ހިޖުރީ ސަނަތުން 1441 ވަނަ އަހަރުގެ ޝައްވާލު މަހުގެ 1 ވަނަ ދުވަހު، އާދެ ބަރަކާތްތެރި ކުޑަ އީދު ދުވަހު، މާލޭގައި ލޮކްޑައުންގައި ހުރެ ތިޔަބޭފުޅުންނާ މި ހިއްސާކޮށްލަނީ މީގެ 72 އަހަރު ކުރިން، 1369 ވަނަ އަހަރުގެ ޝައްވާލު މަހުގެ 1 ވަނަ ދުވަހު ނުކުތް "ސަރުކާރުގެ ޚަބަރު" ނޫހުގައި ފާދިއްޕޮޅު ނައިފަރު فضيلة الشيخ عبدالله فهمي ديدي الأزهري ލިޔުއްވާފައިވާ މަޒުމޫނެކެވެ. މިއީ އެ މަނިކުފާނު އެ އަތޮޅަކަށް ނިސްބަތްވާ ފާދިއްޕޮޅުގައި އީދު ފާހަގަކުރެވެމުން އައި ގޮތުގެ މައްޗަށް ލިޔުއްވާފައިވާ މަޒުމޫނެކެވެ. މަޒުމޫނު މި ނަކަލުކުރަނީ ލިޔުއްވާފައިވާ ގޮތަށް އަކުރުން އަކުރަށެވެ.

"ފާދިއްޕޮޅުގެ عِيد ގެ އުފާވެރި مَنْظَرُ

رمضان މަހުގެ ފަހު ދިހަޔަށް އަޅައިގަތީމާ އަތޮޅުތެރޭގައި އުފާވެރި އައު شعورއެއް ހިގާން ފަށައިފައެވެ. ރަށުތެރެއާއި ގޯތިތައް زينةވާން ފަށައިފައެވެ. މީސްތަކުންގެ ހިތުގައި اسلامى عيدއަށް ދެވިފައިވާ قدرގެ ހެކިތައް ފައުޅުވާން ފަށައިފައެވެ.

އިޑިއައްޕަން، ފަނިޔާރަން އުޅާލި ތެލަފޮޅި ފަދަ ހެދިކާތަކެތީގެ ބާވަތްތައް ހެދޭންފެށިދެއެވެ. ހެދުން ފަހައި ގަހަނާތައް އުއްތައި ނަލަހެދުމުގެ ސާމާނު ތައްޔާރުކުރެވޭން ފެށިދެއެވެ.

މިތަކެތި ތައްޔާރުވެވެނީ عائلهގެ عددގެ ގިނަމަދުކަމާއި، ގޯތީގެ މޮޅުދެރަކަމާއި، ތަނަވަސްކަމުގެ ކުޑަބޮޑު މިނުގެ ނިސްބަތުންނޭ ދެންނެވުމުގެ ކުޑަވެސް ބޭނުމެއްވޭތޯއެވެ!

عيدވިލޭރޭގެ مغرب ނަމާދަށްފަހުގައި ފިރިހެނުންގެ އުފާވެރި ވާޖިބަކީ، ތިމާގެ، ރައްޓެހި، އަވަށްޓެރި ގޭގެޔަށް زيارةކުރުމެވެ. އަންހެނުންގެ އުފާވެރި ވާޖިބަކީ ގޭގެ خادمން މެދުވެރިކޮށްގެން زيارة ބަލައިގަތުމެވެ.

މިރޭގެ مغرب ނަމާދުން ފައިބާއިރު ހުރިހައި ގެއެއްގާވެސް ހުންނާނީ، ހެދިކާތަކެތީގެ ރިވެތި ސުފުރާއެއް ވެވުނުހައި ރަގަޅަކަށް ތައްޔާރުކޮށްފައެވެ. އަދި ހެދިކާތަކެތީގެ އިތުރަށް، ރިހަޔާ ބަތާ، ފަނި، حلوى، ގުޅަފަތަފޮޅިވެސް އެއާއި ބައިވެރިކޮށްފައެވެ.

ގޭގެ خادم ހުންނާނީ ކަމަށްކަމޭހިތުމާއި އެކު ކުރަޔާ ލޯގަޑާ ތައްޔާރުކޮށްގެންނެވެ. ކޮންމެ زائرއަކު ގެޔަށް ވަނުމާއި އެކު ވަރަށް އޯގާވެރިކަމާއި އެކުގައި އަތްދުއްވާލާނެއެވެ.

زائر އޭނާގެ مقام ވިިސްނާލައިގެން ސުފުރާ ކައިރީގައި އިދެ ހިސާބަކަށް ކައިލާނެއެވެ. އަވަދިވުމާއިއެކު އަތް ދޮއްވައިލައި، ބިލަތްގަޑެއް ފޯރުވާލުމީ خادمގެ އުފަލަކަށްވާނެއެވެ.

زائرގެ އަތްދޮއްވައިލުމާއިއެކު އޭނާ ފަށާނީ فاتحه ކިޔަވާށެވެ. އެގޭގެ أهلވެރީންކުރެ މަރުވެގޮސްފައިވާ އެންމެންނަށް فاتحه ކިއަވައިފާ ބިލަތްގަޑު ހިފައިގެން މެނުވީ އޭނާ ނުދާނެއެވެ. މިގޮތުން، ތިމާގެ، ރައްޓެހި، އަވައްޓެރި، އެންމެންގެ زيارة އެންމެންނަށް ވަށައިޖެއްސުވީ މިރޭގެ شعارއެކެވެ.

ގޯތިތައް ވާނީ އެކަށޭނަ އެންމެ ރިވެތި މަގަކަށް زينة ކުރެވިފައެވެ. ދުންބުރުވި ވަސްމީރުކުރެވިފައެވެ. ރަށުތެރެ ވާނީ އަލިކުރެވިފައެވެ. ތިމާގެމީހަކު ރައްޓެއްސަކު އަވަށްޓެރިއަކު ހިސާބަކަށް ދެބަސްވެފާވިއަސް މިރޭ މިގޮތުން زيارة ބަދަލުނުކުރުމީ އާދަޔާއި خلاف ކަމެކެވެ. ހުތުރުކަމެކެވެ.

ތިމާގެ މީހަކު، ރައްޓެއްސަކު، އަވައްޓެރިއަކު މިރޭގެ މިދެންނެވި زيارة، قبولވެވޭފަދަ عذرއަކާއިނުލައި އެޅުމީ، އެކުވެރިކަމުގެ ސާފުކަން ކެޑިދާނޭކަމަށް ބިރުހުރި ކަމެކެވެ. مروءة ކުޑަކަމަށް نسبةވެވޭ ކަމެކެވެ.

عيدވިލޭރެއަކީ اسلامى اخوةތެރިކަމާއި قومى އުފާވެރިކަމާއި، ތިމާގެކަމުގެ صله رحمގައި އެކީއެކެއްޗަކަށް ދިރުވި حرمة ބޮޑުކުރެވިފައިވާ ރެޔެއްކަމުގައި ހެދިފައި އޮންނަނީ دينى ލޮބުވެތި ގޮތެއްގައެވެ.

عيد ނަމާދުން ފައިބާއިރު ރަށުގެ ހުރިހައި ގެޔެއްގައި ހުންނާނީ عيد صلواةއަށް ކެކި އޭގެ ސުފުރާ ތައްޔާރުވެފައެވެ. އާދޭހެވެ! އެގެޔެއްގެ ވަރުންނެވެ. ހެދޭހައި މޮޅަކަށެވެ. ތިން ބޮޑިބަތުންނެވެ. ކުކުޅާއި ކަޑުކުކުލެވެ. މަހުރިހަޔާއި މުގުރިހަފަދަ ތަކެއްޗެވެ. ރޫސިހާބަތެވެ. ފަންޏާއި ހެދިކާތަކެތި އެއާއި ބައިވެރިކުރެވިފައި ވާނެއެވެ.

عيد ނަމާދުންފައިބައިގެން ކޮއްމެ ފިރިހެނަކުމެ ކުރިމަތި ލާނީ މައިބަފައިންނާއި، ގާތްތިމާގެ މީހުންކުރެ މަރުވެފައިވާ މީހުންގެކިބައަށެވެ. رحمةތެރީންނާއި، ދީނުގެ اخوةން ހަދާންކޮށްލުމަށެވެ. ގޭގެޔަށް އެބުރިދާނީ قبرستانގެ زيارة ނިމިގެންނެވެ. ތިމާގެ ކަމާއި ގާތްކަމުގެ އެކުވެރިކަމާއި رحمةތެރިކަމުގެ حق އޭގެ ވެރީންނަން އަދާކުރުމަށް ފަހުގައެވެ.

قبرستانން ވަކިވާއިރު ކޮއްމެވެސް ގެޔެއްގެ صلواةއަށް ކިޔާނެއެވެ. ގާތްގަޑަކަށް ހުރިހައި ގެއެއްގެ صلواة ދާދި އެއް وقتއެއްގައި ކިއެވި ނިމިދާނެއެވެ. ރަށުތެރެ ވާނީ، ދުވަހުގެތިއާގިކަމުން މުއްސަދިވެގެންނެވެ. فقيرން ތިބޭނީ އުފާވެފައެވެ. އަދި އަހަރުތެރޭގައި ދެކިފެނި ނުވާ މީރު އެތައް ކާތަކެެއްޗެއް ކެވި ބަޑުބޮޑުވެއެވެ. "مثالގައި މިއީ ތުންބުރިކާޅަށްވެސް ހިތްފުރޭންދެން ކާންލިބޭ ދުވަހެވެ."

އުފާވެރިކަމުގެ ގޮތްތައް މިދުވަހުގައި ހިގަނީ ވަރަށް خاصގޮތެއްގައެވެ. އުފަލުގެ حقيقى معنىގައެވެ. އުފަލޭ ނަންކިއުން حق ގޮތުގައެވެ. އުފާ އުފަލަކަށްހަދާ ގޮތުގައެވެ. އުފާވެރިކަމުގެ عيدى منظرތައް ތިއަބޭފުޅުންގެ خيالގެ ސިކުޑިފުޅަށް ވެއްދޭތޯއެއް އަޅުގަޑު މަސައްކަތެއްނުކުރާނަމެވެ.

ބައެއް ކުޅިވަރުގެ ނަމާއި ކަމުގެ ވައްތަރު ހިސާބަކަށް ދަންނަވައިލުން މައްޗަށް ކުރުކުރާނަމެވެ. ދަޑިޖެހުމަކީ މިދުވަހުގެ ފޯރީގަދަ ކުޅިވަރެކެވެ. ދަޑިޖަހާމީހުންނަކީ ފުނަރުވެރި އެތައް صفއަކަށާއި، މާމަލަށް ދަޑީގެ ކުޅިވަރު ފަރިތަކޮށްގެން ތިބޭ ބައިގަޑެއްގެ ބައެވެ. މިމީހުން ދަޑިޖަހާއިރު މީހުންގެ އިސްކޮޅު އެއްވަރުވާގޮތް ބަލަތެވެ. ދަޑިޔަށް ހެލިފެލިވުމާއި، ތިރިވެ، އުހުލި، އެބުރި، ގޮސްއައިސްވުމުގައި އެއްވަރުވުން ވަރަށް ފަރިތަކޮށްގެން ތިބޭ ބައެކެވެ. ދަޑީގެ ފުނަރުތަކަށް ވަކިވަކި ނަން ހުރެއެވެ. ދަޑިޔަށްގޮވާ ގޮވުންތައް އޮވެއެވެ. ކޮންމެ ދަޑިޔަކަށް ދެތިން ލަވަ އޮވެއެވެ. ލަވަހުންނަނީ ދިވެހި މަލިކުބަހުންނެވެ. ލަވައިގެ ރާގު ރީއްޗެވެ. ލަވަތައް ދަޑިޔާ އެޅެއެވެ. ދަޑިތައް އެކި ސިފަސިފަޔަށް ކުރަހައިފާވާނެއެވެ. ދަޑިޖަހާ ހެދުމަކީވެސް އޭގެ ވަކި خاصހެދުމެކެވެ.

ދަޑިޖަހަމުން ރަށުގެ މަގުމަގުގައި ހިގަނީއެވެ. މިދަޑިޖަހަމުންދާ މީހުންގެ ކުރީގައި ކޯޑިއެއް ހިންގަތެވެ. ކޯޑިއަކީ ކުލަކުލާގެ ވަރަނގުކަރުދާހުން ހެދިފައިވާ މާކޯނިވަރެއް ކަހަލަ، ކަދިލިފާޑުގެ އެއްޗެކެވެ. މީގާ ފޫޅުއެބުރި، ބަށިފުނަ، ތެލަފޮޅި އުޅާލި މިކަހަލަ ތަކެތިވެސް އެލުވާފާ ހުރެއެވެ. މީގެ ކުޅިބެލުމަކީ، ކުދިބޮޑު އަންހެނުންނާއި ފިރިހެނުންގެ ވަރަށް ފޯރީގަދަ އުހަލެކެވެ.

ގުޅުމަތިހިފަތެވެ. ފަން، ކަށި، މަންޑިކުޅެތެވެ. މިކަންކަމުގައި ފިރިހެނުން ފިރިހެނުންގެ ގޮތުގައި އަންހެނުން އަންހެނުންގެ ގޮތުގައި ބައިވެރިވަނީ ޖޯޝާއިއެކުގައެވެ. ކުޅިވަރުގައި ބައިވެރިވުމަށާއި، رحمة ގުޅައިލުމަށް، އެކުވެރިކަން އާކުރުމަށާއި اخوةތެރިކަން ثابتކުރުމަށް އެއްރަށުން އަނެއްރަށަށް ގޮސްއުޅެތެވެ.

عيد ދުވަހު އެކެއްގެ ގެޔަށް އަނެކަކު ހިގައްޖެއްޔާ ހެދިކާތަކެތީގެ ރިވެތި ترحيبއެއް ދެތެވެ. تهنيهގެ އުހާވެރި ބަސްތައް ދެފަރާތުން ދެފަރާތަށް ބަދަލުކުރެތެވެ. އެއްގެއިން އަނެއް ގެޔަށް ސަލާމާއި ހެދިކާތަކެތީގެ މަލާފަތް ފޮނުވައިހެދުމީ މިދުވަހުގެ ރިވެތިވެގެންވާ އާދައެކެވެ. އެއް ރަށުން އަނެއް ރަށަށް މިގޮތުން ހަދިޔާޔާއި سلام ބަދަލުކުރުންވެސް އޮންނަނީ އާދައަކަށްވެފައެވެ.

عيدވިލުނުރޭ އެއްގެއިން އަނެއް ގެޔަށް زيارةކޮށް فاتحه ކިޔެވުމުގައި ފިރިހެނުންނަށް އެލިބުނު އުފާ، ވަޅުعيدވިލޭރޭ ކުޑަތަފާތު ގޮތެއްގައި އަންހެނުން ލިބިގަންނާނެތެވެ. ތަފާތަކީއޭތޯ؟ އާދެ! ތަފާތަކީ ސުފުރާގެ ތަފާތުކަމާއި، فاتحهގެ ތަފާތެވެ. އަންހެނުންގެ زيارةއަށްޓަކާ ތައްޔާރުވެފައި ވާނީ ހެދިކާއެއްޗެއްސާއި ސައެވެ. فاتحهގެ ބަދަލަކީ އުފާވެރި ބައްދަލުވުމާއި ހިތްހެޔޮ ވާހަކަދައްކައިލުމެވެ.

ދަތުރުގެ މަގުގައި ރަށަށް ފައިބާއުޅޭ ބީރައްޓެހީންނަށް ގޮވައިގެނެސްގެން ހަދިޔާކާންދީ ދުފާންދިނުމީ މިދުވަހުގެ ކުޑައުފަލަކަށް ނަހަދަތެވެ.

ހެނދުނު عيد ނަމާދުގެ وقتގައި ކުދިބޮޑު އެންމެން زينةތެރިކަމުން ލިބިހުރި މިންވަރެއްގެ ބޭނުންހިފަނީ ވަރަށް މަތިވެރި ގޮތެއްގައެވެ. عصرގެ ފަހުން ފެށިގެން އެރޭގެ މެންދަމާއި ހަމަޔަށް އެ زينةތެރިކަން ބޭނުންކުރަނީ އެއަށްވުރެވެސް ފާގަތި ގޮތެއްގައެވެ.

މަގުމަގުގައި ހިގާ ކުޑަކުދީން ފެންނާނީ ރަނުގެ ފަށުވީގެ ގަސްތަކެއް ފަދައިންނެވެ. އަންހެނުން ފެންނާނީ ޖަރީގަޑެއްހެންނެވެ. ފިރިހެނުން ތިބޭނީ އެދެވޭ އެންމެ ނަލަ ގޮތުގައެވެ. ކިހައި ރިވެތި، އަދި ކިހާ ފުރިހަމަ، ކިހާ މާތް منظرއެއްތޯއެވެ. إنسانيةއަށް ކިހާ ބޭނުންތެރި ކިހާ އެކަށޭނެ منظرއެއްތޯއެވެ.

ކަމުގެތެރޭގައި ބައެއް خرافات ނެތެކޭ ނުދަންނަވަމެވެ. ނޭދެވޭ ބައެއްކަމެއް ނެތް ކަމަކަށް دعوىއެއް ނުކުރަމެވެ. އެބާވަތުގެކަމެއް ހުރިނަމަ އެދެވިގެންވަނީ اصلاحއެވެ. އާދޭހެވެ! އެދެވޭ ރިވެތި اصلاحއެވެ. دعوىއަކީ ކަމުގެ ރިވެތިކަމެވެ. اسلامی عيدއަކާ އެކަންކަން އަރަފޯދިގެންވާ ބޮޑުކަމެވެ.

މިބުނެވި ދިޔައީ ކުޑަعيدއެއްގެ އުފަލުގެ ވާހަކައޭ

ހީކުރެއްވުން އެދެވެއެވެ. މިއުފާ އޮންނަ مدةއަކީ عيدވިލޭރެއިގެ އިރުއޮއްސުމާ ވަޅުعيدވިލޭރޭގެ މެންދަމާ ދެމެދެވެ.

ބޮޑުعيدގެ ހެދިކާތަކެއްޗަށާއި ފޭރާން ގަހަނާ ތައްޔާރު ކުރުމަށް ފެށެނީ عيدއަށް ހަދުބެލުމުގެ ދިހަވަރަކަށް ދުވަސް ކުރީންނެވެ. މަސައްކަތަކީ ހަމަ އެއްމަސައްކަތެވެ. ނަމަވެސް ކަމުގެ ފޯރީގަދައެވެ. ހަދާ، އަދި ހޯދާތަކެތި ގިނައެވެ. މިހެނީ ކުޑަ عيدއަކީ އެއްމެ ދުވަހެކެވެ. އެހެން عبارةއަކުން ބުނަންޏާ އެއްދުވަހާއި ދެރެއެވެ. ބޮޑު عيدއަކީ ހަތަރުދުވަހެވެ. ނުވަތަ ހަތަރު ދުވާލާ ހަ ރެއެވެ.

ބޮޑުعيدގައި ފުރިހަމަ معنىގައިހަތަރު ދުވަހު عيدކުރެތެވެ. މިދުވަސްތަކުގައި މަހަކަށް ފަރަކަށް ނުދެތެވެ. ކައްކައި ކައިބޮއިއުޅުމުގެ ބޭނުންހިފާލެއްވެސް ވަރަށް ކުޑައެވެ. عيدގެ عيد ގޮތުގައި ނަލަކަމާއި ޗާލޫކަންމަތީގައި ސަޔާއި ހެދިކާތަކެތީން ދުވަސްކޮޅު ދުއްވައިލަނީ އުފަލާއި އެކުގައެވެ. ހިތްހަމަޖައްސައިގެންނެވެ.

މިعيدގެ ހަތަރު ދުވަހާއި، ރޭތަކުގައި ވަން ކޮންމެ ގެއަކުން ހިސާބަކަށް ހެދިކާތަކެތީގެ تحيةއެއް ނުލިބި ނުދާނެއެވެ. ސައިގެ مرحباއެއް ނުކިއި ނުމެދާނެއެވެ. ހަދިޔާއާއި تهانى ބަދަލުކޮށް رحمة واصلކުރުމާއި، ކުޅިވަރާއި ނަލަހެދުމުގައި، މިعيدގައިވެސް تمثيلވެގެންދާނީ ކުރީގެ عيدއެވެ. އާދޭހެވެ! މިعيدގެ دائراه ތަނަވަހީއެވެ. مدة ދިގީއެވެ. އުފާވެރިކަމުގެ معنى ފުނީއެވެ.

ފާދިއްޕޮޅުމީހުން عيدގެ އުފާ ލިބިގަންނަނީ އޭގެ ފުރިހަމަ ގޮތުގައެވެ. ރިވެތި މަގުންނެވެ. عيدގެ ދުވަސްތަކަކީ شرعيةގައި قدرވެރިވެގެންވާ، ثوابގެވެރި، مبروك ދުވަސްތަކެއް ކަމެއް އެމީހުންގެ ހަދާނަކުން ކެހިގެންދިޔާކަނުދެތެވެ. تكبير އާއި تهليلއަކީ عيدގެތެރޭގައި އެމީހުންގެ އެއް އުފަލަކަށްހަދަތެވެ. تكبيرގެ ދުވަސްވަރުގައި (يعنى عيدގެ ދުވަސްވަރުގައި) ނަމާދަށް خاص نظرއެއް ބަހައްޓަތެވެ. ސަބަބަކީ އެހެންޏާޔާ خلافއަށް عيدގައި ނަމާދުތަކުގެ ފަހުގައި تكبير ކިއުމެއް އޮންނާތީ، عامންގެ عيدގެ އެއް އުފަލެއްކަމުގައި، جماعةގައި ނަމާދުކޮށްގެން އެتكبيرގައި ބައިވެރިވުންވަނީއެވެ. "سبحان الله އެވެ:

ولله في خلقه شؤون އެވެ.!!

مصرގެ ކުޑަعيد ހަތް އަހަރު ދުށީމެވެ. ބޮޑުعيد ހަތަރު އަހަރު ދުށީމެވެ. عربކަރާގެ ބޮޑުعيد ތިން ފަހަރަކު ދުށުމުގެ އުފާލިބުނެވެ. ކޮއްޗެކަރާގެ عيدއެއް ދުށީމެވެ. ސިލޯނުގެ عيدއެއްވެސް ދުށް ހަދާނެއް ވެއެވެ. عربކަރާގެ عيدގެ މަތިވެރިކަން މަތިވެރިއެވެ. އެعيد ވަނީ حجގެ މަތިވެރި އަޅުކަމާއި އެކުވެގެންނެވެ. ދުނިޔެއަށް އަންނަ اسلامى ބޮޑުعيدއަކީ، عربކަރާގެ مِنَى‎ގައި ކުރެވޭ عيدއެއްގެ މަތިވެރި އަސަރެއްގެ ބައެއް ނަތީޖާއެވެ. މިނާގެ عيدއަށް عيدގެ صور ގެނެވޭނީ އޭގެ މާނަ ދަންނަ ބައަކަށްކަމާއިމެދަށް އަޅުގަޑު އެއްބަސްވަމެވެ.

مصرގެ عيدއަކީ އުފަލުގެތެރެއިން ފުރިހަމަ އުފަލެކެވެ. رحمة واصلކުރުމާއި، اسلامى مؤاخاةގެ މާނަތައް ފައުޅުކުރުމާއި، سلام، تهنيه، ހަދިޔާ ބަދަލުކޮށް ހެދުމަކީ އެعيدގެ خاص އުފަލެކެވެ. ކިރިޔާ ދެކެފަރިތަ މީހަކު ނަމަވެސް އޭގެ އެކަކު އަނެކަކާ عيدގެ ނަމުން ބައްދަލުކުރުމީ مصرގެ عيد لازمކުރާކަމެކެވެ. قبولވެވޭފަދަ عذرއަކާއިނުލައި عيدގެ زيارة ނުކުރުމީ رحمةތެރިކަމާ އެކުވެރިކަމާ، ތިމާގެކަމުގެ احترام ނެތްކަމުގެ اعلانއެއްކަމަށް އެރަށުގެ عرف ހިގައިފާވެއެވެ. مصرގެ عيدގެ ކޭކު، حلوى، ކަދުރު ބަދަންފަދަ ތަކެތި زائرންގެ ކުރިމައްޗަށް ގެންދިއުމާއި زيارةކޮށްއުޅުމުގެ ގޮތް ހަދާނަށް ގާތްކޮށްދެނީ ފާދިއްޕޮޅުގެ عيدގެ އުފާވެރި منظرއޭ މިދަންނަވަނީ فخرވެރިކަމާއި އެކުގައެވެ.

ކޮއްޗޭއަކުން اسلامى عيدގެ އުފަލެއް ނުފެނުނެވެ. ސިލޯނަކު އުފަލެކޭ ކިއޭފަދަ ގޮތެއްގައި އެއުފާ އޮތްކަމަކަށް ނުދެކެމެވެ. މިސްކިތްތަކުގައި عيدނަމާދު ނުކުރެއެކޭ ނުދަންނަވަމެވެ. ތެދުވާނީ ތެދަށެވެ. ގާލިފީހުގައި އެއޮންނަ عيدނަމާދުގެ منظرއަކީ އެއަށް އެދެވޭ اصلاحއެއް ގެނެވެއްޖެނަމަ ވަރަށް ފުރިހަމަ منظرއަކަށް ވާނެއެވެ.

މާލޭގެ عيدވެސް އަޅުގަޑަށް މުޅީން ނުފެންނަ ކަމަކަށް ނުވާނެއެވެ. ނަމަވެސް ފާދިއްޕޮޅުން އެދެކޭ ކަހަލަ عيدއެއް މާލެއަކުން އަޅުގަޑު ނުދެކެވެ. މާލޭގެ عيدގައި عيد ނަމާދުން ފޭބުމަށްފަހު އެއްވެސް އުފާވެރި އަސަރެއް ނެތެވެ އަދިކީއްތޯއެވެ. ރާއްޖޭގެ ވެރިރަށްކަމަށްވުމާއިއެކު، عيدގެ ހަތަރު ދުވަސްވެސް عيدއަކަށް ނުލިބެ އެވެ. ދެވަނަ ދުވަހަށް ފަހުން عيدގެ ދެންއޮތް ދެދުވަހެކޭ އާދާގެ ދުވަހެކޭ ކުޑަވެސް ތަފާތެއް ނޯވެ އެވެ. عيد سلامގެ منظرއެއް އަޅުގަޑުގެ ހަދާނަކުން ކެހިގެންނެއް ނުދެއެވެ. އަދި މިހާރު އަލަށް ފެންނާން މިއުޅޭ ކުޅިވަރުގެ އުފާވެރި مسرحތަކެއްވެސް އަޅުގަޑަށް ނުވިސްނެއެއްނޫނެވެ.

ތެދަކީ ތެދެވެ. އަޅުގަޑުގެ عمرން ދިހައަހަރާ ސާޅީސް އަށް އަހަރާ ދެމެދުގައި ފެނި ދިޔަހާ عيدތަކުގެ ތެރެއިން عيدއަކަށް ترحيبދިނުމުގައި އަޅުގަޑަށް އެއްމެ خاص تعريفއެއްކުރެވޭނީ ފާދިއްޕޮޅުގެ عيدއަށެވެ.

މިއެވެ. ތިޔަ އެންމެ ކައުކަލުނަށް عيدގެ އުފާވެރި تهنية އާއި ހެއޮދުعاއެވެ. ދިވެހިރާއްޖެޔަށް ފަހިކަމާއި ތިޔާގިކަމެވެ. އަލިވެއަލިވެ ހުންނަނިވި ފަހި مستقبل އެކެވެ.

- ނިމުނީ -

ޓައިޕްކުރީ: މުހައްމަދު ނާޖިހު


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން