ސަރުކާރުން ބޭނުންވީ މާލޭގެ ބަދަލުގައި ރާއްޖޭގެ ރަށްރަށުގައި ވެސް ބޮޑެތި މުބާރާތްތައް ކުޅެވޭނެ ގޮތަށް ބަދަލު ކުރަން ކަމަށް ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެެވެ.

މަހުލޫފް މިހެން ވިދާޅުވީ ޕްރެޒިޑެންޓްސް މުބާރާތުގެ ތަށި ރަސްމީކޮށް އަލިފުއްޓަށް ގެނައުމަށް މިއަދު ހަވީރު އެރަށު ބަނދަރު ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަަވަމުންނެެވެ. ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވީ ކުރިން މާލޭގައި ބޮޑު މުބާރާތެއް ކުޅޭ ނަމަ އަބަދުވެސް ރަށްރަށުން ދާން ޖެހޭނީ މާލެ އަށް ކަމަށެވެ.

އެހެން ނަމަވެސް ލީގު މެޗުތައް ކުޅުނަސް މާލޭގައި ކްލަބް ފުޓްބޯޅައިގެ ފޯރިއެއް ނެތް ކަމަށް މަހުލޫފް ވިދާޅުވިއެވެ.

މިނިސްޓަރު މަހުލޫފް ވިދާޅުވީ ހާލަތު ބަދަލުކޮށް، ރަށްރަށުގައި ވެސް ބޮޑެތި މުބާރާތްތައް ކުޅެވޭނެ ގޮތަށް ބަދަލު ކުރަން ސަރުކާރުން ބޭނުންވާކަމަށެވެ.

ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލް މެޗް ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު އަލިފުށީ ދަނޑުގައެވެ. ފައިނަލް މެޗްގައި ވާދަކުރަނީ ވެލެންސިއާ އާއި މާޒިޔާއެެވެ. މަހުލޫފް ވިދާޅުވީ މި މެޗަށް ރައްޔިތުން ނިކުމެ ދަނޑު ފުރާލާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.



މަހުލޫފް އިތުރަށް ވިދާޅުވީ އަލިފުށީގައި ސަރުކާރުން އެޅި ދަނޑަކީ ރަށްރަށުގައި ފީފާގެ މިންގަނޑަށް ވެސް ދަނޑު އެޅޭނެކަން ސާބިތުކޮށްދިނުމަށް ޓެސްޓް މަރުހަލާގެ ގޮތުގައި އެންމެ ފުރަތަމަ އެޅި ދަނޑުތަކުގެ ތެރެއިން ދަނޑެއް ކަމަށެވެ.

ސަރުކާރުން އަޅާ އިންޑޯ ސްޕޯޓްސް ކޮމްޕެލެކްސް އަލިފުށީގައި ގާއިމު ކުރަން ހަމަޖެހިފައިވާކަން މަހުލޫފް ވަނީ ހާމަކުރައްވާފައެވެ.

މި މެޗް ޝަރަފުވެރި ކޮށްދެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަޑައިގަންނަވަން ނިންމަވައިފައިވަނިކޮށް އެމަނިކުފާނު ކޮވިޑަށް ޕޮޒިޓިވްވުމުން އެ ދަތުރުފުޅު ވަނީ ކެންސަލްކުރަައްވާފައެެވެ.



ކިޔުންތެރިންގެ ހިޔާލު