އެއްވެސް އިންވެސްޓަރެއް ރަށެއް ތަރައްޤީކުރަމުން އަންނަނިކޮށް އެ މިނިސްޓްރީން ޤާނޫނާއި ޤަވާއިދާ ޚިލާފަށް ނުހުއްޓުވާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބުދުﷲ މައުސޫމް ވިދާޅުވެއްޖެއެވެެ.

ޗައިނާގެ އިންވެސްޓަރުން ދިވެހިރާއްޖޭގައި ރިސޯޓު ތަރައްޤީކުރުމަށް ހިންގަމުން އައި ބައެއް ޕްރޮޖެކްޓްތައް ހުއްޓުވާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ. ސްރީލަންކާ އަށް ކުރެއްވި ދަތުރުފުޅުގައި އެގައުމުގެ ނޫހެއް ކަމަށްވާ "އިކޮނަމީ ނެކްސްޓް" ނަމަކަށް ކިޔާ ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ނަޝީދު ވިދާޅުވީ ޗައިނާ ކުންފުނިތަކުން ކޮންސްޓްރަކްޝަންގެ މަސައްކަތް ކުރަމުން ގެންދިޔަ ހައެއް ނުވަތަ ހަތް ރަށެއްގެ މަސައްކަތް ސަރުކާރުން ހުއްޓުވާފައިވާ ކަމަށާއި، އެމަސައްކަތް ހުއްޓުވާފައި އޮންނަތާ ގިނަ ދުވަސް ތަކެއް ވެފައިވާ ކަމަށެވެ. އަދި އެރަށްތަކުގެ ވެރިފަރާތް ކަނޑައެޅުމުގެ މަސައްކަތް ކޯޓުގައި ކުރިއަށްދާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެެ.

މިކަމާ ގުޅިގެން ޗައިނާގެ އިންވެސްޓަރުން ރާއްޖޭގައި ތަރައްޤީކުރަމުން އަންނަ އެއްވެސް ރިސޯޓެއްގެ މަސައްކަތް ސަރުކާރުން ހުއްޓުވާފައިވޭތޯ މީޑިޔާއިން ސުވާލު ކުރުމުން ޓުއަރިޒަމް މިނިސްޓަރު ޑރ. ޢަބްދުﷲ މައުސޫމް ވިދާޅުވީ އެއްވެސް ޑިވެލޮޕަރަކު ރަށެއް ތަރައްޤީކުރަމުން އަންނަނިކޮށް އެ މިނިސްޓްރީން ޤާނޫނާއި ޤަވާއިދާ ޚިލާފަށް ނުހުއްޓުވާނެ ކަމަށެވެ. އެހެން ނަމަވެސް އެކަމުގެ ތަފްސީލެއް މިނިސްޓަރު ދެއްވާފައެއް ނުވެއެވެ.

ޗައިނާގެ ކުންފުނިތަކުން ރާއްޖޭގައި ކުރިއަށް ގެންދާ ރިސޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުތަކެއް ސަރުކާރުން ހުއްޓުވާފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވި ނަމަވެސް އެފަދަ އެއްވެސް މައުލޫމާތެއް މިހާތަނަށް ދިވެހި ސަރުކާރުން ހާމައެއް ނުކުރެއެވެ.

ރައީސް ނަޝީދުވަނީ މީގެ ކުރިން ރައީސް ޢަބްދުﷲ ޔާމީނުގެ ވެރިކަމުގައި ޗައިނާއަށް ދިވެހިރާއްޖޭގެ ސޯޅަ ރަށެއް ވިއްކާލާފައިވާކަމަށް ތުހުމަތު ކުރައްވާފައެވެ. އެހެން ނަމަވެސް އެރަށްތަކުގެ ނަންތައް ހާމަކުރަން އެމަނިކުފާނު ވަނީ ދެކޮޅު ހައްދަވާފައެވެ.



ކިޔުންތެރިންގެ ހިޔާލު