މާލެއަށް އެއްފަސްކޮށް މީހުން ޖަމާކުރުމަށް ކުރީގެ ރައީސް އަބުދުﷲ ޔާމިން މަސައްކަތް ކުރައްވަނީ ރާއްޖޭގެ ރަށްތައް ވިއްކާލުމަށް ކަމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް މިރޭ ވިދާޅުވެއްޖެއެެވެ.

ހަސަން ލަތީފް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދުގެ ކެމްޕޭން ޖަލްސާގައި މިރޭ ވާހަކަ ދައްކަވަމުންނެެވެ. އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވީ، ރާއްޖޭގެ ރަށްތައް ވިއްކާލުމުގެ ތާރިޚެއް ރައީސް އަބުދު ﷲ ޔާމިންގެ، އޮންނާނެ ކަމަށެވެ.

އެގޮތުން ރާއްޖޭގައި ހުރި ފަޅުތައް ވިއްކާލައިގެން ލިބުނު ފައިސާ ރައީސް ޔާމިނުގެ އަތްޕުޅުގައާއި އެހެން ބައެއް ތަންތަނުގައި އެބަހުރި ކަމަށާއި އެމައްސަލަތައް ދައުލަތުގެ ޖިނާއީ އިޖުރާއަތުގެ ނިޒާމްގައި އެބަހުރި ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެެ.

ފ. އަތޮޅު ވިއްކާލަން ރައީސް ޔާމިން މަސައްކަތް ކުރައްވަމުން ގެންދަވަނިކޮށް އެކަން ހުއްޓުވީ އެމްޑީޕީން ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ. އަށާރަ އަހަރުވެފައިވާ ކޮންމެ މީހަކަށް މާލެއިން ފްލެޓެއް ދިނުމުގެ ބޭނުމަކީ ވެސް ރާއްޖޭގެ ރަށްތައް ވިއްކާލުން ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.

"ފަޅު ރަށެއް ނެތުނީމާ މިހާރު ސިޔާސަތެއް ގޮތަށް އެ ގެންގުޅުއްވާ ސިޔާސަތަކީ މި ރަށްތައް ފަޅުކުރުން، މިއީ ސަމާސާ އަކަށް ދައްކާ ވާހަކައެއް ނޫން. މިއީ ހަމަ ހަގީގަތް. ރައީސް ޔާމިން ފޮރުވިފައިވާ ހީލަތްތެރި ވިސްނުމެއް އެއީ ރާއްޖޭގެ މި ރަށްރަށް ފަޅުކޮށްފައި އެތަންތަން ވިއްކައިގެން އޭގެ ފައިދާ ރައީސް ޔާމިން ނެންގެވުން." ޙަސަން ލަތީފް ވިދާޅުވިއެވެ.

މީގެ އިތުރުން ހަސަން ލަތީފް ވިދާޅުވީ އެމްޑީޕީގެ ސިޔާސަތަކީ ލާމަރުކަޒީ އުސޫލުން ރާއްޖެ ތަރައްގީ ކުރުން ކަމަށެވެ. މާލެއަށް މީހުން ޖަމާކުރުމަށް ރައީސް ޔާމިން ގެންގުޅުއްވަނީ ދެކޮޅު ނުޖެހޭ ސިޔާސަތެއް ކަމަށް ހަސަން ލަތީފް ވިދާޅުވިއެެވެ. އެގޮތުން ރާއްޖޭގެ ރަށްތައް ތަރައްގީކުރާ ވާހަކަ އެމަނިކުފާނު ދައްކަވާއިރު ރަށްތަކުގެ މީހުން މާލެއަށް ޖަމާކުރުން ދެކޮޅު ނުޖެހޭ ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.

"ބައްލަވާ މާލޭގެ ފުލެޓެއްގެ ވާހަަކަ އެ ދައްކަނީ ދެ ކޮޓަރީގެ ފުލެޓެއްގެ ސައިޒު ތިބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، ކިހިނެއްތޯ މިއިން އާއިލާއެއް ގެނެސް އެތަނުގައި ދިރިއުޅުން ބަދަލުކޮށްގެން އެކަން ކުރާނީ. ކީއްކުރަންތޯ ރައީސް ޔާމިން އެވިދާޅުވާ ތަރައްގީ ހޮސްޕިޓަލް ހެދުމާއި ސުކޫލުތައް ހެދުމާއި މަގުތަށް ހެދުމާއި ފެނާ ނަރުދަމާ ގެ ޚިދުމަތް ދިނުމާއި މިކަންކަން ކޮށްފައި މިތަނުގައި ތިބި ރައްޔިތުން ގެންގޮސް މާލެ ސަރަހައްދުގައި ތިބޭ ކަމަށް ވައްޏާ އެސިޔާސަތު ދިމައެއް ނުވޭ." ހަސަން ވިދާޅުވިއެވެ.

މީގެ އިތުރުން ހަސަން ލަތީފް ވިދާޅުވީ ކޮމަންޑޫ ދާއިރާގެ ގޮނޑި ނުލިބުމުން އެމްޑީޕީއަށް ކުރަން ހުރި މަސައްކަތްތައް ނުކުރެވެނީ ނޫން ކަމަށެވެ. އެހެން ނަމަވެސް ރާއްޖެއަށް ގެއްލުން ހުރި ފިކުރުގެ އެންމެ ބޭފުޅެއް މަޖިލީހަށް އިންތިޚާބުވި ނަމަވެސް ދަތިވާނެ ކަމަށް ހަސަން ވިދާޅުވިއެެވެ.

"އެދަތިވާ ސަބަބަކީ ވަރަށް ރަނގަޅު ބޮޑު މަޝްރޫއެއް ހިންގަން ބޭނުންވޭ އެމްޑީޕީން. އެއީ ކުޑަކަމެއް ނޫން، ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމަށް ކުރަންޖެހޭ މަސައްކަތް ކުރުމަކީ ކުޑަކަމެއް ނޫން. އެކަމަކީ މުޅި ރާއްޖޭގެ ރައްޔިތުން އެކަމަށް އެއްބަސްވެގެން ހިންގަންޖެހޭ ކަމެއް،" ހަސަން ވިދާޅުވިއެވެ.

ހަސަން ލަތީފް މިހެން ވިދާޅުވެފައިވާއިރު މާލެ ސަރަހައްދުގައި އެއްފަސްކުރުން ކުރިއަށް ނުގެންދެވޭ މިންވަރަށް އަދި މާލެ ނުފުރޭކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވަނީ ވިދާޅުވެފައެެވެ. ރައީސް ޔާމިން ވިދާޅުވީ ރާއްޖޭގެ އެހެން ރަށްރަށުގައި މީހުން އެއްފަސް ކުރެވިދާނެތޯ ބަލަން ފައިސާ ހަރަދު ނުކުރައްވާނެ ކަމަށާއި އަދިވެސް އެ ސިޔާސަތު ކުރިއަށް ގެންދެވެން އޮތީ މާލެ ސަރަހައްދުގައި ކަމަށެެވެ.

"އެހެންވީމަ އެއްފަސްކުރުން މިކޮޅުގައި އޮންނާނީ. މިކޮޅުގަ އެއްފަސްކޮށްގެން މީހުންނަށް ނޫޅެވޭ ވަރަކަށް އަދި ފުރިގެންނެއް މާލެ ސަރަހައްދު ދާނެ ކަމަކަށް ގަބޫލެއް ނުކުރަން. އެއްފަސްކުރުމުގެ ހައްލަކަށް އަދިވެސް މި ބަލަނީ މާލެ އާއި މާލެ ސަރަހައްދު،" ރައީސް ޔާމީން ވިދާޅުވެފައި ވެއެވެ.

މީގެ އިތުރުން ރައީސް ޔާމީން ވިދާޅުވީ ރާއްޖޭގެ އެހެން ރަށްރަށުގައި މާލެ ސަރަހައްދުގައި ގާއިމްވެފައިވާ ވަސީލަތްތައް ގާއިމްވެފައި ނެތް ކަމަށެވެ. އެ ތަންތަނުގައި އެ ވަސީލަތްތައް ގާއިމް ކުރުމަށް ބޮޑެތި ހަރަދުތަކެއް ހިނގާނެ ކަމަށް ރައީސް ޔާމިން ވިދާޅުވެފައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު