ރާއްޖޭގައި ފެތުރެމުންދާ ކޮވިޑް-19ގެ އައު ވޭރިއަންޓު އޮމިކްރޮން މިހާތަނަށް 74 މީހެއްގެ ގައިން ފެނިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ އެޕިޑެމިއޮލޮޖިސްޓް، ޑރ. އިބްރާހީމް އަފްޒަލް މިއަދު ވިދާޅުވެއްޖެއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެޗްޕީއޭ ގެ އެޕިޑެމިއޮލޮޖިސްޓް ޑރ. އަފްޒަލް ވިދާޅުވީ ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ތެރެއިން 1،796 ސާމްޕަލެއް ރާއްޖެއިން ބޭރަށް ފޮނުވާ ޓެސްޓު ކޮށްފައިވާ ކަމަށެވެ. އޭގެތެރެއިން 74 ސާމްޕަލަކީ އޮމިކްރޮން ވޭރިއަންޓް ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ. އަދި މިމަހުގެ 11ވަނަ ދުވަހު ރާއްޖެއިން ބޭރަށް ޓެސްޓު ކުރުމަށް ފޮނުވި 100 ސާމްޕަލްގެ ތެރެއިން 51 ސާމްޕަލް އޮމިކްރޮނަށް ޕޮޒިޓިވްވެފައިވާކަން ޑރ. އަފްޒަލް ވަނީ ފާހަގަކުރައްވާފައެވެ.

ރާއްޖޭގެ 10 ރަށަކުން އޮމިކްރޮން ވޭރިއަންޓު މިހާތަނަށް ވަނީ ފެނިފައެވެ. އޭގެތެރޭގައި ހިމެނެނީ މާލޭގެ އިތުރުން ކ. ތުލުސްދޫއާއި އައްޑޫ ސިޓީއާއި ލ. ގަމާއި އެ އަތޮޅު މުންޑޫ އަދި އިސްދޫ އާއި ހދ. ވައިކަރަދޫ އާއި ހދ. ނޮޅިވަރަމާއި ފ. މަގޫދޫއެވެ.

ރާއްޖޭގެ ކޮވިޑްގެ ހާލަތު ވަނީ ވަރަށް ބޮޑަށް ނުރައްކާވެފައެވެ. އެގޮތުން ދުވާލަކު ޕޮޒިޓިވްވާ މީހުންގެ އަދަދު މިހާރު އުޅެނީ 2000 އިން މަތީގައި ކަން ފާހަގަކޮށްލެވެއެެވެ.



ކިޔުންތެރިންގެ ހިޔާލު