ގައުމީ މަސްލަހަތު ހިމެނޭ މައްސަލަތަކެއް ތަހުގީގްކުރަމުންދާކަމަށް އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހުން ހާމަކޮށްފިއެވެ.

އިންތިޤާލީ އިންސާފުގެ ގާނޫނުގައި ބުނެފައިވާ ގޮތުން އެ އޮފީހަށް ތަހުޤީގުކުރެވޭނީ 1953ގެ ޖެނުއަރީ މަހުން ފެށިގެން 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17ގެ ނިޔަލަށް ހިނގާފައިވާ އިންސާނީ ހައްގުތަކާއި ކަރާމާތާއި ގުޅުންހުރި މައްސަލަތަކެވެ.

އެ އޮފީހުން ބުނީ ދައުލަތުގެ މުއައްސަސާއަކުން ނުވަތަ ދައުލަތުގެ ވެރިއެއްގެ ފަރާތުން ނިޒާމީ ސިފައެއްގައި ރާވައިގެން ހިންގާފައިވާ އިންސާނީ ޙައްޤުތަކާއި އަސާސީ މިނިވަންކަމާ ޚިލާފު ޢަމަލުތަކާއި ގުޅޭ މައްސަލަތައް ހުށައެޅުމަށް ހުލުވާލި ފުރުޞަތުގައި 488 މައްސަލައެއް ހުށައަޅާފައިވާކަމަށެވެ. އަދި އޭގެ ތެރެއިން 452 މައްސަލައެއް ބަލައި ގަތުމަށް ނިންމާފައިވާކަމަށް އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހުން ބުނެއެވެ.

އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހުން ބުނީ އެ އޮފީހަށް ހުށަހެޅިފައިވާ މައްސަލަތަކުގެ ތެރެއިން 7 މައްސަލައަކީ ގައުމީ މަސްލަހަތާއި ގުޅުން ހުރި މައްސަލަތައްކަމަށެވެ.

އިންތިޤާލީ އިންސާފުގެ އޮފީހަށް ހުށައެޅި މައްސަލަތަކުގެ ތެރެއިން ރައްޔިތުންނާއި ގުޅުންހުރި، ގައުމީ މަސްލަހަތު ހިމެނޭ 7 މައްސަލައެއް ތަހުގީގްކުރުމަށް ނިންމާފައިވާކަމަށްވެސް އެ އޮފީހުން ބުނެފައި ވެއެވެ.

ގައުމީ މަސްލަހަތު ހިމެނޭކަމަށް ފާހަގަވެފައިވާ މައްސަލަތަކުގެ ތެރޭގައި:-

• 1959 އިން 1966 އަށް ރާއްޖޭގެ ދެކުނު އަތޮޅު 4 އަތޮޅުގައި ހިނގި ހަމަނުޖެހުމާއި ގުޅިގެން ތިނަދޫ ރައްޔިތުން ރަށުން ބާލާ ދައުލަތުގެ ފަރާތުން ލާއިންސާނީ އަނިޔާދީ، އެތަކެއް އަސާސީ ހައްގުތަކެއް ގެއްލިފައިވާކަމަށް ބުނެ ހުށައަޅާފައިވާ މައްސަލަ

* ދެ އަތޮޅެއްގެ ފަޅުރަށްތަކާއި އެހެނިހެން ރިސޯޓްތަކުން އަތޮޅަށް މަންފާ ނުލިބޭގޮތަށް ބޭނުންކޮށް، ދައުލަތުގެ ވަސީލަތްތަކުން ހަމަހަމަކަމާއެކު މަންފާ ނުލިބުމުން އަތޮޅުގެ ރައްޔިތުންގެ އިންސާނީ ހައްގުތަކަށް އަސަރުކުރާކަމަށް ބުނެ ހުށައަޅަފައިވާ މައްސަލަ

• ކުރީގެ ރައީސް އަލްއަމީރު މުޙައްމަދު އަމީން ދީދީ ދެކޮޅަށް ލާއިންސާނީ އަމަލުތަކެއް ހިންގާ އަސާސީ ހައްގުތަކުން މަހްރޫމްކޮށް، އިންސާފުވެރި ޝަރީޢަތެއް ހިންގުމަށް ފުރުޞަތު ނުލިބޭގޮތަށް ހިންގި އަމަލުތަކާއި ގުޅިގެން ހުށައެޅި މައްސަލަ

• 2012 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ 5،6، އަދި 7ގައި ފުލުހުންނާއި އެމްއެންޑިއެފުން ޤައުމީ ޓީވީއަށް ވަދެ ޚިޔާލުފާޅުކުރުމާއި ދެކޮޅަށް ހިންގި އަމަލުތަކާއި، އެދުވަސްތަކުގައި އެއްވެ އުޅުމާއި ދެކޮޅަށް ހިންގި ލާއިންސާނީ އަމަލުތަކާ ދެކޮޅަށް ހުށައަޅާފައިވާ މައްސަލަ

• 2018 ވަނަ އަހަރުގެ ފެބުރުއަރީ 1އިން ފެށިގެން 1 އޭޕްރީލް 2018އަށް ޤާނޫނާ ޚިލާފަށް މީހުން ހައްޔަރުކޮށް އިންސާފްވެރި ޝަރީއަތުން މަހްރޫމްކޮށް އިންސާނީ ހައްގުތަކާ ޚިލާފަށް ހިންގި އަމަލުތަކާ ގުޅިގެން ހުށައަމެޅި މައްސަލަ

• 1953 އިން 2018އަށް މާލެ ސަރަހައްދުގައި ދައުލަތުން ހިންގި ގެދޮރުވެރިކަމުގެ މަޝްރޫޢުތަކުން މަހްރޫމްކޮށް، އަސާސީ ހައްގާ އިންސާނީ ހައްގުތަކާއި ގުޅޭ މައްސަލަ

• 1 މެއި 2015 ގައި މާލޭގައި ބޭއްވި އެއްވުމާއި ގުޅިގެން، ސަލާމަތީ ބާރުތަކުން އިންސާނީ ހައްގުތަކާއި ޚިލާފަށް ހިންގި އަމަލުތަކާއި އަސާސީ ހައްގުތަކުން މަހްރޫމް ކުރުމަށް ހިންގި އަމަލުތަކާއި ގުޅޭގޮތުން ހުށައަޅާފައިވާ މައްސަލަ

އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހުން ބުނީ އެ އޮފީހަށް ހުށައަޅާފައިވާ މައްސަލަތަކުގެ ތެރެއިން ސުލްހަ ނުކުރެވޭ މައްސަލަތަކެއްނަމަ ކޯޓް މަރުހަލާއަށް ފޮނުވާނެކަމަށެވެ. އެގޮތުން މަދަނީ މައްސަލަތައް އޭޖީ އޮފީހަށް އަދި ޖިނާޢީ މައްސަލައެއްނަމަ ފޮނުވާނީ ޕީޖީ އޮފީހަށެވެ.

ޤާނޫނު ބުނާގޮތުން އެ އޮފީހަށް ހުށައަޅާ މައްސަލައެއް ގިނަވެގެން 2 އަހަރު ދުވަހުގެ ތެރޭގައި ތަހުޤީގުކޮށް ނިންމަން ޖެހެއެވެ.



ކިޔުންތެރިންގެ ހިޔާލު