ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ކެމްޕެއިނަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ކޮމަންޑޫ ދާއިރާއަށް ފުރާވަޑައިގެންފިއެވެ.

ގާސިމް އިބްރާހިމް ކޮމަންޑޫ ދާއިރާއަށް ވަޑައިގެންނެވިއިރު، އެމަނިކުފާނުގެ އަރިހުގައި ޖުމްހޫރީ ޕާޓީގެ އިސް ބޭފުޅުންނާއި ސަރުކާރު އެކި މަޤާމުތަކުގައި ތިއްބެވި ޖުމްހޫރީ ޕާޓީގެ މެމްބަރުން ބައިވެރިވެވަޑައިގަންނަވެއެވެ. އޭގެ ތެރޭގައި އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު އަހުމަދު، (ހަނަފީ) އާއި އެންވަޔަރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަލީ ސާލިހުވެސް ހިމެނިވަޑައިގަންނަވައެވެ.

ގާސިމް އިބްރާހިމް ކޮމަންޑޫ ދާއިރާއަށް ވަޑައިގަންނަވަނީ އެ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރައްވާ އެމްޑީޕީގެ ކެނޑިޑޭޓް މުހައްމަދު ރާޝިދުގެ ކެމްޕެއިނަށެވެ.

ޖުމްހޫރީ ޕާޓީން ބުނީ މިދަތުރުގައި ކޮމަންޑޫ ދާއިރާގެ 3 ރަށަށް ގާސިމް ވަޑައިގަންނަވާނެއެވެ. އަދި މައުލޫމާތު ލިބިފައިވާ ގޮތުގައި އެމްޑީޕީގެ ކެނޑިޑޭޓްގެ ކެމްޕެއިންގައި ބައިވެރިވެވަޑައިގެންނެވުމަށް ގާސިމް ކުރައްވާ ދަތުރުފުޅުގައި ބައިވެރިވެވަޑައިގަތުމަށް މިމަހުގެ 29 ވަނަ ދުވަހު ރައީސް ސާލިިހުވެސް އެ ދާއިރާއަށް ވަޑައިގަންނަވާނެއެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ކެމްޕެއިން ފޯރިއާއެކު ކުރިއަށްދާއިރު، އެ އިންތިޚާބު އޮންނަނީ އަންނަމަހުގެ 5 ވަނަ ދުވަހުއެވެ.

ކޮމަންޑޫ ދާއިރާގެ ކެމްޕެއިނަށް ގާސިމް އެ ދާއިރާއަށް ވަޑައިގަންނަވާއިރު، މީގެކުރިން ރައީސް ސާލިހު ވަނީ އެދާއިރާގެ ކޮމަންޑޫއަށް ވަޑައިގެން ކެމްޕެއިން ޖަލްސާއެއް ބާއްވަވާފައެވެ. އަދި އޭގެފަހުން މަޖިލިސް ރައީސް މުހައްމަދު ނަޝީދާއި، ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދާއި ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ އަދި ނާއިބު ރައީސް ފައިސަލް ނަސީމްވެސް ވަނީ އެ ދާއިރާއަށް ވަޑައިގެންނަވާފައެވެ.

އަނެއްކޮޅުން އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންވެސް ވަނީ ކޮމަންޑޫ ދާއިރާގެ ކެމްޕެއިނަށް އެ ދާއިރާގެ 3 ރަށަށް ވަޑައިގަންނަވާފައެވެ.



ކިޔުންތެރިންގެ ހިޔާލު