އަންނަ ފެބްރުއަރީމަހުގެ 4 ވަނަ ދުވަހު ޗައިނާގެ ބެއިޖިންގައި ފަށާ ވިންޓަރ އޮލިމްޕިކްސްގެ ދަންމަރު ހިއްޕަވައިގެން ދުވެވަޑައިގަތުމުގެ ޝަރަފު ރާއްޖޭގެ ހާރިޖީ ވަޒީރު އަދި އދގެ އާއްމު މަޖިލީހުގެ ރައީސް (ނޢޣވ) އަބްދުﷲ ޝާހިދަށް ލިބިވަޑައިގެންފިއެވެ.

އދގެ އާއްމު މަޖިލީހުގެ ރައީސް އަބްދު ޝާހިދު ބޭރުގެ ބައެއް މީޑިއާތަކަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ވިންޓަރ އޮލިމްޕިކްސް ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމުގެ ދައުވަތު ލިބިވަޑައިގެންފައިވާ ކަމަށެވެ. އަދި އެ ރަސްމިއްޔާތުގައި އޮލިމްޕިކް ދަންމަރު ހިއްޕަވައިގެން ދުވެވަޑައިގަތުމުގެ ޝަރަފުވެސް ލިބިވަޑައިގެންފައިވާކަމަަށް ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ އޮލިމްޕިކް ކުޅިވަރު މުބާރާތުގެ ތެރެއިން މޮޅެތި އެތްލީޓުންގެ ހުނަރު ބައްލަވާލައްވައި، އެ އެތުލީޓުންނާއި ބައްދަލުކުރެއްވުމަށް އުއްމީދުކުރައްވާކަމަށެވެ. އަދި އޮލިމްޕިކް ދަންމަރު ހިއްޕަވައިގެން ދުވެވަޑައިގަތުމުގެ ޝަރަފު ލިބިވަޑައިގަތުމަކީ ވަރަށް އުފާވެރި އިހުސާސްތަކެއް ކުރެވޭކަމެއްކަމަށް ޝާހިދު ވިދާޅުވިއެވެ.



ފެބްރުއަރީމަހު އޮލިމްޕިކްސް ފަށާއިރު، އޮލިމްޕިކް ސުލްހައިގެ އެއްބަސްވުން ނެގެހެއްޓުމަށް އ.ދ.ގެ ޢާންމު މަޖިލީހުގެ ރައީސް ޢަބްދުالله ޝާހިދު ވަނީ އ.ދ.ގެ މެންބަރު ޤައުމުތަކަށް އިލްތިމާސް ކުރައްވާފައެވެ.

އ.ދ.ގެ ޢާންމު މަޖިލީހުގެ ރައީސް ޢަބްދުالله ޝާހިދު މި އިލްތިމާސް ކުރައްވާފައި ވަނީ މިދިޔަ އަހަރު ޑިސެމްބަރުގައި އާންމު މަޖިލީހުން ފާސްކުރި ގަރާރަކާއި ގުޅިގެންނެވެ. މި ގަރާރުގައި އޮލިމްޕިކް ސުލްހައިގެ އެއްބަސްވުމަށް އިހުތިރާމް ކުރުމަށް ގޮވާލާފައިވަނީ 27 ޖަނަވަރީ އިން 20 މާރިޗު 2022 އަށެވެ. އެއީ އޮލިމްޕިކް ވިންޓަރ ގޭމްސް ފެށުމުގެ ހަތް ދުވަސް ކުރިން ފެށިގެން، ޕެރަލިމްޕިކް ގޭމްސަށް ފަހު ހަތް ދުވަސް ހަމަވަންދެންނެވެ.

"އޮލިމްޕިކް މޫވްމަންޓުން އެދެނީ ކުޅިވަރުގެ ތައުލީމީ އަގުން، މުޅި އިންސާނިއްޔަތަށް ހާއްސަކޮށް ޒުވާނުންނަށް ސުލްހަވެރި މުސްތަގުބަލެއް ހޯދައިދިނުމަށް." ޝާހިދުގެ އިލްތިމާސްގައި އެދިވަޑައިގެންނެފައި ވެއެވެ.

އައިއޯސީގެ ރައީސް ތޯމަސް ބެޗް ވިދާޅުވީ އދގެ އާންމު މަޖިލީހުގެ ރައީސް އަބްދުالله ޝާހިދުގެ މި އިލްތިމާސަށް އައިއޯސީން ވަރަށް ބޮޑަށް މަރުހަބާ ކިޔާކަމަށެވެ. އަދި މި އެދިވަޑައިގެންނެވުމުގެ ނަތީޖާއެއްގޮތުން، އ.ދ.ގެ މެންބަރު 193 ޤައުމުގެ އިއްތިފާޤުން ފާސްކުރި އޮލިމްޕިކް ސުލްހައިގެ ޤަރާރުގެ މެސެޖް އިތުރަށް ވަރުގަދަވެގެން ހިނގައްޖެ ކަމުގައި ތޯމަސް ވިދާޅުވިއެވެ. އަދި މިއަދުގެ މި އިލްތިމާސާއިއެކު، އޮލިމްޕިކް ގޭމްސްއާއި، އައި.އޯ.ސީން ގެންގުޅޭ ސިޔާސީ ހަމަހަމަކަމަށް އ.ދ.އިން ތާއީދުކުރާކަން ހާމަވާކަމަށް ވެސް ތޯމަސް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު