ވޯލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށި ރިސޯޓުގެ މުވައްޒަފުންނަށް މިމަހުގެ ސަރވިސް ޗާޖުގެ ގޮތުގައި ބައި ލައްކަ ރުފިޔާ ލިބިއްޖެއެވެ.

ފަތުރުވެރިކަމުގެ ދާއިރާގެ މުވައްޒަފުންގެ ހައްޤުތަކަށް ވަކާލާތު ކުރާ ރިސޯޓު ވޯކާސް މޯލްޑިވްސްއިން ބުނީ ވާލްޑޮފް އެސްޓޯރިއާ އިތާފުށީގެ މުވައްޒަފުންނަށް މިމަހު ސަރވިސް ޗާޖުގެ ގޮތުގައި 3320 ޑޮލަރު ލިބޭނެކަމަށެވެ. މިއީ ގާތްގަނޑަކަށް 51360 ރުފިޔާއެވެ.

ވާލްޑޮފް އެސްޓޯރިއާ އިތާފުށްޓަކީ ކޮންމެ މަހަކުވެސް އެންމެ ގިނައިން މުވައްޒަފުންނަށް ސަރވިސް ޗާޖު ދޭ އެއް ރިސޯޓެވެ.

މިމަހުގެ ދެވަނައަށް އެންމެ ގިނައިން ލިބިފައިވަނީ ވަން އެންޑް އޮންލީ ރީތި ރަށުގެ މުވައްޒަފުންނަށެވެ. އެ ރިސޯޓުގެ ސާވިސް ޗާޖުގެ ގޮތުގައި 3089 ޑޮލަރު ނުވަތަ 47،786 ރުފިޔާ ވަނީ ދީފައެވެ. އަނަންތާރާ ކިހާވައް އަދި ޕަޓީނާ މޯލްޑިވްސް ފަދަ ރިސޯޓުތަކުގައި ސާވިސް ޗާޖު 2000 ޑޮލަރަށް ވުރެ މައްޗެވެ.

ކޯވިޑަށްފަހު ރާއްޖޭގެ ފަތުރުވެރިކަން އަލުން ފަށައިގެން ކުރިއަށްދާއިރު ރާއްޖެ އަންނަ ފަތުުރުވެރިންގެ އަދަދުވެސް ދަނީ ދުވަހެއް ދުވަހަށް އިތުރުވަމުންނެވެ. މިއާއެކު ގިނަ ރިސޯޓުތަކުން ސަރވިސް ޗާޖު ދޭ މިންވަރު އާންމުގޮތެއްގައި އިތުރުވެއެވެ.

ޤާނޫނަށް ސަރުކާރުން މިހާރު ގެނެސްފައިވާ އިސްލާހާއެކު ސާވިސްޗާޖުގެ ގޮތުގައި ނަގާ ޢަދަދުގެ މަދުވެގެން 10 އިންސައްތަ މުވައްޒަފުންގެ މެދުގައި ބެހުމަށް ޤާނޫނުން މަޖުބޫރުކުރެއެވެ. މީގެ އިތުރުން މިއަހަރު ފެށުނުއިރު މިނިމަމް ވޭޖަށް އަމަލު ކުރަން ސަރުކާރުން ނިންމާފައިވުމުން ރިސޯޓު މުވައްޒަފުންގެ ތެރެއިން ގިނަ މުވައްޒަފުންގެ މުސާރަ މިމަހުން ފެށިގެން ބޮޑުވާނެއެވެ.



ކިޔުންތެރިންގެ ހިޔާލު