ވެރިކަން ލިބުމުން ކުރިން ދެއްކި ވާހަކަތައް ހަނދާނުގައި ނުހުންނަ ކަމަށް ވިދާޅުވެ ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

އުޝާމް މިހެން ވިދާޅުވީ އަންނަ މަހުގެ ފަސްވަނަ ދުވަހު ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ބާއްވަން ތައްޔާރުވެފައިވަނިކޮށް އެ ދާއިރާގައި ހިމެނޭ ފޯކައިދޫއިން ގޯތި ދޫކުރަން ސަރުކާރުން ނިންމުމާއި ގުޅިގެންނެވެ.

އެކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން އުޝާމް ވިދާޅުވީ ހިއްކާފައިނުވާ ފަޅަކުން ގޯތި ދޫކުރުމަށް ކުރީގެ ސަރުކާރުން ނިންމުމުން އެ މައްސަލަ ޖެއްސި ބޭފުޅުން މިއަދު ތިއްބެވީ ވެރިކަމުގައި ކަމަށެވެ. ނަމަވެސް މިއަދު މި ސަރުކާރުން އިންތިހާބަކާ ދިމާކޮށް ހިއްކާފައިވެސް ނުވާ ޗަސްބިމަކުން ގޯތިދޫކުރަން ނިންމުމަކީ ކުރިން ދެއްކި ވާހަކަ ހަނދާން ނެތުން ކަމުގައި އުޝާމް ސިފަކުރެއްވިއެވެ.

ފޯކައިދޫން ގޯތި ދޫކުރަން ސަރުކާރުން ނިންމާފައިވަނީ އެ ރަށުގެ ޗަސްބިން ސަރަހައްދުންނެވެ. އެ ސަރަހައްދު ހިއްކާ ގޯތި ދޫކުރާނެ ކަމަށް ރައީސް ސޯލިހް މިދިޔަ އަހަރު ވަނީ އިއުލާން ކުރައްވާފައެވެ. ނަމަވެސް މިހާތަނަށް އެކަމުގެ އަމަލީ އެއްވެސް މަސައްކަތެއް ފަށާފައެއް ނުވެއެވެ.

މިއީ މިދިޔަ 10 އަހަރުގެ ތެރޭގައި ފޯކައިދޫން ގޯތި ދޫކުރަން ނިންމި ފުރަތަމަ ފަހަރު ކަން ފާހަަގަކޮށްލެވެއެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނާއި ދިމާކޮށް ސަރުކާރުން އަންނަނީ އެ ސަރަހައްދުގައި ގިނަ މަޝްރޫއުތަކެއް ހިންގުމަށް އިއުލާން ކުރަމުންނެެވެ. އެކަންކަމަކީ އިންތިޚާބަށް ނުފޫޒު ފޯރުވުމަށް ސަރުކާރުން ހިންގާ ކަންތައްތަކެއް ކަމަށް އިދިކޮޅު ފަރާތްތަކުން ބުނި ނަމަވެސް ސަރުކާރުން ބުނަނީ އެއީ ރައީސުލްނުމްހޫރިއްޔާގެ ވަޢުދުވުޅުތަކައި މެނިފެސްޓޯގައި ހިމެނިފައިވާ ކަންކަން ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު