ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ ފެބްރުއަރީ 3 ގައި ބާއްވަން ތާވަލްކޮށްފިއެވެ.

މިއީ މިއަހަރުގެ ރިޔާސީ ބަޔާން އިއްވާ ޖަލްސާއެވެ. މި ޖަލްސާ ބާއްވަން ނިއްމައިފައިވަނީ ފެބްރުއަރީ 3 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 09:00 ގައި، މަޖިލިސް ކުރާ ގޭގައެވެ.

ޖަލްސާ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ފައްޓަވައިދެއްވުމުން ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ސާލިހުގެ ރިޔާސީ ބަޔާން އިއްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ގާނޫނުއަސާސީގެ 84 ވަނަ މާއްދާގައިވާ ބުނެފައިވަނީ ގައުމުގެ ހާލަތު ‏‏ބަޔާންކޮށްދީ އަދި ގައުމުގެ ހާލަތު އިތުރަށް ރަނގަޅު ކުރުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް ‏‏ހިމެނޭ ރިޔާސީ ބަޔާނެއް ރައްޔިތުންގެ މަޖިލީހަށް އިއްވެވުމަކީ ރައީސުލްޖުމްހޫރިއްޔާ އަށް ލާޒިމްކުރާ ކަމެއް ކަމަށެވެ. އެގޮތުން ރިޔާސީ ބަޔާނުގައި އާންމު ގޮތެއްގައި ގައުމުގެ ހާލަތު ބަޔާންކޮށްދޭއިރު، ގައުމުގެ ހާލަތު އިތުރަށް ރަނގަޅު ކުރުމަށްޓަކައި ކުރަންޖެހޭކަަމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެންނަ ކަންތައްތަކުގެ މައްޗަށް އަލިއަޅުއްވާލަންވާނެ ކަމަށް އެމާއްދާގައި ބުނެފައިވެއެވެ.

ރިޔާސީ ބަޔާން އިއްވާ ޖަލްސާ ބާއްވަން ތާވަލް ކޮށްފައިވާއިރު ރައީސް ސޯލިހް މިހާރު ހުންނެވީ ކޮވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެން ކަރަންޓީނުގައެވެ. ރައީސް ސޯލިޙް ކޮވިޑަށް ޕޮޒިޓިވްވިކަން އެނގިވަޑައިގަތީ ކެމްޕޭނަށް ށ. އަތޮޅަށް ފުރާވަޑައިގަތުމަށް ޕީސީއާރު ޓެސްޓް ހެއްދެވުމުންނެެވެ.

މި ރިޔާސީ ބަޔާނަކީ ރައީސް ސާލިހް އިއްވަވާ 4 ވަނަ ރިޔާސީ ބަޔާން ކަން ފާހަަގަކޮށްލެވެއެވެ.



ކިޔުންތެރިންގެ ހިޔާލު