ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި އަދާލަތު ޕާޓީން އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދަށް ތާއިދުކުރުމަށް ނިންމައިފިއެވެ.

ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީން އެގޮތަށް ނިންމާފައި ވަނީ މިއަދު ކުރިއަށްގެންދިޔަ އެ ޕާޓީގެ ތިންވަނަ ދައުރުގެ މަޝްވަރާ ބައްދަލުވުމުގައެވެ. އެޕާޓީން މިގޮތަށް ނިންމާފައި މިވަނީ ސަރުކާރު ކޯލިޝަންގައި އޮވެ އެމްޑިޕީގެ ކެންޑިޑޭޓަށް ތާއީދުކުރަން ނިންމާފައި ނުވާތީއާއި ޓީޗަރުން މޫނުބުރުގާ އެޅުމާ ދެކޮޅަށް އެޑިއުކޭޝަނުން ނިންމާފައިވާ ނިންމުމާ ދެކޮޅަށް އަދާލަތުން މިދަނޑިވަޅުގައި ނުރުހުންވެ ސަރުކާރަށް ޕްރެޝަރ ކުރަމުންދާތީ އެމްޑީޕީގެ ފާޑުކިއުންތައް އެޕާޓީއަށް އަމާޒުވެފައި ވަނިކޮށެވެ.

އަދާލަތު ޕާޓީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އެމްޑީޕީގެ ކެނޑިޑޭޓް ރާޝިދަށް ތާއީދު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު އެދިވަޑައިގެންފައިވާތީ ރާޝިދަށް ތާއީދު ކުރުމަށް އެޕާޓީގެ ތިން ވަނަ ދައުރުގެ 10 ވަނަ ޖަލްސާއިން ފާސްކޮށްފައިވާ ކަމަށެވެ.



އަދާލަތު ޕާޓީން ނެރުނު ބަޔާނުގައި އެމްޑީޕީގެ ކެންޑިޑޭޓަށް ތާއިދު ކުރުމަށް ނިއްމި ގިނަ ސަބަބުތަކެއް ވަނީ ބަޔާންކޮށްފައެވެ. އެގޮތުން އަދާލަތު ޕާޓީން ބުނީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ފަށާފައިވާ މަސައްކަތުގަައި ރައީސް އިބްރާހިމް މުޙައްމަދު ސޯލިހަށް އެހީތެރިވެ އެއްބާރުލުން ދިނުމަކީ ރައްޔިތުންގެ އެންމެ މަތީ މަސްލަހަތު މިވަގުތަށް އޮތްގޮތް ކަމަށެެވެ.

ރައީސް ސޯލިހުގެ ސަރުކާރުގައި އަމާން ސުލްހަވެރި މުޖުތަމައެއް ގާއިމުކޮށް، ސިޔާސީ ހަލަބޮލިކަން ކުޑަކޮށް، ކޮވިޑް-19 ގެ އާލަމީ ވަބާއާއެކު މެދުވެރިވި އިގުތިސާދީ ދަތިތަކާ އެކުވެސް ރާއްޖޭގެ އިގުތިސާދު ހަރުދަނާކޮށްފައިވާ ކަމަށް އެ ބަޔާނުގައިވެއެވެ.

ރާއްޖޭގެ އިސްލާމީ ޝަހުސިއްޔަތަށް ބޮޑު ގޮންޖެހުމެއް ދިމާވެދާނެ ކަމަށް ފާހަގަކުރެވި ރައީސް ސޯލިހުގެ އަރިހުގައި އެ ޕާޓީން ކަންބޮޑުވުން ފާޅުކުރި ކޮންމެ ކަމެއްގައި ވެސް މިއަދާއި ހަމައަށް އެކަށީގެންވާ ހައްލެއް ހޯދުމަށް ރައީސް މަސައްކަތް ކުރައްވާފައިވާ ކަމަށްވެސް ބަޔާނުގައި ވަނީ ފާހަަގަކޮށްފައެވެ.

މީގެ އިތުރުން އަދާލަތު ޕާޓީގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ ސަރުކާރުން އަންނަނީ ގައުމުގެ ސުލްހަ މަސަލަސްކަން ގާއިމުކޮށް އަމާން ވެއްޓެއް ކަށަވަރު ކުރުމަށް ހަރުދަނާ މަސއްކަތެއް ކުރަމުން ކަމަށާއި މުޖުތަމައަށް ދިމާވެފައިވާ މަސްތުވާތަކެތީގެ މައްސަލައާއި ގޭންގު ކުށްތައް ހުއްޓުވުމަށް މިހާތަނަށް ދައުލަތުން މަސައްކަތް ނުކުރާ މިންވަރަށް މި ސަރުކާރުން މަސައްކަތް ކުރާ ކަމަށެވެ.

އަދާލަތުން އެމްޑީޕީގެ ކެނޑިޑޭޓަށް ތާއީދުކުރަން ނިންމާފައިވާއިރު އަދާލަތު ޕާޓީގެ ސްލޮޓެއްގައި އިސްލާމިކް މިނިސްޓަރުގެ މަގާމުގައި ހުންނެވި ޑރ. އަހުމަދު ޒާހިރު އަލީއާއި ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު މީގެ ކުރިން ވެސް ވަނީ އެމްޑީޕީގެ ކެންޑިޑޭޓް ރާޝިދުގެ ކެމްޕޭނުގައި ބައިވެރިވެ ވަޑައިގެން އޭނާއަށް ތާއިދު ހޯދުމަށް މަސައްކަތްްކުރައްވާފައެވެ.

އަދާލަތު ޕާޓީގެ އިތުރުން ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމުހޫރީ ޕާޓީން ވެސް މިހާރު ވަނީ އެމްޑީޕީގެ ކެންޑިޑޭޓަށް ތާއިދުކުރަން ނިންމާފައެވެ. އެހެން ނަމަވެސް ސަރުކާރު ކޯލިޝަންގައި ދެން ހިމެނޭ އެމްއާރުއެމުން ތާއިދު ކުރާނެ ކެންޑިޑޭޓެއް މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ. އެޕާޓީން މިއަދު ވަނީ އިންތިޚާބަށް ބޮޑެތި ނުފޫޒު ފޯރުވަމުންދާކަމަށް ތުހުމަތުކޮށް ބަޔާނެއް ވެސް ނެރެފައެވެ. އަދި މިއިންތިޚާބުގައި ރައްޔިތުންގެ ވިސްނުމަށް އެންމެ ރަނގަޅު ކެނޑިޑޭޓަކަށް ވޯޓު ދިނުމަށް އެޕާޓީން ވަނީ ގޮވާލާފައެވެ.

އަންނަ މަހުގެ ފަސް ވަނަ ދުވަހު މި އިންތިހާބު ބާއްވަން ނިންމާފައިވާއިރު، ކެނޑިޑޭޓުންގެ ކެމްޕޭން ފޯރި ވަނީ ވަރަށް ގަދަވެފައެވެ. އެމްޑީޕީގެ އިތުރުން އިދިކޮޅު ޕީޕީއެމާއި ދާދިފަހުން އުފެއްދި އެމްއެންޕީގެ ކެންޑިޑޭޓުން ވެސް އެއިންތިޚާބުގައި ވާދަކުރެއެެވެ.



ކިޔުންތެރިންގެ ހިޔާލު