ކުލިނިކުތަކުން މީހުން ނުހޯދާ ޚިދުމަތްތައް ހޯދާފައިވާކަމަށް ބުނެ ބިލު ފޮނުވައިގެން އާސަންދައިން ފައިސާ ހޯދުމަށް އާސަންދައަށް ބިލު ފޮނުވި ދެ ކުލިނިކެއް ސަސްޕެންޑުކޮށްފިއެވެ.

އާސަންދައިގެ ޚިދުމަތްތައް އިތުރަށް ޑިޖިޓަލައިޒްކުރުމުގެ ގޮތުން ފާއިތުވި ޑިސެންބަރު މަހުގައި އެ ކުންފުނިން ވަނީ ހާއްސަ އެޕްލިކޭޝަނެއް ތައާރަފްކޮށްފައެވެ. އެ އެޕްލިކޭޝަނަކީ މީހަކު އާސަންދައިން ޚިދުމަތެއް ހޯދައިފިނަމަ އެކަން ފޯނަށް އަންގައިދޭ ނިޒާމެއް ތަރުތީބުކޮށްފައިވާ އެޕެެއް ކަމަށް އެ ކުންފުނިން ބުނެ އެވެ. ދެ ކްލިނިކަކުން މީހުން ނުހޯދާ ޚިދުމަތްތައް ހޯދާފައިވާކަމަށް ބުނެ ބިލު ފޮނުވައިގެން އާސަންދައިގެ ސަމާލު ކަމަށް އައީ އެޕްލިކޭޝަން މެދުވެރިކޮށެވެ.

އެ އެޕްލިކޭޝަން މެދުވެރިކޮށް އާންމުންގެ ފަރާތުން 325 ޝަކުވާ އާސަންދައަށް ވަނީ ހުށައަޅާފައެވެ. މީޑިޔާ އަށް މައުލޫމާތު ދެއްވަމުން އާސަންދަ ކުންފުނީގެ ޖެނެރަލް މެނޭޖަރު އާމިނަތު ޒިީނިޔާ ވިދާޅުވީ މި މައްސަލަތަކުގެ ތެރެއިން ފަނަރަ އިންސައްތަ މައްސަލައަކީ ނުހޯދާ ޚިދުމަތްތަކަށް ބިލުކުރުމާ ގުޅިގެން ހުށަހެޅި ޝަކުވާކަމަށެވެ.

މިހާތަނަށް އެއްކުރެވުނު މައުލޫމާތަށް ބަލާއިރު މި ކުލިނިކުތަކުން މީހުން ނުހޯދާ ޚިދުމަތަށް ބިލުކޮށްގެން ގިނަ އަދަދެއްގެ ފައިސާ އާސަންދައިން ހޯދާފައިވާ ކަމަށް ޒީނިޔާ ވިދާޅުވިއެވެ. އޭގެއިތުރަށް ބަލިމީހާގެ އަތުން ފައިސާ ނެގުމަށްފަހު ހަމަ އެ ޚިދުމަތަށް އާސަންދައިން ފައިސާ ނަގަމުންދާ މައްސަލަވެސް މި ތަހުގީގެ ތެރެއިން ފާހަގަވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންކަމުން ނުހޯދާ ޚިދުމަތަކަށް ފައިސާ ހޯދަން ކުލިނިކަކުން އުޅޭ ކަމަށް ޝައްކުވާ ހާލަތުގައި އާސަންދައިން ގުޅުމުން އެކަމާ ގުޅޭ ފުރިހަމަ މައުލޫމާތާއި ބަލިމީހާގެ ބައްޔާ ގުޅޭ މައުލޫމާތު ހިއްސާކުރަން އެ ކުންފުނިން ވަނީ އިލްތިމާސްކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު