ޔަމަނުގެ ހޫތީން ސައުދީ އަރަބިއްޔާއާއި ޔޫއޭއީއަށް އަމާޒުކޮށް އިއްޔެއާއި އޭގެ ކުރިން ދިން މިސައިލް އަދި ޑްރޯން ހަމަލާތައް ކުށްވެރިކުރާ ކަމަށާއި އެއީ މަޝްވަރާ އަށް އެޅޭ ހުރަހެއް ކަމަށް ދިވެހި ސަރުކާރުން ބުނެފިއެވެ.

ދިވެހި ޚާރިޖިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އާންމުން ދިރިއުޅޭ ސަރަހައްދުތަކަށާއި ސިނާއީ ސަރަހައްދުތަކަށް އަމާޒުކޮށްގެންދޭ މިފަދަ ހަމަލާތަކުން ސަރަހައްދީ ހަމަޖެހުމާއި މުޅި ދުނިޔޭގެ މަސްލަހަތު ނަގާލާކަމަށެވެ. މި ހަމަލާތަކަކީ ސުލްހައިގެ މަޝްވަރާތަކަށް އެޅޭ ހުރަހެއް ކަމަށް ޚާރިޖިއްޔާގެ ބަޔާނުގައިވެއެވެ. އަދި ސައުދީ އަރަބިއްޔާއާއި ޔޫއޭއީގެ ރައްޔިތުންނާއެކު ޓެރަރިޒަމާ ދެކޮޅަށް މަސައްކަތް ކުރުމުގައި އެއްބައިވެ ތިބި ކަމަށްވެސް އެ ބަޔާނުގައި ވަނީ ބުނެފައެވެ.

މިދިޔަ ދެ ދުވަހު ހޫތީން ވަނީ ސައުދީއާއީ ޔޫއޭއީއަށް އަމާޒުކޮށް ގިނަ ހަމަލާތަކެއް ދީފައެވެ.މީގެ ތެރެއިން އަބޫދާބީއަށް އަމާޒުވި ދެ މިސައިލެއް ވަނީ ވައިގެ ތެރެއިން ހުއްޓުވާފައިވާއިިރު ޔޫއޭއީގައި ހުންނަ އެމެރިކާގެ ވައިގެ މަރުކަޒު، އައް ދަފްރާއަށް އަމާޒުކުރި ދެ މިސައިލެއް އެމެރިކާ ސިފައިން ވަނީ ހުއްޓުވާފައެވެ.

ސައުދީ އަރަބިއާއަށް ހަމަލާދީފައިވަނީ އެ ގައުމުގެ ދެކުނުގެ ސިނާއީ ސަރަހައްދަކަށެވެ. މި ހަމަލާގައި އެ ގައުމުގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ ރައްޔިތަކަށާއި، ސޯމާލިއާގެ ރައްޔިތަކަށް އަނިޔާވެފައިވާ ކަމަށް މީޑިޔާ ރިޕޯޓްތަށް ބުނެ އެވެ.



ކިޔުންތެރިންގެ ހިޔާލު