ ކަމަށް ރައީސް ޔާމިން ވިދާޅުވިއެވެ.

ރައްޔިތުން އުދަގޫވެގެން އުޅެނީ ރާއްޖޭގައި ހުރި ވަސީލަތްތަކުގެ މައްޗަށް ދަހިވެތިވެގެން އުޅޭބަޔަކު ބާރު ފޯރުވާތީ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރާއްޖެއަކީ ކުޑަ ގައުމެއް ނަމަވެސް ވަސީލަތް ހުރި ގައުމެއް ކަމަށާއި ރާއްޖެއަކީ މިނިވަން ގައުމެއް ކަމަށް ރައީސް ޔާމިން ވިދާޅުވިއެވެ.

ރައީސް ޔާމިން ވިދާޅުވީ އިންޑިޔާ އައުޓް ހަރަކާތް ހުއްޓާލަންޖެހޭ އެއްވެސް ސަބަބެއް ސަރުކާރަށް ނުދެއްކޭ ކަމަށާއި، ނުވެސް ދެއްކޭނެ ކަމަށެވެ. އެކަމަކީ އަހުލާގީ ގޮތުން ދަށް ފެންވަރު ކަމެއް ކަމަށް ބުނެ ދައްކާ ވާހަކަތަކަށް ވެސް ރައީސް ޔާމިން ވަނީ ރައްދު ދެއްވާފައެވެ.

"އަހުލާގީ ގޮތުން ދަށް ފެންވަރަށް މިދަނީ ދިވެހި ލޭ ހިނގާ ބަޔަކު ދިވެހިރާއްޖޭގެ ކާބަފައިން ގެނެސްދިން މިނިވަންކަމުގެ ހިޔަލުގައި ތިބެގެން ބޮޑެތިވި ބަޔަކު ނިކުމެ ދިވެހިރާއްޖެއަށް ޣައްދާރުވާތީ. އެއީ އަޚުލާގީ ގޮތުން ސުލޫކީ ގޮތުން ދީނީ ގޮތުން ގައުމީ ގޮތުން އަދި އެއްވެސް ކަހަލަ ކުލުނެއް ނެތް ބަޔަކީ އެއީ. އެމީހުން ނިކުމެ މި ޖިހާދު ކުރާ މީހުންނާއި ދިމާލަށް އަހުލާގީ ގޮތުން ތިމަންނަމެން ގަބޫލެއް ނުކުރެވޭ ބުނާކަމަށް ވައްޏާ ދަންނަވާލަން ޖެހޭނީ އާސަންދަ އަށް ހުރި ލާރި އިތުރުކުރައްވާށޭ. އެނޫން ގޮތަކަށް މިކަމެއް ނުވާނެ. މިއީ ރައްޔިތުންގެ ޝުޢޫރު،" އެއްވެފައި ތިބި ގިނަ އަދަދެއްގެ ސަޕޯޓަރުންނާއި މުޚާތަބު ކުރައްވަމުން ރައީސް ޔާމިން ވިދާޅުވިއެވެ.

ރައީސް ޔާމިން ދުވާފަރަށް ކުރެއްވި މި ދަތުރުފުޅުގައި އެރަށުގައި ކުރިއަށްދިޔަ އިންޑިޔާ އައުޓް ހިނގާލުމުގެ ހަރަކާތުގައި އެމަނިކުފާނު ވަނީ ބައިވެރިވެވަޑައިގެންފައެވެ.



ކިޔުންތެރިންގެ ހިޔާލު