ރަށްރަށަށް ދަތުރުކުރާއިރު ރެޕިޑް އެންޓިޖެން ޓެސްޓް ޤަބޫލުނުކުރާނެކަމަށާއި، ދަތުރުކުރާއިރު ޤަބޫލުކުރާނީ ޕީސީއާރް ޓެސްޓެއްކަމަށް އެޗްޕީއޭއިން މިއަދު ބުނެފިއެވެ.

އެޗްޕީއޭއިން މިހެން ބުނެފައި މިވަނީ ރާއްޖޭގައި ވަގުތުން ނަތީޖާ ލިބޭ ރެޕިޑް އެންޓިޖެން ޓެސްޓް ހަދަން ފަށަފައިވާ ދަނޑިވަޅެއްގައެވެ.

އެޗްޕީއޭއިން މިއަދު ނެރުނު އިއުލާނެއްގައި ބުނީ ރެޕިޑް އެންޓިޖެން ޓެސްޓް ހެދިނަމަވެސް ދަތުރުކުރުމުގެ ބޭނުމަށް ހަދަން ޖެހޭނީ ޕީސީއާރް ޓެސްޓް ކަމަށެވެ. އަދި ރެޕިޑް ޓެސްޓުގެ ހަދައިގެން އެއްވެސް ތަނަކަށް ދަތުރު ނުކުރެވޭނެކަމަށް އެޗްޕީއޭއިން ބުނެއެވެ.

އެޗްޕީއޭގެ އުސޫލުގައިވާ ގޮތުން އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުމުގެ ކުރިން 72 ގަޑިއިރު ހަމަނުވާ ޕީސީއާރް ޓެސްޓުގެ ނެގެޓިވް ނަތީޖާއެއް އޮންނަން ޖެހެއެވެ.

ރެޕިޑް ޓެސްޓަކީ ކޮވިޑްގެ އަލާމާތްތައް ހުންނަ މީހުން ހަދަން ޖެހޭ ޓެސްޓަކަށްވާއިރު، ރެޕިޑް ޓެސްޓެއްގެ ނަތީޖާ ޤަބޫލުނުކުރަން ނިންމީ އެއްވެސް އަލާމާތެއް ނެތި ހަދާ ޓެސްޓުގެ ނަތީޖާ ރަނގަޅު ނުވެދާނެތީކަމަށް އެޗްޕީއޭއިން ބުނެއެވެ.

ރެޕިޑް ޓެސްޓަކީ ނަތީޖާ 15 މިނިޓާއި 30 މިނެޓްގެ ތެރޭގައި ލިބޭނެ ޓެސްޓެކެވެ.

އެޗްޕީއޭއިން ބުނީ ހެންވޭރު ދަނޑާއި ހުޅުމާލެ ރުއްގަނޑު ސަރަޙައްދުގައި ޤާއިމުކޮށްފައިވާ ސެންޓަރުގައި އެންޓިޖެންޓް ޓެސްޓު ހެދޭނެކަމަށެވެ. މީގެ އިތުރުން މާލޭގެ ސޯޝަލް ސެންޓަރާއި ސެނަހިޔާގައި ވެސް މި ޓެސްޓު ހަދަމުން ދާ ކަމަށް އެޗްޕީއޭއިން މަޢުލޫމާތުދެއެވެ.

މިއީ ރައީސް ޞާލިޙްގެ އެންގެވުމުގެ މަތިން ހަމަޖެއްސި ކަމެއް ކަމަށާއި، ބަލީގެ އެއްވެސް އަލާމާތެއް ހުރި ނަމަ މި ތަންތަނަށް ގޮސް ރެޕިޑް ޓެސްޓް ހެދޭނެ ކަމަށް ރައީސް އޮފީހުންވެސް ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު