ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ހިމާޔަތްކުރާ މީހުންގެ ކައުންސިލުގެ އިންތިހާބީ މަގާމުތަކަށް ކުރިމަތިލުމަށް ޖެންޑަރ މިނިސްޓްރީން ހުޅުވާލައިފިއެވެ.

ޖެންޑާ މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ ހަތަރު ދާއިރާއަކުން އެ ކައުންސިލަށް މެންބަރުން އިންތިހާބުކުރުމަށް ހަމަޖެހިފައިވާކަމަށެވެ. އެ ދާއިރާތަކަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރެއިން އެމީހުން ހޮވާ މެންބަރަކާއި، ނަފްސާނީ ބަލިތަކާބެހޭ ހިދުމަތްތެރީންގެ ތެރެއިން އެމީހުން ހޮވާ މެންބަރަކާއި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ބެލެނިވެރިން ނުވަތަ ބަލަދުވެރިންގެ ތެރެއިން އެމީހުން އިންތިހާބުކުރާ މެންބަރެއްގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ހިމާޔަތްކުރުމަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ހޮވާ މެންބަރަކު ކަމަށް ޖެންޑަރ މިނިސްޓްރީ ނެރުނު އިއުލާނުގައި ބުނެފައިވެއެވެ.

ޖެންޑަރ މިނިސްޓްރީން ބުނީ އެ ކައުންސިލަށް ކުރިމަތިލާ މެންބަރުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރެއިން ހޮވާ މެންބަރަކީ އެފަދަ މީހުންގެ ދަފްތަރުކުރެވިފައިވާ މީހަކަށް ވާންޖެހޭނެ ކަަމަށެވެ. އަދި އެމީހަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުގައި ވަކާލާތުކުރާ މީހަކަށް ވާންޖެހޭއިރު، އެމީހަކީ ހާއްސަ އެހީތެރިކަން ބޭނުންވާ ފަރާތަކަށް ޖިސްމާނީ ނުވަތަ ޖިންސީ އަނިޔާއެއް ކުރުމުގެ ރެކޯޑެއް ނެތް މީހަކަށް ވާން ޖެހޭނެ ކަމަށް އެ މިނިސްޓްރީން ބުނެ އެވެެ.

މީގެ އިތުރުން ނަފްސާނީ ބަލިތަކާ ބެހޭ ސިއްހީ ހިދުމަތްތެރިންގެ ތެރެއިން ހޮވާ މެންބަރަކީ އެ ދާއިރާއިން ދަށްވެގެން ފުރަތަމަ ޑިގުރީއެއް ހާސިލު ކުރުމާއެކު، މަދުވެގެން ތިން އަހަރުދުވަހުގެ ތަޖުރިބާ ހުރި މީހަކަށް ވާންޖެހޭނެ ކަމަށް ޖެންޑަރ މިނިސްޓްރީން މައުލޫމާތުދެއެވެ. އަދި އެމީހަކީ މޯލްޑިވްސް އެލައިޑް ހެލްތު ކައުންސިލުގައި ރަޖިސްޓްރީ ވެފައިވާ މީހަކަށް ވާން ޖެހޭއިރު އަނިޔާއެއް، ނުވަތަ އިހުމާލެއްގެ ރެކޯޑެއް ނެތް މީހަކަށް ވެސް ވާންޖެހޭނެ ކަމަށް ޖެންޑަރ މިނިސްޓްރީން ބުނެ އެވެ.

ޖެންޑަރ މިނިސްޓްރީން ބުނީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ބެލެނިވެރިންގެ ތެރެއިން ހޮވާ މެންބަރަކީ ބެލެނިވެރިއެއްގެ ގޮތުގައި ދަފްތަރުކުރެވިފައިވާ މީހަކަށް ވާންޖެހޭނެ ކަމަށެވެ. އަދި ހާއްސަ އެހީތެރިކަން ބޭނުންވާ މީހަކަށް އަނިޔާއެއް ކުރުމުގެ ނުވަތަ އިހުމާލެއް ވުމުގެ ރެކޯޑެއް ނެތުމާއި، އެފަދަ މީހުންގެ ހައްގުގައި ވަކާލާތުކުރުމަކީ ވެސް އެ މެންބަރުގެ ޝަރުތުތަކުގެ ތެރޭގައި ވަނީ ހިމަނާފައެވެ.

އެ ކައުންސިލުގެ އިންތިހާބަށް ކުރިމަތިލާ މީހުން ފޯމް ހުށަހެޅުމަށް ކަނޑައެޅިފައިވާ ސުންގަޑިއަކީ މިމަހުގެ 30 ވަނަ ދުވަހުގެ 14:00 އެވެ. އެ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ 19ވަނަ ދުވަހު ކަމަށް ޖެންޑަރ މިނިސްޓްރީން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު