އައްޑޫ ސިޓީގައި ކޯވިޑަށް ޕޮޒިޓްވާ މީހުން އިތުރުވަމުންދާތީ، އެ ސިޓީގައި ސާމްޕަލް ނަގާ އުސޫލަށް ބަދަލުތަކެއް ގެނެސްފިއެވެ.

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުން ބުނީ ސާމްޕަލް ނަގާ އުސޫލަށް ބަދަލުތަކެއް ގެނައީ، ކޯވިޑް ކޭސްތައް ވަރަށް ބޮޑަށް އިތުރުވެ، ސާޕްމަލް ނެގުމަށް ދަތިތަކެއް ކުރިމަތިވުމުންނެވެ. މިގެނައި ބަދަލުތަކުގެ ތެރޭގައި ގޭގެއަށް ގޮސް ސާމްޕަލް ނެގުން މެދުކަނޑާލުމަށް ނިންމާފައިވާކަމަށް އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުން ބުނެއެވެ.

ގޭގެއަށް ގޮސް ސާމްޕަލް ނެގުން ހުއްޓާލާފައިވާއިރު، އައްޑޫ ސިޓީގައި ވަނީ ސާމްޕަލް ޕޮއިންޓުތަކެއް ގާއިމްކޮށްފައެވެ. އަދި އެތަންތަނުން ސާމްޕަލް ނަގަނީ ރިލީޒް ސާމްޕަލް، ކޮންޓެކްޓް ސާމްޕަލް އަދި ކޮންޓެކްޓުންގެ ތެރެއިން ޢަލާމާތްތައް ހުންނަ މީހުންގެ ސާމްޕަލެވެ.

ސާމްޕަލް ނަގާ ޕޮއިންޓްތަކުގެ ގޮތުގައި އައްޑޫގެ މަރަދޫއާއި މަރަދޫފޭދޫ އަވަށުގައި ގާއިމްކޮށްފައިވަނީ ދަމަނަވެއްޓެވެ. އަދި ފޭދޫ އަވަށުގެ ސާމްޕަލް ޕޮއިންޓަކަށް ހަމަޖައްސާފައިވަނީ ފޭދޫ ސިއްހީ މަރުކަޒެވެ. އައްޑޫގެ ހުޅުދޫއާއި މީދޫ އަވަށުގެ ސާމްޕަލް ޕޮއިންޓަކަށް ހުޅުމީދޫ ފްލޫ ކްލިނިކް ހަމަޖައްސާފައިވާއިރު ހިތަދޫ އަވަށުގެ ސާމްޕަލް ޕޮއިންޓަކަށް ހަމަޖައްސާފައިވަނީ ހިތަދޫ ފްލޫ ކްލިނިކެވެ.

އައްޑޫގައި މިވަގުތުވެސް ކޯވިޑް ޖެހިފައި 800 އެއްހާ މީހުން އެބަތިއްބެވެ. އަދި ކޮންމެ ދުވަހަކުވެސް 100 އެއްހާ މީހުން އައްޑޫ ސިޓީން މިހާރު ދަނީ ޕޮޒިޓިވްވަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު