ސައުތު ރީޖަނަލް އޮފީހުގެ ސަބަބުން އައްޑޫގެ ވިޔަފާރި ބަނދަރު އިތުރަށް ތަރައްގީވާނެކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

މާރިޔާ މިހެން ވިދާޅުވީ އައްޑޫ ސިޓީ މަރަދޫގައި އިމާރާތްކުރާ ކަސްޓަމްސް ސައުތު ރީޖަނަލް ހެޑް އޮފީސްގެ ބިންގާ އަޅައިދިނުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

މަރަދޫ ޕާކް ސަރަހައްދުގައި ބޭއްވި އެ ރަސްމިއްޔާތުގައި އިމާރާތުގެ ބިންގާ އަޅުއްވައި ދެއްވީ ކަސްޓަމްސްގެ މިނިސްޓަރ، މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ އާއި، ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް އަބްދުﷲ ޝަރީފް އަދި އައްޑޫ ސިޓީގެ މޭޔަރ އަލީ ނިޒާރެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކަސްޓަމްސްގެ ކަންކަން ބަލަހައްޓަވާ މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހްގެ ސަރުކާރުގެ ވިސްނުމަކީ ލާމަރުކަޒީ ނިޒާމެއްގެ ދަށުން ރައްޔިތުންނާއި ވީހާވެސް ގާތުން ޚިދުމަތް ދިނުމަށްޓަކައި، މާލެފިޔަވައި ރާއްޖޭގެ އެހެން ބަނދަރުތަކުގައި އިމްޕޯރޓް އެކްސްޕޯޓްގެ މަސައްކަތް މިހާރަށްވުރެ ފުޅާ ދާއިރާއެއްގައި ރައްޔިތުންނަށް ފޯރުކޮށްދިނުންކަމަށެވެ. އަދި ސައުތު ރީޖަނަލް އޮފީހުގެ ސަބަބުން އައްޑޫ ސިޓީގެ ވިޔަފާރި ބަނދަރު އިތުރަށް ތަރައްޤީވެ، އައްޑޫ ސިޓީގެ ވިޔަފާރިއަށް އިތުރު ފުރުސަތުތައް ފަހިވެގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.



ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް އަބްދުﷲ ޝަރީފްގެ ވިދާޅުވީ އައްޑޫ ސިޓީގެ އެކްސްޕޯޓް އިމްޕޯޓްގެ މަސައްކަތް ފުޅާވެ ކަސްޓަމުން ފޯރުކޮށްދޭންޖެހޭ ޚިދްމަތްތައް ފޯރުކޮށްދިނުމަށް އައްޑޫގައި އެޅޭ ސަރުކާރުގެ މުހިންމު ބިނާއަކަށް މި އިމާރަތްވެގެންދާނެކަމަށެވެ. އަދި މި ރީޖަނަލް އޮފީހުގެ ސަބަބުން އައްޑޫގެ ވިޔަފާރިތަކަށް މުސްތަޤްބަލުގައި ބޮޑެތި ކުރިއެރުންތައް ލިބިގެންދާނެކަމަށް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި، ކަސްޓަމްސްގެ މިނިސްޓަރ، މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ގެ އިތުރުން ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް އަބްދުﷲ ޝަރީފްއާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް، އައްޑޫ ސިޓީގެ މޭޔަރ އަލީ ނިޒާރުގެ އިތުރުން ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު އަދި ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލްގެ އިތުރުން އައްޑޫސިޓީގެ ކައުންސިލް މެމްބަރުން ބައިވެރިވެ ވަޑައިގެންފައިވެއެވެ.

22.3 މިލިއަން ރުފިޔާއަށް، 411 ދުވަހުގެ ތެރޭގައި ނިންމާގޮތަށް މިއިމާރާތުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެސްޖޭ ޓްރޭޑް ޕްރައިވެޓް ލިމިޓެޑާއެވެ. 3 ބުރީގެ މިއިމާރާތުގައި އިދާރީ އޮފީހަކާއި، ސްޓާފް އެކޮމޮޑޭޝަން ބައެއްގެ އިތުރުން ރީޖަނަލް ޓްރޭނިން ސެންޓަރެއް ހިމެނެއެވެ.



ކިޔުންތެރިންގެ ހިޔާލު