ސިއްހީ ޚިދުމަތް ފަދަ އަސާސީ ޚިދުމަތްދޭ ތަންތަން ތަޅު އަޅުވައިގެން ތިބުމަށް އިދިކޮޅަށް ޖާގަ ނުދެއްވާނެ ކަމަށް ހެލްތް މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެއެެވެ.

ހެލްތު މިނިސްޓަރު އަހުމަދު ނަސީމް މިހެން ވިދާޅުވީ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ކެމްޕެއިންގެ ތެރެއިން ށ. މަރޮށީގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެެވެ. މިޖަލްސާގައި ވާހަކަ ދައްކަވަމުން ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވީ ރަށެއްގެ ހެލްތު ސެންޓަރުގައި ޑޮކްޓަރެއް ނުވަތަ ނަރުހެއް މަދު ވުމުން ރައްޔިތުން ނުކުމެ އެތަނުގައި ތަޅު އެޅުވުމަކީ ގާނޫނާ ޚިލާފު ކަމެއް ކަމަށާއި، އެފަދަ ކަންކަމަކީ ކުރީގެ ރައީސް ޔާމިންގެ އިރުޝާދުގެ ދަށުން ހިންގަމުން ގެންދާ ކަންތައް ތަކެއް ކަމަށެވެ.

އެފަދަ ގާނޫނާ ޚިލާފު ކަންކަން ނުކުރުމަށް ނަސީމް ވަނީ ރައްޔިތުންނަށް އިލްތިމާސް ކުރައްވާފައެވެ. ރައީސް ޔާމިން ހިންގަވާ އިންޑިއާ އައުޓް ކެމްޕޭނާއި ބެހޭގޮތުން ވާހަކަ ދައްކަވަމުން ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވީ އެހަރަކާތް ހުއްޓުވަންޖެހޭ ކަމަށެވެ. ގާތްގަނޑަކަށް 17 އަހަރުވަންދެން ރައީސް ޔާމީނާއެކު މަސައްކަތް ކުރެއްވި ކަމަށާއި، އެއީ އެއްގޮތަކަށްވެސް ވެރިކަމަށް ގެންނަން ހެޔޮވާވަރުގެ ބޭފުޅެއް ނޫން ކަމަށް ނަސީމް ވިދާޅުވިއެވެ.

ސިއްހީ ޚިދުމަތް ފަދަ އަސާސީ ޚިދުމަތްދޭ ތަންތަން ތަޅު އަޅުވައިގެން ތިބުމަށް އިދިކޮޅަށް ޖާގަ ނުދެއްވާނެ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެފައިވާއިރު ބ. ކުޑަރިކިލުގައި ޑޮކުޓަރެއް ނެތި ގިނަ ދުވަސްތަކެއް ވެފައިވާ ކަމަށް ބުނެ ރައްޔިތުންގެ ތެރެއިން ބަޔަކު ނިކުމެ ވަނީ ސިއްހީ މަރުކަޒު ބަންދުކޮށް ތަޅު އަޅުވާފައެވެ.

އެކަމާ ގުޅިގެން ސަރުކާރުން މިހާރު ވަނީ ކުޑަރިކިއްޔަށް ޑޮކުޓަރެއް ފޮނުވައިގެން އެމައްސަ ހައްލުކޮށްފަ އެެވެ.



ކިޔުންތެރިންގެ ހިޔާލު