ރާއްޖޭގެ ކަންކަން އަބަދުވެސް ހަލާކުގެ ތެރެއަށް ވައްޓާލަނީ ރާއްޖޭގެ ޖުޑީޝަރީގެ ބޭއިންސާފު ކަމާއި ތަފާތު ކުރުންތަކުގެ ސަބަބުން ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިރޭ ވިދާޅުވެއްޖެ އެވެ.

ޑރ.ޝަހީމް މިހެން ވިދާޅުވީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނު ކަމަށް ތުހުމަތުކޮށް ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގެ ޝަރީއަތް ފަށާނީ ކޮވިޑްގެ ހާލަތު ރަގަޅުވުމުން ކަމަށް ކްރިމިނަލް ކޯޓުން ބުނެފައިވަނިކޮށް ވ. އާރަށުގައި ރިސޯޓެއް ތަރައްގީ ކުރުމަށް ކުންފުންޏަކަށް އެރަށް ވިއްކާލައިގެން ލިބުނު ފައިސާ އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށް ފައިސާ ލޯންޑާ ކުރުމުގެ ތުހުމަތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާގެ އަޑުއެހުމެއް މާދަމާ ބޭއްވުމަށް ނިންމުމާއި ގުޅިގެން އެކަމަށް އިޝާރަތް ކުރައްވަމުންނެވެ.

އިދިކޮޅު ކޯލިޝަންގެ އެޑްވައިޒަރު ކަމުގެ މަގާމުގައި ހުންނެވި ޑރ. މުހައްމަދު ޝަހީމް ވިދާޅުވީ ރާއްޖޭގެ ކަންކަން އަބަދުވެސް ހަލާކުގެ ތެރެއަށް ވައްޓާލަނީ ރާއްޖޭގެ ޖުޑީޝަރީގެ ބޭއިންސާފު ކަމާއި ތަފާތު ކުރުންތަކުގެ ސަބަބުން ކަމަށެވެ. އަދި ފަނޑިޔާރުގެއަކީ ދުނިޔޭގެ އެދުމާއި ފައިސާގެ ދަހިވެތި ކަމުގައި ޖެހިފައިވާ ފަނޑިޔާރުގެއެއް ނަމަ އެއީ ގައުމެއްގެ ހަލާކު ކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ.



އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައިގައި މަހްލޫފްގެ މައްޗަށް ދައުލަތުން ވަނީ ރިޝްވަތު ހިފުމުގެ ދައުވާ އުފުލާފައެވެ. އެ މައްސަލައިގެ ޝަރީއަތް ފެށުމަށް މިމަހުގެ 19 ވަނަ ދުވަހު ތާވަލްކުރުމަށްފަހު އިދާރީ މައްސަލަ އެއް ޖެހިގެން ކަމަށްބުނެ އެ ޝަރީއަތް ފަހުން ވަނީ ކެންސަލްކޮށްފައެވެ.

އޭގެފަހުން ކްރިމިނަލް ކޯޓުން ބުނެފައިވަނީ އެމައްސަލަ ދެން ޝެޑިއުލްކުރާނީ ކޮވިޑުގެ ހާލަތު ރަނގަޅުވުމުން ކަަމަށެވެ.

ޢެމްއެމްޕީއާރުސީގެ މައްސަލައިގައި ރައީސް ޔާމިންގެ މައްޗަށް އުފުލާފައިވާ ދެ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް މާދަމާ 9 ޖަހާއިރަށް މިހާރު ވަނީ ތާވަލްކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު