2021ގެ ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސް، ސީ.ޕީ.އައިއިން ދިވެހިރާއްޖެ 3 ޕޮއިންޓް ދަށަށް ވެއްޓިއްޖެ އެވެ.

ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސް، (ސީ.ޕީ.އައިއިން ދިވެހިރާއްޖެ 3 ޕޮއިންޓް ދަށަށް ދިޔައިރު، މި ލިސްޓުގައި ހިމެނޭ ގައުމުތަކުގެ ރޭންކިންގައިވެސް ރާއްޖެ ވަނީ 10 ގިންތި ދަށަށް ވެއްޓިފައެވެ. މި އިންޑެކްހުން ދައްކާ ގޮތުގައި ދިވެހިރާއްޖެ އަދިވެސް ހިމެނެނީ 50 ޕޮއިންޓުން ދަށުން ސްކޯ ކުރާ ތިންބައި ކުޅަ ދެބައި ގައުމުތަކުގެ ތެރޭގައެވެ.

2020 ވަނަ އަހަރުގެ ސީ.ޕީ.އައިއިން ދިވެހިރާއްޖެއަށް ލިބުނީ 180 ގައުމުގެ ތެރެއިން 75 ގިންތިއާއެކު 43 ޕޮއިންޓް ކަމުގައި ވީނަމަވެސް 2021 ގައި ދިވެހިރާއްޖެއަށް ލިބިފައިވަނީ 85 ވަނަ ގިންތި އަދި 40 ޕޮއިންޓެވެ.

މި ނަތީޖާ ނެރުމަށްޓަކައި ރިއާޔަތްކޮށްފައިވަނީ ބައިނަލްއަގްވާމީ 3 މަސްދަރަކަށެވެ. އެއީ ގްލޯބަލް އިންސައިޓް ކަންޓްރީ ރިސްކް ރޭޓިންގްސް، ވެރައިޓީސް އޮފް ޑިމޮކްރަސީ ޕްރޮޖެކްޓް އަދި ވޯލްޑް ބޭންކް ކަންޓްރީ ޕޮލިސީ އެންޑް އިންސްޓިޓިއުޝަނަލް އެސެސްމަންޓް (ސީޕީ.އައިއޭ)އެވެ. ގްލޯބަލް އިންސައިޓް ކަންޓްރީ ރިސްޓް ރޭޓިންގްސް އަދި ވެރައިޓީސް އޮފް ޑިމޮކްރަސީ ޕްރޮޖެކްޓްގެ ޑާޓާ އެއްކޮށްފައިވަނީ ޖެނުއަރީ 2020 އިން ޖެނުއަރީ 2021 އަށެވެ. އަދި ވޯލްޑް ބޭންކް ސީ.ޕީ.އައި.އޭ ގެ ޑާޓާ އެއްކޮށްފައިވަނީ ޖެނުއަރީ 2019 އިން ޖެނުއަރި 2020 އަށެވެ،



ދިވެހިރާއްޖޭގެ ހިންގުމުގެ ނިޒާމަށް ކުރިއެރުން އައިސްފައިވީނަމަވެސް ކޮރަޕްޝަނާއި ދެކޮޅަށް މަސައްކަތްކުރުމަށް ހެދިފައިވާ ގާނޫނުތަކަށް އަމަލުކުރުމުގައްޔާއި ތަންފީޒުކުރުމުގައި ދިވެހިރާއްޖެ އަދިވެސް ފަހަތަށް ޖެހޭކަމަށް 2021 ގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

ހަމަ އެހެންމެ، ދިވެހިރާއްޖޭގައި މައްސަލަތައް ތަހުގީގުކޮށް، ދައުވާކޮށް، އަދި ތަންފީޒުކުރުން ބަލިކަށިވުމުގެ ސަބަބުން ސިޔާސީ ފަރާތްތަކާއި ދައުލަތުގެ މުވައްޒަފުން ޒިންމާދާރު ނުކުރެވޭކަމަށް ރިޕޯޓްގައިވެއެވެ. އަދި ސީ.ޕީ.އައި އިންޑެކްސްގެ މެދުދަރަޖައިގެ ރޭންކެއް ރާއްޖެއަށް ލިބުން ރަމްޒުކޮށްދެނީ، ގްރޭންޑް ކޮރަޕްޝަން ފަދަ ކޮރަޕްޝަންގެ ބޮޑެތި އަމަލުތައް އޮތްކަމެވެ. އަދި ސަރުކާރުގެ މަތީ މަގާމުތަކުގައި ތިބޭ މުއްސަނދި މަދު ބަޔަކު ގިނަ ބައެއްގެ ހައްގުތައް ނަގާލާއި އަމިއްލަ މަންފާ ހޯދަމުންދާކަމަށް ރިޕޯޓްގައިވެއެވެ. ވީމާ، ވަގުތީ ހައްލެއް ހޯދުމުގެ ބަދަލުގައި މި މައްސަލަތަކައް އެކަށީގެންވާ ހައްލެއް ހޯދަންޖެހޭކަން، ވަރަށް ސާފުކަމަށް ޓްރާންސްޕޭރަންސީން ބުނެއެވެ.

ސީ.ޕީ.އައިއަކީ ދުނިޔޭގެ 180 ގައުމެއްގައި ދައުލަތްތައް ހިންގުމުގައި ކޮރަޕްޝަން އަށަގަނެފައިވާކަމަށް ގަބޫލުކުރެވޭ މިންވަރު ބެލުމަށް ކޮށްފައިވާ ސާވޭތަކާއި ފަންނީ މާހިރުންގެ ހޯދުންތަކުގެ އަލީގައި އެ ގައުމުތައް ގިންތިކޮށް ޕޮއިންޓްދޭ އިންޑެކްސް އެކެވެ. މި އިންޑެކްސްގައި ބޭނުންކުރަނީ ސުމަކުން ފެށިގެން ސަތޭކައާއި (0 - 100) ދެމެދުގެ މިންގަނޑެއް ކަމަށް ވާއިރު ސުމެއް ލިބެނީ ވަރަށް ކޮރަޕްޓް ގައުމުތަކަށެވެ. އަދި 100 ލިބެނީ ކޮރަޕްޝަންގެ އަމަލުތައް މަދު، ހިންގުމުގެ ނިޒާމު ސާފު އަދި ހާމަކަން ބޮޑު ގައުމުތަކަށެވެ.



ކިޔުންތެރިންގެ ހިޔާލު