ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރ، އެޗްއީއޯސީއަށް މުވައްޒަފުން ހޯދަން އިއުލާންކޮށްފިއެވެ.

އެޗްއީއޯސީއަށް ހޯދަން އިއުލާން ކޮށްފައިވަނީ 10 މެޑިކަލް އޮފިސަރުންނާއި، 60 ސާމްޕަލް ޓޭކަރުންގެ އިތުރުން 10 ސަޕޯޓް ސްޓާފުންނެވެ. މިމަގާމު ތަކަށް ކުރިމަތި ލުމުގެ ފަރުސަތު މިމަހުގެ 30 ވަނަ ދުވަހުގެ 14:00 އާ ހަމައަށް ވަނީ ހުޅުވާލާފަ އެވެ. އަދި މި މަގާމުތަކަށް މުވައްޒަފުން ނަގާނީ ހަމަސް ދުވަހުގެ މުއްދަތަކަށްކަމަށްވެސް އެ ސެންޓަރުން ބުނެއެވެ.

މި މަގާމުތަކުގެ ތެރެއިން މެޑިކަލް އޮފިސަރުންނަށް މުސާރައިގެ ގޮތުގައި މަހަކު 24،240 ރުފިޔާ ދޭގޮތަށް ވަނީ ކަނޑައަޅާފައެވެ. އަދި ސާމްޕަލް ޓޭކަރުންނާއި ސަޕޯޓް ސްޓާފުންނަށް މުސާރައިގެ ގޮތުގައި 7،500 ރުފިޔާ ވަނީ ކަނޑައަޅާފައެވެ. އަދި މި ފަރާތްތަކަށް އެލަވަންސް ދިނުމުގައި ތިން ގޮތަކަށް ވަނީ ބަހާލާފައެވެ.

އެގޮތުން ރިސްކު ބޮޑު މުވައްޒަފުންނަށް ދުވާލަކު 500 ރުފިޔާ، ހައި ރިސްކު މީހުންނާ ދިމާވާ މުވައްޒަފުންނަށް ދުވާލަކަށް 250 ރުފިޔާ އަދި އެޗްއީއޯސީގައި އެހެނިހެން މަސައްކަތްކުރާ އެންމެ ލޯ ރިސްކް މުވައްޒަފުންނަށް ދުވާލެއްގެ މައްޗަށް 200 ރުފިޔާ ދޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ.

އެޗްއީއޯސީން ބުނިގޮތުގައި މެޑިކަލް އޮފިސަރުން ހޯދުމުގެ އެންމެ ބޮޑު މަގްސަދަކީ ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ ތެރެއިން ގޭގައި ތިބޭ ބަލިމީހުންނާއި ކޮންޓެކްޓްވެގެން ކަރަންޓީންކުރެވިފައިވާ ފަރާތްތަކަށް އޮންލައިން ކޮންސަލްޓޭޝަން ހަދައި، އެފަރާތްތަކަށް ފަރުވާދިނުމަށް ކުރަންޖެހޭ ކަންކަން ކުރުމަށް ވަގުތީ ގޮތުން މަސައްކަތްކުރުންކަމަށެވެ.

ރާއްޖޭގައި އަނެއްކާވެސް ކޯވިޑް ފެތުރޭ މިންވަރު ވަނީ އިތުރުވެފައެވެ. އަދި އެކަމާއި ގުޅިގެން ބައެއް ފިޔަވަޅުތައްވެސް ވަނީ ހަރުދަނާކޮށްފައެވެ.

ރާއްޖެއިން އިއްޔެވެސް ވަނީ 2707 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައެވެ.

އިއްޔެ ބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ ގްރޭޓަރ މާލެ ސަރަހައްދުން ޕޮޒިޓިވްވި 1420 މީހަކާއި އެހެނިހެން ސަރަހައްދު ތަކުން ޕޮޒިޓިވްވި 1287 މީހުންނެވެ. މީގެ ތެރޭގައި ރިސޯޓުތަކުން ޕޮޒިޓިވްވި 94 މީހުންނާއި، އަތޮޅުތެރޭގެ ރަށްތަކުން ޕޮޒިޓިވްވި 761 މީހަކު ހިމެނެއެވެ.

އެޗްޕީއޭ ގެ ތަފާސްހިސާބުން ދައްކާގޮތުން މިވަގުތު ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ގެންދަނީ 52 މީހުންނަށެވެ. ކޮވިޑް ޖެހިގެން މިހާތަނަށް ރާއްޖޭގައި ނިޔާވި މީހުންގެ އަދަދު ވަނީ 270 އަށް އަރާފައެވެ.



ކިޔުންތެރިންގެ ހިޔާލު