ހިތަދޫ ޕޯޓްސް ލިމިޓެޑްގައި މަސައްކަތްކުރާ މުވައްޒަފުންނަށް މިނިމަމް ވޭޖު ނުވަތަ އެންމެ ކުޑަ އުޖޫރަ ދިނުމަށް، އެ މުވައްޒަފުންނަށް މީގެ ކުރިން ދެމުންއައި މުހިންމު ބައެއް އެލަވެންސްތައް ކަނޑާލައިފިއެވެ.

ހިތަދޫ ޕޯޓްސް ލިމިޓެޑްގެ ޗީފް މެނޭޖަރު އިބްރާހީމް ރަޝީދު ސޮއިކުރައްވައި އެ ކުންފުނީގެ މުވައްޒަފުންނަށް ފޮނުއްވި މެމޯއެއް ޝޯޝަލް މީޑިޔާގައި ވަނީ އާންމުވެފައެވެެ. އެ މެމޯގައި ވަނީ މީގެ ކުރިން މުވައްޒަފުންނަށް ދެމުން އައި ރިސްކް އެލަވެންސް އަދި ރިސްކް އެންޑް ހާޑްޝިޕް އެލަވެންސް ދިނުން ހުއްޓާލަން ނިންމާފައިވާ ކަމަށެވެ. މި ދެ އަލަވެންސްގެ ގޮތުގައި މުވައްޒަފުންނަށް މަހެއްގެ މައްޗަށް ގާތްގަނޑަކަށް 3،900 ރުފިޔާ ލިބެއެެވެ.

ކުންފުނީގެ މެމޯގައި ބުނެފައިވަނީ އެ އެލަވެންސްތައް ކަނޑައިލުމާއެކު އެންމެ ކުޑަ އުޖޫރަ ހަމަކުރުމަށް މުވައްޒަފުންނަށް މިނިމަމް ވޭޖު އެލަވެންސްގެ ގޮތުގައި 3،900 ރުފިޔާ ދިނުމަށް މިހާރު ނިންމާފައިވާ ކަމަށެވެ.

މިކަމާ ގުޅިގެން ހިތަދޫ ޕޯޓްސް ލިމިޓެޑްގެ ބަހެއް ލިބޭގޮތެއް ނުވެއެވެެ. މިމަހުގެ އެއްވަަނަ ދުވަހުން ފެށިގެން މިނިމަމް ވޭޖު ދޭން ފަށާފައިވާއިރު ސިވިލް ސާވިސް މުވައްޒަފުންނަށްވެސް މިނިމަމް ވޭޖު ދޭނީ އެލަވެންސެއްގެ ގޮތުގައި ކަމަށް ސަރުކާރުން މީގެ ކުރިން ވަނީ ބުނެފަައެެވެ.



ކިޔުންތެރިންގެ ހިޔާލު