އެކި ނަންނަމުގައި ފޯނުން ގުޅައިގެން އިންޓަރނެޓް ބޭންކިންގ މެދުވެރިކޮށް ފައިސާގެ މުއާމަލާތްތައް ކުރުވައި މަކަރާއި ހީލަތުން އޮޅުވާލައިގެން ފައިސާ ހޯދާކަމުގެ ޝަކުވާތައް އަނެއްކާވެސް އިތުރުވަމުން އަންނަކަން ފާހަގަކުރެވިފައިވާކަމަށް ބީއެމްއެލުން ބުނެފިއެވެ.

މިގޮތުން ތަފާތު މުދަލާއި ހިދުމަތް ފޯރުކޮށްދޭ ފަރާތެއް ކަމަށް ބުނެ އެކި ކަސްޓަމަރުންނަށް ގުޅަމުންދާކަން ފާހަގަކުރެވޭކަމަށް ބީއެމްއެލުން ބުނެއެވެ. އަދި ސޯޝަލްމީޑިއާ އެކައުންޓްތަކުގެ އެކްސެސް ހޯދައި، އެ ބޭނުން ކޮށްގެންނާއި ބައެއް ފޭކު ޕޭޖުތައް ހަދައިގެން، މަކަރާއި ހީލަތުން ފައިސާ ހޯދާކަމުގެ މައުލޫމާތުވެސް އެ ބޭންކަށްވަނީ ލިބިފައެވެ. މި ކޯލްތަކުގައި ކަސްޓަމަރުންނަށް އޮޅުވާލުމުގެ ގޮތުން ވާހަކަދައްކަމުންދަނީ ވަރަށްވެސް ގަބޫލުކުރެވޭ ފަދަ ގޮތަކަށެވެ.

މިގޮތަށް އޮޅުވާލައިގެން ފައިސާ ހޯދުމުގެ ފުރުސަތު އެ ފަރާތްތަކަށް ނުދިނުމުގެ ގޮތުން، ސައްހަކަން ކަށަވަރު ނުކުރެވޭ ފަރާތްތަކަށް ދެއްވާ އޯޑަރުތަކަށް ތަކެތި ލިބުމުގެ ކުރިން ފައިސާ ނުދެއްކެވުމަށް ބޭންކުން އިލްތިމާސްކުރެއެވެ. އަދި ނުދަންނަ ފަރާތްތަކުން ގުޅައި ފައިސާ ފޮނުވައި ދިނުމަށް އެދި ކުރާ ކޯލްތަކަށް ޖަވާބު ނުދެއްވުމަށްވެސް އިލްތިމާސްކޮށްފައި ވެއެވެ. އަދި އެކި ނަންނަމުގައި ކުރާ ފޯނު ކޯލުތައް މެދުވެރިކޮށް ކަސްޓަމަރުންގެ ޒާތީ މައުލޫމާތާއި ބޭންކް އެކައުންޓް، އިންޓަރނެޓް ބޭންކިންގ އަދި ކާޑުގެ އެއްވެސް މައުލޫމާތެއް ހިއްސާ ނުކުރެއްވުމަށްވެސް ބޭންކުން އެދެއެވެ.

ރާއްޖެއާއި ރާއްޖޭން ބޭރުގައިވެސް އޮޅުވާލައިގެން ފައިސާ ހޯދާ ފަރާތްތަކުން ދަނީ އެކި ގޮަތްގޮަތަށް އެކި އުކުޅުތައް ބޭނުންކޮށްގެން މަކަރާއި ހީލަތުން ފައިސާ ހޯދަމުންނެވެ. އެހެންކަމުން ސައްހަކަން ކަށަވަރު ނުކުރެވޭ ފަރާތްތަކާއެކު ފައިސާގެ މުއާމަލާތްކުރުމުގައި އިތުރަށް ސަމާލުވުމަށް ބޭންކުން އެދެއެވެ.

"އަދި މިދަނޑިވަޅުގައި ވީހާވެސް ރައްކާތެރިކަމާއެކު ފައިސާގެ މުއާމަލާތްތައް ހިންގުމަށް ކަސްޓަމަރުންނަށް އިލްތިމާސްކުރަމެވެ." ބީއެމްއެލުން ބުނެފައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު