އިސްލާމްދީނުގައި ކަން އޮންނަ ގޮތް އާންމުންނަށް ރަނގަޅަށް އޮޅުންފިލުވައިދޭނެ ދީނީ ޢިލްމުވެރިންނާއި ޓެރަރިސްޓު ހަމަލާޔަކުން ރައްކާތެރިވުމަށް ބޭނުންވާ އާލާތްތައް ފޮނުވައިގެން، އެމަސައްކަތް އިތުރަށް ވަރުގަދަކުރުމާ ބެހޭގޮތުން ރާއްޖެއާއި ސައުދީ އަރަބިޔާއިން މަޝްވަރާކޮށްފިއެވެ.

ހަރުކަށި ފިކުރާ ދެކޮޅަށް ގައުމުތަކުން ގުޅިގެން މަސައްކަތްކުރުމަށްޓަކައި ސައުދީ އަރަބިއްޔާއިން އުފައްދާފައިވާ އިސްލާމިކް މިލިޓަރީ ކައުންޓަ ޓެރަރިޒަމް ކޯލިޝަން (އައިއެމްސީޓީސީ)ގެ ސެކްރެޓަރީ ޖެނެރަލް، މޭޖަ ޖެނެރަލް މުޙައްމަދު ބިން ސަޢީދު އަލްމޮޣައިދީ އިއްޔެ ވަނީ ރާއްޖެ ވަޑައިގެންފައެވެ. އޭނާގެ މި ދަތުރުފުޅުގައި މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީއާއި، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލާ ވަނީ ބައްދަލު ކުރައްވާފައެވެ.

އެމްއެންޑީއެފުން ބުނީ މި ބައްދަލުވުން ތަކުގައި ޓެރަރިޒަމްގެ ނުރައްކަލާއި، ހައްދުފަހަނައަޅައި ދިއުމުގެ ނުރައްކާތަކުން ސަލާމަތްވުމަށް ދެ ގައުމުން ގުޅިގެން މަސައްކަތް ކުރެވޭނެ ގޮތްތަކާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވި ކަމަށެވެ.

ޑިފެންސް މިނިސްޓަރު މާރިޔާގެ އަރިހަށް އައިއެމްސީޓީސީގެ ސެކްރެޓަރީ ޖެނެރަލް ކުރެއްވި ޒިޔާރަތުގައި، އެމަނިކުފާނު ވަނީ، ޓެރަރިޒަމާއި ހަރުކަށި ފިކުރާ ދެކޮޅަށް ދިވެހިރާއްޖޭގެ ސަރުކާރުން ކުރައްވަމުން ގެންދަވާ މުހިންމު މަސައްކަތުގައި، އައިއެމްސީޓީ ކޯލިޝަންގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ޔަޤީންކަން ދެއްވާފައި ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

އިސްލާމްދީނުގައި ކަން އޮންނަ ގޮތް އާންމުންނަށް ރަނގަޅަށް އޮޅުންފިލުވައިދޭނެ ދީނީ ޢިލްމުވެރިންނާއި ޓެރަރިސްޓު ހަމަލާތަކުން ރައްކާތެރިވުމަށް ބޭނުންވާ އާލާތްތައް ފޮނުވައިގެން، މި މަސައްކަތް އިތުރަށް ވަރުގަދަކުރުމާ ބެހޭގޮތުން ދެފަރާތުން ވަނީ މަޝްވަރާކުރައްވާފައި ކަމަށް ވެސް އެމްއެންޑީއެފުން މައުލޫމާތުދެއެވެެ.

ޗީފް އޮފް ޑިފެންސް ފޯސްގެ އަރިހަށް އައިއެމްސީޓީސީގެ ސެކްރެޓަރީ ޖެނެރަލް ކުރެއްވި ޒިޔާރަތުގައި، ޓެރަރިޒަމްގެ ނުރައްކަލާއި، ހައްދުފަހަނައަޅައި ދިއުމުގެ ނުރައްކާތަކުން ސަލާމަތްވުމަށް ދެ ޤައުމުން ގުޅިގެން މަސައްކަތް ކުރެވޭނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާކުރެއްވި ކަމަށް އެމްއެންޑީއެފުން ބުންޏެެވެ. އަދި، ސައުދީ އަރަބިއްޔާގެ ވެރިރަށް ރިއާދުގައި ޤާއިމްކޮށްފައިވާ އައިއެމްސީޓީސީގެ ކައުންޓަރ ޓެރަރިޒަމް ސެންޓަރުގައި، ޑިޕްލޯއިކޮށްފައިވާ ދިވެހި ޤައުމީ ދިފާޢީ ބާރުގެ ކޮންޓިންޖަންޓްގެ ފަރާތުން އެ ކޯލިޝަނަށް ލިބެމުންދާ އެއްބާރުލުމާއި އެހީތެރިކަން ފާހަގަކުރައްވައި އައިއެމްސީޓީސީގެ ސެކްރެޓަރީ ޖެނެރަލް ވަނީ ދިވެހި އަސްކަރިއްޔާއަށް ޝުކުރު އަދާކުރައްވާފައި ކަމަށް އެމްއެންޑީއެފުން ހާމަކުރެއެެވެ.

ސައުދީ އަރަބިއްޔާގެ ވެރިރަށް ރިއާދުގައި ޤާއިމްކޮށްފައިވާ އައިއެމްސީޓީސީގެ ކައުންޓަރ ޓެރަރިޒަމް ސެންޓަރުގައި، 2020 ވަނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން، އެއް އަހަރުގެ މުއްދަތަށް ދިވެހި ޤައުމީ ދިފާޢީ ބާރުގެ ކޮންޓިންޖަންޓެއް ވަނީ ޑިޕްލޯއިކޮށްފައެވެ. އަދި، އެ ކޮންޓިންޖެންޓް ޑިޕްލޯއިކޮށްފައިވާ މުއްދަތު އިތުރުކޮށް، މިހާރު ވެސް އެސެންޓަރުގައި ދިވެހި ސިފައިންގެ ކޮންޓިންޖަންޓުން ޙަރަކާތްތެރިވަމުންދާކަން ފާހަގަަކޮށްލެވެއެވެ.

އިސްލާމީ ޤައުމުތަކުން ގުޅިގެން ޓެރަރިޒަމާއި ހަރުކަށި ފިކުރާ ދެކޮޅަށް މަސައްކަތްކުރުމަށްޓަކައި 2015 ވަނަ އަހަރު އުފެއްދި މި ކޯލިޝަންގައި 41 ޤައުމަކުންވަނީ ބައިވެރިވެފައެވެ. މި ކޯލިޝަންގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި ހިމެނެނީ އިސްލާމީ ޤައުމުތަކުން ގުޅިގެން ޓެރަރިޒަމާއި ހަރުކަށި ފިކުރާ ދެކޮޅަށް ސަލާމަތާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމާއި، މެމްބަރު ޤައުމުތަކުގެ މެދުގައި ޓެރަރިޒަމާ ގުޅުންހުރި މަޢުލޫމާތު ޙިއްސާކުރުމެވެ.



ކިޔުންތެރިންގެ ހިޔާލު