ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ކޮވިޑް-19އަށް ޕޮޒިޓިވްވެ ކޮމަންޑޫ ދާއިރާގެ ކެމްޕޭނުގައި ބައިވެރިވެވަޑައިނުގެންނެވުނަސް އެމަނިކުފާނު ނެތް ކަމުގެ އިހުސާސް ނުވާ ކަމަށާއި ކެމްޕޭނުގައި އުޅުއްވަނީ އެމަނިކުފާނާއިއެކު ކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ އެމްޑީޕީ ކެންޑިޑޭޓް މުހައްމަދު ރާޝިދަށް ތާއިދު ހޯއްދެވުމަށް ރޭ ފޯކައިދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަަވަމުންނެެވެ. މިޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ފޯކައިދޫއަށް ރައީސް ވަޑައިގަންނަވަން ހަމަޖެހިފައިވަނިކޮށް އިއްޔެ ހެނދުނު ރައީސް ސޯލިހް ގުޅުއްވައި ކޮވިޑަށް ޕޮޒިޓިވްވި ވާހަކަ ހިއްސާ ކުރެއްވި ކަމަށެވެ.

ކޮވިޑްގެ ހާލަތު ކުރިމަތިވެފައި އޮތުމުންނާއި، އެމަނިކުފާނަށް ދިން ބޮމުގެ ހަމަލައާއި ގުޅިގެން ދެ ރައީސުން އެކުގައި ދަތުރުުފުޅެއް ނުކުރައްވައި ގިނަ ދުވަސްވެފައިވާ ކަމަށާއި، އެހެން ނަމަވެސް މިހާރު ތިއްބެވީ ދެބޭފުޅުން އެކީގައި ދަތުރުކުރެވޭ ހާލަތުގައިކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ސޯލިހް ކޮވިޑް-19 އަށް ޕޮޒިޓިވްވުމުން ރައީސް ނަޝީދާއެކު ވަޑައިނުގަނެވުނަސް، ރައީސް ނަޝީދު ވަޑައިގެން ފޯރިއާއެކު އެމްޑީޕީގެ ކެންޑިޑޭޓަށް ކެމްޕޭން ކޮށްދެއްވަން ރައީސް އެދިވަޑައިގެންނެވި ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެެވެ.

"އެހެން ނަމަވެސް އަޅުގަނޑުމެންނަށް އެކީގައި ދަތުރުކުރެވޭ ގޮތަށް މިއޮތީ ރައީސް ވިދާޅުވީ އަންނި (ނަޝީދު) ދާށޭ، އަޅުގަނޑު މިހުރީ ރައީސާއެކު [ކެމްޕޭނަށް] އައިސް. ރައީސް އަޅުގަނޑު ގާތު ވިދާޅުވި މިގޮނޑީގެ ވާހަކަ، އަދި ފޯކައިދޫ މަރޮށީ ކޮމަންޑޫ ރައްޔިތުންގެ ތާއިދު އަޅުގަނޑުމެންނަށް އޮތުން ބޭނުންތެރިކަން." ރައީސް ޞާލިހާއެކު އޮތް ގުޅުން މިހާރު ރަނގަޅުވެފައިވާ ކަމާއި އަދި ރައީސާ ދެބޭފުޅުން ފޯނުން ގުލުއްވައި ދެއްކެވި ވާހަކަތައް ހިއްސާ ކުރައްވަމުން ރައީސް ނަޝީދު ވިދާޅުވިއެވެ.

ރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީ އަދި އިތުރު 10 އަހަރު ރާއްޖޭގެ ވެރިކަމުގައި އޮންނަން ޖެހޭ ކަމަށެވެ. އާންމު ހާލަތު ބަދަލުވުމަށް އެމްޑީޕީގެ ސިޔާސަތުތައް ބަލައިގަނެ ތަންފީޒުކުރަންޖެހޭ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެެ.

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހިމެނޭހެން ލީޑާޝިޕް ޓީމެއް ފޯކައިދޫއަށް ވަޑައިގެން އެމްޑީޕީ ކެންޑިޑޭޓް މުހައްމަދު ރާޝިދަށް ތާއިދު ހޯދުމަށް ޖަލްސާއެއް ބާއްވާފައިވާއިރު ކެމްޕޭންގެ ހަރަކާތްތަައް މިއަދު ވެސް އެރަށުގައި ވަނީ ކުރިއަށް ގެންގޮސްފައެވެ.



ކިޔުންތެރިންގެ ހިޔާލު