ހިޔާ ފްލެޓްތައް ހުންނަ ސަރަހައްދުގައި މިއަދު ހަވީރު ސާމްޕަލް ކަލެކްޝަން ސެންޓަރެއް ޤާއިމްކުރުމަށް ނިންމައިފިއެވެ.

އެޗްޕީއޭއިން ބުނީ ހިޔާ ފްލެޓްތައް ހުންނަ ސަރަހައްދުގައި ސާމްޕަލް ކަލެކްޝަން ސެންޓަރު ޤާއިމްކުރާނީ އެޗް-8 ޓަވަރު ކައިރީގައި ކަމަށާއި އެތަން ހުޅުވިފައި ހުންނާނީ ކޮންމެ ދުވަހަކު ހަވީރު 3:30 އިން 6:30އަށް ކަމަށެވެ.

ހިޔާ ފްލެޓް ސާމްޕަލް ސެންޓަރެއް ޤާއިމްކުރަން ނިންމާފައިވާއިރު މިއީ މާލެ ސަރަހައްދުގައި ގާއިމުކުރާ ފަސްވަނަ ސާމްޕަލް ސެންޓަރެވެ.

ހުޅުމާލޭގައި މިހާރުވެސް ސާމްޕަލް ސެންޓަރެއް ހުރެއެވެ. އެއީ ހުޅުމާލެ ރުއްގަނޑު އެކެއް، ސަރަހައްދުގައި ހުންނަ ސެންޓަރެވެ.

މާލޭގައިވެސް ހެންވޭރު ދަނޑުގައި، އަދި ސޯޝަލް ސެންޓަރުން ސާމްޕަލް ނަގައިދޭނެއެވެ. އަދި ވިލިމާލޭ ފުލޫ ކުލިނިކުގައި ވެސް ސާމްޕަލް ސެންޓަރެއް ހުރެއެވެ.

ރާއްޖޭގައި މިހާރު ވަނީ އެންޓިޖެން ޓެސްޓު ހަދަންވެސް ފަށާފައެވެ. މި ޓެސްޓުގެ ނަތީޖާ 15 މިނިޓާއި 30 މިނެޓްގެ ތެރޭގައި ލިބޭނެ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

އެޗްޕީއޭއިން ބުނީ ހެންވޭރު ދަނޑާއި ހުޅުމާލެ ރުއްގަނޑު ސަރަޙައްދުގައި ޤާއިމުކޮށްފައިވާ ސެންޓަރުގައި އެންޓިޖެންޓް ޓެސްޓު ހަދަން ފަށާފައިވާކަމަށެވެ. މީގެ އިތުރުން މާލޭގެ ސޯޝަލް ސެންޓަރާއި ސެނަހިޔާގައި ވެސް މި ޓެސްޓު ހަދަމުން ދާ ކަމަށް އެޗްޕީއޭއިން މަޢުލޫމާތުދެއެވެ.

މިއީ ރައީސް ޞާލިޙްގެ އެންގެވުމުގެ މަތިން ހަމަޖެއްސި ކަމެއް ކަމަށާއި، ބަލީގެ އެއްވެސް އަލާމާތެއް ހުރި ނަމަ މި ތަންތަނަށް ގޮސް ރެޕިޑް ޓެސްޓް ހެދޭނެ ކަމަށް ރައީސް އޮފީހުންވެސް ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު