ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އަކީ ސިޔާސީ ނިންމުންތައް ނިންމާ ތަނެއްކަމަށް ރައްޔިތުން ނުދެކޭ ކަމަށް ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒް މިރޭ ވިދާޅުވެއްޖެއެެވެ.

ޓީވީ ޕްރޮގުރާމެއްގައި ވާހަކަ ދައްކަަވަމުން ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒް ވިދާޅުވީ، ކޮަމަންޑޫ ދާއިރާގެ މަޖިލިސް އިންތިޚާބު ބޭއްވުމާއި ފަސްކުރުމުގެ ދައުރެއް އެޗްޕީއޭގެ އޮތް ކަމަށް ދެކިވަޑައިނުގަންނަވާ ކަމަށާއި އެކަމަކީ އެޗްޕީއޭގެ ޓެކްނިކަލް ޓީމުން ކުރަންޖެހޭ ކަމެއް ނޫން ކަމަށެވެ.

އެޗްޕީއޭގައި ތިއްބެވީ ސިޔާސީ ބޭފުޅުން ނޫން ކަމަށާއި އެތަނަކީ ސިޔާސީ ނިންމުންތަކެއް ނިންމާތަނެއް ނޫން ކަމަށް ޝިފާޒް ވިދާޅުވިއެވެ. އަދި އެގޮތަށް ދިވެހި ރައްޔިތުން ވެސް ނުދެކޭ ކަމަށް ޝިފާޒް ވިދާޅުވިއެެވެ.

އެމްޑީޕީން ކޮމަންޑޫ ދާއިރާގެ މަޖިލިސް އިންތިޚާބުގެ ކެމްޕޭން ކުރިއަށް ގެންދަނީ އެޗްޕީއޭއިން ކަނޑައަޅާފައިވާ ގައިޑްލައިންގައި ވާގޮތަށް ފިޔަވަޅުތައް އަޅައިގެން ކަމަށާއި އެގޮތަށް ކުރިއަށް އޮތްތާގައި ވެސް އަމަލު ކުރަމުންދާނެ ކަމަށް ޝިފާޒް ވިދާޅުވިއެވެ.

"އިންތިޚާބަކާއި އެޗްޕީއޭ އަކާއި ގުޅުމެއް އޮތް ކަމަށް އަޅުގަނޑެއް ނުދެކެން، އަޅުގަނޑު ދެކޭގޮތުގައި އެބޭފުޅުން (އެޗްޕީއޭ) އަންގާނެ މާދަމާ ވެސް ކަމެއް ކުރަން ވެއްޖެއްޔާ އަނެއް ދުވަހު ވެސް ކަމެއް ކުރަން ވެއްޖެއްޔާ، އަދި އިންތިޚާބަށްފަހު ވެސް ކަމެއް ކުރަންވެއްޖެއްޔާ އަޅުގަނޑުމެން ރައްޔިތުން ޖެހޭނީ އެބޭފުޅުން އަންގާ އެންގުމެއްގެ ތެރޭގައި ދިރިއުޅެން." އެމްޑީޕީގެ ނާއިބް ރައީސް މުހައްމަދު ޝިފާޒް ވިދާޅުވިއެެވެ.

ޝިފާޒް މިހެން ވިދާޅުވި ނަމަވެސް ކޮވިޑާއި ގުޅިގެން އެޗްޕީއޭއިން އަޅާ ފިޔަވަޅުތަކާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. އެވޮތުން އެޗްޕީއޭއިން ނިންމާ ބައެއް ނިންމުންތަކުގައި ސިޔާސީ ނުފޫޒު އޮންނަ ކަމަށް ބައެއް ރައްޔިތުން ތުހުމަތުކުރެއެވެ.



ކިޔުންތެރިންގެ ހިޔާލު