އަހުމަދު މަސްނޫމް   23 ޖެނުއަރީ 2022 - 15:2
ސުޕްރީމް ކޯޓުގެ ހުކުމާއި އެއްގޮތަށް ގދ. ކާޑެއްދޫ އެއަރޕޯޓް ޢަންނަމަހުގެ ތެރޭގައި ވިލާ އެއަރއާއި ހަވާލުކުރަން ސަރުކާރުން ނިންމައިފިއެވެ.

50 އަހަރަށް ވިލާ އެއާރއަށް ކާޑެއްދޫ އެއަރޕޯޓް ދީފައި އޮއްވާ އެއްބަސްވުން ބާތިލުކުރުމަށްފަހު އެއަރޕޯޓް އަތުލީ ރައީސް ޔާމިންގެ ވެރިކަމުގައި 2017 ވަނަ އަހަރުއެވެ. ނަމަވެސް މިދިޔަ އަހަރު ސުޕްރީމް ކޯޓުން ވަނީ ކާޑެއްދޫ އެއާޕޯޓް ވިލާ އެއަރއާ ހަވާލުކުރުމަށް ހުކުމްކޮށްފައެވެ.

ވިލާއަށް އެއާޕޯޓް ދޭން ސުޕްރީމް ކޯޓުން ހުކުމް ކުރިނަމަވެސް މިހާތަނަށް އެތަން އެކުންފުންޏާއި ހަވާލުކޮށްފައެއް ނުވެއެވެ. ޓްރާސްޕޯޓް މިނިސްޓްރީން ބުނީ އެއްބަސްވުން ފައިނަލް ކުރުމުގެ އެންމެ ފަހުގެ މަސައްކަތްތައް މިހާރު ކުރަމުންދާކަމަށެވެ. އަދި އަންނަމަހުގެ ތެރޭގައި ކާޑެއްދޫ އެއާޕޯޓް ވިލާ އެއަރއާ ހަވާލުކުރެވޭނެކަމަށް މިނިސްޓްރީން ބުނެއެވެ.

ވިލާ އެއަރއިންވެސް ބުނީ ކާޑެއްދޫ އެއާޕޯޓް ހަވާލުކުރުމަށް އެގްރިމެންޓް ހެދުމަށްޓަކައި އެކުންފުނިން ކުރަންޖެހޭ ހުރިހާ މަސައްކަތެއް ނިންމާފައިވާ ކަމަށެވެ. އަދި ސަރުކާރުން ވަރަށް އަވަހަށް އެގްރިމެންޓް ގާއިމްކުރާނެކަމަށް އުއްމީދުކުރާކަމަށް އެ ކުންފުނިން ބުނެއެވެ.

ވިލާގެ ޗެއާމަނަކީ މި ސަރުކާރު ކޯލިޝަންގެ އެއް ލީޑަރު، އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމެވެ. ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާ ތަމްސީލް ކުރައްވާ މެންބަރު އަދި މަޝްހޫރު ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމްގެ ވިލާ އެއާގެ އަތުން ކާޑެއްދޫ އެއާޕޯޓް އަތުލީ ރައީސް ޔާމިން ސަރުކާރުން ގާނޫނާއި ޚިލާފަށް ހިންގަމުން ގެންދިޔަ އަމަލުތަކާއި ދެކޮޅަށް އެމަނިކުފާނު ފާޅުގައި ނުކުމެވަޑައިގެން ހައްގު ބަސް ވިދާޅުވާން ފެއްޓެވުމުން ކަމަށް އެމަނިކުފާނު ކުރިން ވިދާޅުވެފައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު