ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގައި ރޯވެފައި
ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގައި ރޯވެފައި
ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގައި ހިނގި އަލިފާނުގެ ހާދިސާތަކާ ގުޅިގެން އެތަނުގެ އިސްވެރިންގެ މައްޗަށް ހިންގާ ޖިނާއީ ތަހުގީގެއް ފަށައިފި ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނެފައިވަނީ އެ ތަޙުޤީޤު ފަށާފައިވަނީ ކުޑަކުދިންގެ ހިޔާގައި އަލިފާނުގެ ހާދިސާތައް ހިނގާފައިވާތީ ޖިނާއީ ތަހުގީގެއް ހިންގައިދިނުމަށް ޗިލްޑްރެން އޮމްބަޑްސްޕާސަންގެ އޮފީހުން އެދުމުން ކަމަށެވެ. ނަމަވެސް އެކަމާގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ޗިލްޑްރެން އޮމްބަޑްސްޕާސަންގެ އޮފީހުން މިމަހުގެ 17 ވަނަ ދުވަހު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ މިދިޔަ އަހަރުގެ މޭ މަހުގެ ހަތަރު ވަނަ ދުވަހު ވިލިމާލޭ ކުޑަކުދިންގެ ހިޔާގައި ހިނގި އަލިފާނުގެ ހާދިސާ އާއި ޖޫން ހަވަނަ ދުވަހު ހިނގި އަލިފާނުގެ ހާދިސާގެ މައްސަލަ އެ އޮފީހުން ތަޙުޤީޤު ކޮށްފައިވާ ކަމަށެވެ.

އަދި އެކަމާ ގުޅިގެން ކުޑަކުދިންގެ ހިޔާގެ މަސްއޫލުވެރި މުވައްޒަފުން ޖަވާބުދާރީކުރެވޭނެހެން ޖިނާއީ ތަހުގީގެއް ހިންގައިދިނުމަށް އެދި އެމައްސަލަ ފުލުހަށް ހުށަހަޅައިފައިވާނެ ކަމަށް ބަޔާނުގައި ވެއެވެ.

ޗިލްޑްރެން އޮމްބަޑްސްޕާސަންގެ އޮފީހުން ބުނެފައިވަނީ އެ އޮފީހުން ހިންގި ތަހުގީގަށް ފާހަގަވި ކަންކަމުގެ ތެރޭގައި ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ކުދިން ބައިތިއްބާ އޯލްޓަނޭޓިވް ކެއާ ފެސިލިޓީތަކުގައި އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމަށް ބޭނުންވާ އާލާތްތަކާއި ނިޒާމް ގާއިމްކޮށްފައި ނެތްކަމަށެވެ. އެކަމާގުޅިގެން އެކަން ޙައްލުނުކޮށް އެތަނުގައި ކުދިން ބޭއްތިއްބުން އެކަށީގެންނުވާ ކަމަށް އެ އޮފީހުން އެންގި ނަމަވެސް އެކަމަށް ކުޑަކުދިންގެ ހިޔާއިން އިޖާބަދީފައި ނުވާކަމަށް ބަޔާނުގައިވެއެވެ.

ކުޑަކުދިން ބައިތިއްބާ ތަނެއް ރައްކާތެރިކުރުމަށް ބޭނުންވާ ފިޔަވަޅުތައް އެޅުމެއް ނެތި އެ ކުދިން ހިޔާގައި ބޭތިއްބުމަކީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ 124 ވަނަ މާއްދާގައި ބަޔާންކުރާ ކުއްޖަކާމެދު އިހުމާލުވުމުގެ ކުށް ކަމުގައި ޤަބޫލުކުރާ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން