ޔޫތު މިނިސްޓްރީން ކުރިއަށްގެންދާ "ހަފްތާރެސް" ޕްރޮގްރާމް ފުވައްމުލައް ސިޓީގައި ފަށައިފިއެވެ.

ފުވައްމުލައް ސިޓީގައި ހަފްތާރެސް ޕްރޮގްރާމް ކުރިއަށްގެންދަނީ މިނިސްޓްރީ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓާއި ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރާއި ފުވައްމުލައް ސިޓީ ކައުންސިލް ގުޅިގެނެވެ.

ޔޫތު މިނިސްޓްރީން ކުރިއަށްގެންދާ "ހަފްތާރެސް" ޕްރޮގްރާމަކީ މުޖުތަމަޢުގައި ހުންނަ މައްސަލަތައް ޙައްލުކުރުމަށް ކަމާ ގުޅޭ އިދާރާތައް ގުޅިގެން މަސައްކަތް ކުރެވޭނެ މާޙައުލެއް ޤާއިމުކުރުމަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.



ފުވައްމުލަކު ސިޓީގައި ކުރިއަށްގެންދާ ޕްރޮގްރާމް އަމާޒުކޮށްފައިވަނީ އަމާން ވިލުންވެރި މުޖުތަމަޢެއް ބިނާކުރުމަށްޓަކައެވެ. އަދި މި ޕްރޮގްރާމްގައި ސިޓީ ކައުންސިލްގެ ވެރިންނާއި ފެމިލީ އެންޑް ޗިލްޑްރެންސް ސަރވިސް ސެންޓަރުގެ އިތުރުން ފުވައްމުލައް ސިޓީގެ އެކި އިދާރާތަކުގެ ވެރިންނާއި ސްކޫލްގެ ވެރިންނާއި މުދައްރިސުންނާއި ބެލެނިވެރިންނާއި ގުޅިގެން މަސައްކަތްކުރުމަށް ވަނީ ހަމަޖެހިފައެވެ.

މީގެއިތުރުން ޒުވާނުންނަށް އަމާޒުކޮށްގެން ބާއްވާ ޔޫތް މާކެޓަކާއެކު ހަފްތާރެސްގެ ޢާއިލީ ހަވީރުވެސް ކުރިއަށްދާނެއެވެ.

މިފަހަރުގެ ޕްރޮގްރާމް ފުވައްމުލަކު ސިޓީގައި ކުރިއަށްގެންގޮސްފައިވާއިރު، މީގެކުރިން 4 އަތޮޅެއްގައި މި ޕްރޮގްރާމް ކުރިއަށްގެންގޮސްފައިވެއެވެ. އަދި މި ޕްރޮގްރާމަކީ ކާމިޔާބު ޕްރޮގްރާމެއްކަމަށް ޔޫތު މިނިސްޓްރީން ބުނެއެވެ.

އެންމެ ފުރަތަމަ މާލެއާއި ހުޅުމާލޭގެ އިތުރުން ވިލިމާލޭގައި ކުލަގަދަކޮށް ބޭއްވުމަށްފަހު އަތޮޅުތެރެއިން ލ. އަތޮޅާއި ކުޑަހުވަދޫގައި ވެސް ހަފްތާރެސް ވަނީ ބާއްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު