ޤައުމީ ޕޭމަންޓް ސިސްޓަމްގެ ޤާނޫނުގެ ދަށުން ދިވެހިރާއްޖޭގައި ޕޭމަންޓް ޚިދުމަތް ދިނުމުގެ ލައިސަންސް ދެ ފަރާތަކަށް މަރުކަޒީ ބޭންކް، އެމްއެމްއޭއިން ދީފިއެވެ.

އެމްއެމްއޭއިން ބުނީ ދިވެހިރާއްޖޭގައި އަލަށް އެކުލަވާލެވުނު ޤައުމީ ޕޭމަންޓް ސިސްޓަމްގެ ޤާނޫނުގެ ދަށުން އުރީދޫ މޯލްޑިވްސް ޕަބްލިކް ލިމިޓެޑަށް ދިވެހިރާއްޖޭގައި އިލެކްޓްރޯނިކް މަނީ އިޝޫކުރުމުގެ ޚިދުމަތާއި ރެމިޓަންސް ޚިދުމަތް ދިނުމަށް ބޭނުންވާ ޕޭމަންޓް ޚިދުމަތް ދިނުމުގެ ލައިސަންސް މިމަހުގެ 18 ވަނަ ދުވަހު ދީފައިވާކަމަށެވެ. އަދި ދިވެހިރާއްޖޭގެ ގުޅުން ޕަބްލިކް ލިމިޓެޑަށް (ދިރާގު) ދިވެހިރާއްޖޭގައި އިލެކްޓްރޯނިކް މަނީ އިޝޫކުރުމުގެ ޚިދުމަތް ދިނުމަށް ބޭނުންވާ ޕޭމަންޓް ޚިދުމަތް ދިނުމުގެ ލައިސަންސްވެސް މިމަހުގެ 18 ޖަނަވަރީ އެކުންފުންޏަށް ދީފައިވާކަމަށް އެމްއެމްއޭއިން ވިދާޅުވެއެވެ.

ޤައުމީ ޕޭމަންޓް ސިސްޓަމްގެ ޤާނޫނުގެ ދަށުން ޕޭމަންޓްގެ ޚިދުމަތް ދިނުމުގެ ލައިސަންސް ދޫކުރުމާއެކު، އެ ދެ ކުންފުނިންވެސް ޕޭމަންޓް ޚިދުމަތް ދެމުންގެންދާނީ އެ ލައިސަންސްގެ ދަށުން ކަމުގައި ވާތީ، ކުރިން އުރީދޫ މޯލްޑިވްސްއާއި ދިރާގަށް ދޫކޮށްފައިވާ މޮބައިލް ޕޭމަންޓް ޚިދުމަތް ދިނުމުގެ ލައިސަންސް ވަނީ ބާތިލް ކޮށްފައިކަމަށް އެމްއެމްއޭއިން ބުނެއެވެ.

އެމްއެމްއޭއިން ބުނީ އެ އޮތޯރިޓީން މަސައްކަތްކުރަމުން ގެންދަނީ ކުރިއަށް އޮތްތަނުގައިވެސް، ޤައުމީ ޕޭމަންޓް ސިސްޓަމް އިތުރަށް ހަރުދަނާކޮށް ތަރައްޤީކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން އެއް ވިއުގައެއް މެދުވެރިކޮށް ގިނަ ޕޭމަންޓް ޚިދުމަތްތަކެއް ރައްޔިތުންނަށް ލުއިފަސޭހަކަމާއިއެކު ފޯރުކޮށްދެވޭނެ ގޮތް މަގުފަހިކޮށްދިނުމަށްކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން