ރޭވިލޭރޭ
ރޭވިލޭރޭ
13 ވަނަ އެޕިސޯޑް

==========

[އަހަރެމެން ބޭނުންވަނީ، އެމަންޖެއަށް އެއްގޮތަކަށްވެސް ކައިރިނުވެވޭ ވަރަށް ދަރިފުޅު ރައްކާތެރި ކުރަން.] މަނިކު އިތުރުކޮށްލިއެވެ.

[އަހަރެންދޭ ތަވީދު ފުރަތަމަ އެޅުވުމަށްފަހު، އެމަންޖެ މީހަކާ ދެވުން ބުއްދިވެރީ....އެކަމުން ސަލާމަތްވާން އެންމެ ފަސޭހަވާނީ އޭރުން....] ރަޝީދު ބުންޏެވެ.

[އެމަންޖެ ރުހިގެންތާ، މީހަކާ ދެވޭނީވެސް.] މަނިކު ބޯކަހާލިއެވެ.

[ތިގޭގެ އެޑްރެސް ބުނޭ. އޭރުން އަހަރެން ތަވީދު ނިންމާލައިގެން މިރޭ ދާނަން.....] ރަޝީދު އޭނާގެ އަތުކުރީގައި އޮތް ގަޑިއަށް ބަލައިލަމުން ބުންޏެވެ.

އެޑްރެސް ބުނެދީ، ގެ ހުންނަ ތަން ރަޝީދަށް ކިޔައިދިނީ ބާޤިރެވެ.

[މިހާރު މިދަނީ މިސްކިތަށް ވަދެލަން. މިރޭ އަހަރެން ދާނަން.] ރަޝީދު ގޮސް މިސްކިތަށް ވަނެވެ. މަނިކުމެން ގޮސް ކާރަށް އަރައިފިއެވެ.

މަނިކުމެން އެނބުރި ގެޔަށް ދިޔައިރުވެސް، ފިރުދައުސްގެ ދަރިފުޅު ޒާހިދު އެއިންގޮތަށް ޒައިހާގެ ޙަރަކާތްތަކަށް ބަލަން އިނެވެ.

[ދަރިފުޅާ ޒާހިދު، އަދިވެސް ގެޔަށް ނުދަނީތަ؟] ފިރުދައުސް އެތެރެއަށް ވަންނަމުން، ޒާހިދާ ވާހަކަ ދެއްކިއެވެ.

[ބައްޕަމެން އަންނަންދެން މަޑުކޮށްލީ....ދެން ދަނީ. ބައްޕަ ގެޔަށް އަންނާނީ ކޮންއިރަކުންތަ؟] ޒާހިދު ތެދުވިއެވެ.

[ބައްޕައަށް ދެވޭނީ ތަންކޮޅެއްފަހުން. ދަރިފުޅުދޭ.....] ފިރުދައުސް ބުނެލިއެވެ. ޒާހިދު ނުކުމެގެން ހިނގައިގެންފިއެވެ.

[ޒާހިދު....] އެގެޔާ ވިއްސަކަށް ފޫޓަށް ދެވުނުތަނާހެން، މީހަކު ފަހަތުން ގޮވާލި އަޑަށް ޒާހިދު ހުއްޓުނެވެ. އެއީ ކުރިން ދުވަހަކުވެސް އޭނާ އަހާފައިވާ އަޑެއް ނޫނެވެ. އޭނާ މަޑުކޮށްލައި ހޯދާލިއެވެ. އޭނާ ދަންނަ އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ނަމަވެސް، ކޮޅުކޮޅުމައްޗަށް ހިނގާ ބިގާވާ މީހުންނާއި ދުއްވާ އެއްޗެހިތަކުން މަގުމަތި ވަނީ ތޮއްޖެހިފައެވެ.

[ޒާހިދު.....] ކުއްލިއަކަށް ފުރަގަހުން އައިސް އޭނާގެ ކޮނޑަށް އަތް ވައްޓާލުމަށްފަހު، ނުދަންނަ މީހަކު ގޮވާލިއެވެ.

[ނޭނގުނުދޯ؟ މާ ދުވަސްވީމާ ހަނދާންނެތުނީދޯ؟ އެއީ ކުރިން އޭނާ ދުވަހަކުވެސް ދެކެފައިނުވާހާ ރީތި އަންހެން ކުއްޖެކެވެ.

[އާނ، ކުޑަކޮށްވެސް މޭރުމެއްނުވި. ޚިޔާލަކަށްވެސް ނާދޭ...ކާކުތީ؟] ޒާހިދު ޙައިރާންވެފައި ހުރެ އެއްސެވެ.

[އަހަރެންގެ ނަން ބުނެފިއްޔާ، ޒާހިދު ގާތަށް ހިނިވެސް އަންނާނެ. އަހަންނަށް ކިޔަނީ ބީކާލް....] އެ ޒުވާނާ ހިނިތުންވެލަމުން ބުންޏެވެ. ޒާހިދު ގާތަށް ހިނިއައީކީ ނޫނެވެ. ޙައިރާންވީއެވެ. ގަބޫލުކުރަން ދަތިވީއެވެ. އެހާ ރީތި އަންހެން ކުއްޖަކަށް ކިޔަން ކަމުދާ ނަމަކަށް ނުވާތީކަންނޭނގެއެވެ.

[ބީކާލް ތީ ފިރިހެނުންނަށް ކިޔާ ޒާތުގެ ނަމެއްނު.] އެ ޒުވާނާގެ މޫނަށް ބަލަން ހުރެފައި ޒާހިދު ބުނެލިއެވެ.

[އެހެންވެޔޭ ޒާހިދު ގާތަށް ހިނި އަންނާނެޔޭ އަހަރެން ބުނީ....ހަނދާނެއްނުވިދޯ އަހަންނެއް. އެކަމަކު އަހަރެން ޒާހިދާއެކު ޖަމާލުއްދީނުގައި އެއްކްލާހެއްގައި ކިޔެވިން. އޭރުވެސް އަހަންނަށް ޒާހިދު ވަރަށް ފާހަގަކުރެވޭ....] ނަމަކީ ބީކާލް ކަމަށް ބުނާ އަންހެން ކުއްޖާ، ކުޑަކޮށް ވިސްނާލުމަށްފަހު ބުންޏެވެ.

[އަހަރެން ޖަމާލުއްދީނަކަށް ނުދަން ދުވަހަކުވެސް. ތިވެދާނެ އެހެން ޒާހިދަކަށް.] ޒާހިދު ހީކުރީ އޭނާގެ އެޖުމްލައިން ބީކާލް ލަދުގަންނާނެ ކަމަށެވެ. ނަމަވެސް އެއީ މާ ހުޝިޔާރު އަންހެން ކުއްޖެކެވެ.

[އަހަންނަށް ބުނެވުނީ ޖަމާލުއްދީނޭތަ. އިސްކަންދަރު ނުވތަ ކަލާފާނެކޭ ނޫންތަ؟ އެކުއްޖާ ހީގަތެވެ.

[އެންމެ ރަނގަޅު ދެން. ކުރިން ނުދަތަސް މިހާރު އަހަންނަށް ތިއީ ކާކުކަން އެނގިއްޖެ. އަމިއްލައަށް ތަޢާރަފްވެއްޖައީމެއްނު. އެވަރުން ފުދޭ...] ޒާހިދު ބީކާލްގެ ވާހަކަ ހުއްޓުވާލިއެވެ. އޭނާ ރާވައިގެން ވާހަކަ ދައްކަނީކަން އެނގޭތީއެވެ.

[ޒާހިދު އަހަރެން ބޭނުން، ޒާހިދާއެކު އެކަހެރިވެލަން. މިބުނީ ސިއްރު ވާހަކައެއް ދައްކާލަން ބޭނުންވާ ވާހަކަ. އަޅެ ފުރްޞަތު ލިބިދާނެތަ؟] ބީކާލް އާދެ! އެ ރީތި އަންހެން ކުއްޖާ، އޭނާގެ މަޤްޞަދު ހާމަކުރިއެވެ.

[މައްސަލައެއް ނެތް. ކޮންތާކަށް ދާންވީ؟] ޒާހިދުވެސް ޝައުޤުވެރިވިއެވެ.

[އަހަންނާއެކު އަހަރެން ބުނާ ތާކަށް ދާނީ....މައްސަލައެއް ނެތްތަ؟] ބީކާލޭ ބުނި އަންހެން ކުއްޖާ އިސްޖަހާލުމަށްފަހު ބުންޏެވެ. އެއަށްފަހު، ފަސްއެނބުރި ބަލައިލުމަށްފަހު، އޭނާ ހީގެންފިއެވެ.

[އާނ...ހަމަ ދާންވީ ހިނގާ.....] ބީކާލްގެ ފަހަތުން ޒާހިދު ހިނގައިގެންފިއެވެ. މާބޮޑު ވިސްނުމަކާނުލައެވެ.

އެ ނުދަންނަ އަންހެން ކުއްޖާއާ ދޭތެރޭ ޒާހިދު ނުވިސްނީ ކީއްވެބާވައެވެ؟ އެކުއްޖާގެ ބަހަށް، އޭނާ އެ ހެއްދުނީ އާދަޔާ ޚިލާފަށް މާއަވަހަށެވެ.

[ތިވަރަށް އަހަންނާ ދޭތެރޭ ނުވިސްނާ.] ވަކި ހިސާބަކަށް ހުއްޓިފައި، ޒާހިދުގެ މޫނަށް ބަލައިލުމަށްފަހު، އެ އަންހެން ކުއްޖާ ވާހަކަ ދެއްކިއެވެ. އޭރު އެމީހުންނަށް ހެންވޭރު ސަހަރާއާ ހަމައަށް އާދެވިއްޖެއެވެ. އެ އަންހެން ކުއްޖާ ހުއްޓި އެހުރީ ގާތްގަނޑަކަށް ސަހަރާ ދޮރުމަތީގައެވެ.

[އަހަރެން ޒާހިދާ ބައްދަލުކުރަން ބޭނުމީ، މި ސަހަރާތެރޭގައި، އާދޭ ވަންނަން. އެއްވެސް ބަޔަކު ހިއެއްނުކުރާނެ، މިތާ ތެރޭގައި ބަޔަކު ވަދެ އުޅެފާނެއެކޭ....] އޭނާ ސަހަރާގެ ދޮރު ހުޅުވާލުމަށްފަހު، އެތެރެއަށް ވަދެއްޖެއެވެ. ދެން ފެނުނީ އާދަޔާ ޚިލާފު މަންޒަރެކެވެ. ޒާހިދު ހީވީ ވާގަނޑެއްޖަހާ ދަމާފައި ސަހަރާތެރެއަށް ދަމައިގަތްހެންނެވެ. އޭނާއަށް އެތެރެއަށް ވަދެވުމާއެކު، ދޮރުވެސް ނިކަން ބާރަށް ލެއްޕިއްޖެއެވެ. ހީވީ ގަދަ ވަޔާއެކު ދޮރުވެސް ލެއްޕުނީހެންނެވެ.

ޒާހިދު ގަތީކީ އަމަށަކު ބިރެއް ނޫނެވެ. ކުރިމަތީގައި ހުރީ އިންސާނެއް ނޫންކަން އޭނާއަށް ޔަޤީންވީކަންނޭނގެއެވެ.

[ކާކުތީ؟ ކީއްކުރަންތަ މި ސަހަރާތެރެއަށް އަހަރެން ތިވެއްދީ.] ޒާހިދު ދޮރާ ދިމާއަށް ފަހަތަށް ޖެހެން ފެށިއެވެ. ދެން އިވިގެންދިޔައީ ވަރުގަދަ ހުނުމެއްގެ އަޑެވެ. ނާމާން ޒާތަކަށެވެ.

[ކަލޭ މިތަނަށް ގެނައީ އަހަރެންގެ ބޭނުމަކު ނޫން....ކަލެއަށް ރަނގަޅަކަށް....ބުނެބަލަ، މަނިކުގެ ދަރިފުޅު ޒައިހާއާ ދޭތެރޭ ކަލޭ ހިތްހަމަޖެހޭތަ؟ ބޭނުންވަނީ އޭނާއާ ކަލޭގެ ކައިވެނި ހަމަޖައްސައި، އޭނާއާ ކަލޭ ދެވުން....] ޒާހިދުގެ ކުރިމަތީގައި އަންހެން ކުއްޖެއްގެ ސިފައިގައި ހުރި ބީކާލް، ޒާހިދާ ދިމާއަށް އެނބުރުނެވެ. އޭނާ ހުރީ ހިނިއައިސްފައެވެ.

[އާނ، ކިހިނެއްތަ އަހަރެންގެ ހިތް ކަލެއަށް އެނގުނީ؟ ހަމަ ޙަޤީޤަތުގައިވެސް އަހަރެން ބޭނުން، ޒައިހާ އަހަރެންގެ މިލްކަކަށް ހަދަން. އެކަމަކު ޒައިހާ ގަބޫލުވާނެތަ؟] ބީކާލްގެ ވާހަކަތަކާ ޒާހިދު ނިކަން ގަޔާވެއްޖެއެވެ.

[އަހަރެން ޒައިހާއާ ވާހަކަ ދައްކައިގެން އެކަން ހަމަޖައްސާނަން. ޒާހިދު އެކަމާ އެއްވެސްވަރަކަށް ވިސްނާކަށް އަހަރެން ފުރްޞަތެއް ނުދޭނަން.] މިހެން ބުނެފައި ހީގަންނަމުން ބީކާލް މަހާނަތަކުތެރެއަށް ވަދެގެން ހިނގައިގެންފިއެވެ. ފަހަތުން ދިޔުމަށް ޒާހިދުވެސް ހިނގައިގެންފިއެވެ. ހީވަނީ ސަހަރާތެރެއަށް ވައްދަން ދަމާފައި ގެންދިޔައީހެންނެވެ. ވީވެސް އެހެންނެވެ. ބީކާލް ޒާހިދު އެގެންދަނީ އޭނާގެ ބާރުގައެވެ. އޭނާ ބޭނުންތާކަށެވެ.

[ޒާހިދާއި ޒައިހާގެ ކައިވެނި، ކުރިއަށް އޮތް ހަފްތާއެއްހާ ދުވަސްތެރޭ ހަމަޖެހޭނެ....އެކަމަކު ފިރިއެއްގެ އުފަލެއް ކަލެއަކަށް ނުލިބޭނެ. އެ އުފާ ޙާޞިލްކުރާނީ އަހަރެން.] ކުއްލިއަކަށް ހުއްޓި، ބީކާލް ޒާހިދާ ދިމާއަށް އެނބުރުނެވެ.

އޭރު އޭނާގެ ސިފަވެސްވަނީ ބަދަލުވެފައެވެ. މިހާރު ޒާހިދުގެ ކުރިމަތީގައި އެހުރީ އަންހެން ކުއްޖެއް ނޫނެވެ. އެއީ ބިރުވެރި ސިފައަކަށް ހުރި އެއްޗެކެވެ. އެހިނދު ޒާހިދު އުޅުނީ ހަޅޭއްލަވައިގަންނަމުން ދުއްވައިގަންނާށެވެ. ނަމަވެސް، އޭނާއަށް ކުރިއަށް ދެވުނީ ދިހަވަރަކަށް ފިޔަވަޅަށެވެ. ފަޅު މަހާނައެއްގެ ތެރެއަށް އޭނާ ގެނބިއްޖެއެވެ.

އޭގެ ދިހަވަރަކަށް މިނެޓް ފަހުން އެ ސަހަރާތެރެއިން އެ ނުކުތީ ޒާހިދެވެ. ސަހަރާތެރެއިން ނުކުމެ، އޭނާ މިޞްރާބުޖެހީ ޒައިހާއަށް ފަންޑިތަ ހަދަން އުޅޭ ރަޝީދުމެން ގެޔާ ދިމާއަށެވެ. އޭނާ ހިނގަމުންދިޔައީ އާދަޔާ ޚިލާފު ބާރަށެވެ.

އޭނާ މަޑުޖެހިލީ ރަޝީދުގެ ގެޔާ ވިއްސަކަށް ފޫޓް ދުރުގައެވެ. އެހިނދު އޭނާ އެހުއްޓުނު ދިމާލުން ދޮރާއްޓެއް ހުޅުވާފައި އެނުކުތީ ކުޑަވަރެއްގެ ފިރިހެން ކުއްޖެކެވެ. އިރުކޮޅެއް ވަންދެން އެކުއްޖާއަށް ބަލަން ހުރެފައި، ޒާހިދު އެކުއްޖާއަށް ގޮވާލައިފިއެވެ. އިސާހިތަކު އެކުއްޖާ ހިސާބަކަށް ޙައިރާންވެފައި ހުރެމެ، ޒާހިދު ގާތަށް އައިސް ހުއްޓުނެވެ. ޒާހިދު އެކުއްޖާ ގާތު ކޮންމެވެސް ވާހަކަތަކެއް ދެއްކުމަށްފަހު، ރަޝީދުގެ ގެޔާ ދިމާއަށް އިޝާރާތްކޮށްލިއެވެ. ހީވާކަހަލައެވެ. އޭނާ އެ އުޅެނީ ރަޝީދުގެ މަސައްކަތް ހުއްޓުވާލާށެވެ. މާގިނައިރުތަކެއްނުވެ، އެކުއްޖާ އެގެޔަށް ވަދެލާފައި ނުކުމެގެން އެބައާދެއެވެ. ޒާހިދު ދުރުގައި ހުރެ، އިޝާރާތުންނާއި އަޑުގެކޮޅަށް ބާރުލާފައި، އެކުއްޖާގެ އަތުގައި އޮތް ތަވީދު ހޫރާލުމަށް އިރުޝާދު ދިނެވެ. އެކުއްޖާ ހޫރާލީމާ، އެ ތަވީދު ގޮސް ޖެހުނީ، ގެއެއްގެ ފުރާޅުމަތީގައެވެ. އެހިސާބުން ޒާހިދު ހިތްހަމަޖެހުމުގެ ނޭވާއެއްލުމަށްފަހު، ޖީބުން ކޮންމެވެސް އެއްޗެއް ނަގާފައި، އެކުއްޖާއަށް ދީފައި، ގެޔަށް ދިޔުމަށްޓަކައި ހިނގައިގެންފިއެވެ.

އެރެއެވެ. ގާތްގަނޑަކަށް ދިހައެއްޖަހާ އެހާކަންހާއިރެވެ. މަނިކުމެން އެތިބީ ތަވީދު ހިފައިގެން ރަޝީދު އާދޭތޯ އިންތިޒާރުގައެވެ.

[އޭނައަށް މިގެ ނޭނގުނީކަންނޭނގެ. މިހާރު ދިހައެއްޖަހާ ބޮޑުވީ.] ގަޑިއަށް ބަލައިލަމުން މަނިކު ބުނެލިއެވެ. ދޮރު ހުޅުވާލާފައި ރަޝީދު އެގެޔަށް ވަނީ އެވަގުތުއެވެ. ރަޝީދު ހުރީ ހިނިއައިސްފައެވެ.

[ވަރަށް ލަސްވެއްޖެދޯ؟ އެ މަންޖެ ކޮބާ؟] އެތެރެއަށް ވަންނަމުން ރަޝީދު ވާހަކަ ދެއްކިއެވެ.

[ނޫނޭ، ރަޝީދަށް ލަސްނުވަންޏާ މައްސަލައެއް ނެތް. ބަދުރިއްޔާ، އެމަންޖެ ގޮވައިގެން އައިސްބަލަ.] މަނިކު އެދުނެވެ. އިސާހިތަކު ޒައިހާ ކޮޓަރިން ނުކުމެގެން އައިސް، އެމީހުންގެ ކުރިމައްޗަށް ކަހަލަ ގޮތަކަށް ހުއްޓިއްޖެއެވެ.

[މިއުޅެނީ ޒައިހާގެ އުނަގަނޑުގައި ތަވީދެއް އަޅުވަންވެގެން. އާދޭ މިތަނަށް.] ރަޝީދު ޖީބުން ތަވީދެއް ނަގާފައި، ޒައިހާއާ ދިމާއަށް ދިއްކުރިއެވެ. ޒައިހާގެ ދެލޯ ބޮޑުވިއެވެ. އެއަށްފަހު، އޭނާ ދެފަރާތަށް ބޯހޫރާލަމުން ފަހަތަށްޖެހެން ފެށިއެވެ.

[ބީކާލާ ވަކިވާކަށް އަހަރެން ބޭނުމެއް ނޫން....] އިންކާރު ކުރަމުން، ޒައިހާ އެނބުރި ގޮސް ކޮޓަރިއަށް ވަނެވެ. ޒައިހާގެ ފަހަތުން ތަވީދު ހިފައިގެން ގޮސް ކޮޓަރިއަށް ވަނީ ރަޝީދެވެ. އެހެން މީހުން ގާތު މަޑުކުރުމަށް ބުނެފައެވެ.

[މި ތަވީދު އެޅުމަކުން، ޒައިހާއަށް އެއްވެސް ގެއްލުމެއް ނުވާނެ. ބީކާލާ ވަތްކެއްވެސް ނުވާނެ. ރުހިގެން މި ތަވީދު އުނަގަނޑުގައި އަޅާ....] ކޮޓަރި އެތެރެއިން ތަޅުލުމަށްފަހު، ރަޝީދު ޒައިހާގެ އަތުގައި ހިފެހެއްޓިއެވެ. އެއާއެކު ޒައިހާ މައިތިރިވެލިއެވެ. ރަޝީދުގެ މޫނަށް ބަލައިލިއެވެ. ރަޝީދު ހިނިތުންވެލުމަށްފަހު، ޒައިހާގެ އުނަގަނޑުގައި ތަވީދު އަޅުވާލައިފިއެވެ. އެއަށްފަހު، އޭނާ ޒައިހާއަށް އިރުޝާދު ދިނީ ޒާހިދާ ކައިވެނި ކުރުމަށެވެ.

[ތިކަމެއް ނުވާނެ.....އަހަރެން ޒާހިދަކާ ނީންނާނަން....އަހަރެން ބޭނުމީ ބީކާލް.] ޒައިހާ ދެކޮޅުހެދިއެވެ. ނަމަވެސް، ރަޝީދު އެދުނީ މިވަގުތަށް އެކައިވެންޏާ އެއްބަސްވުމަށެވެ.

[ނުވާނަން އެއްބަހެއް...ބީކާލް ނޫން މީހަކު އަހަރެން ބޭނުމެއް ނޫން.] ޒައިހާ ހަޅޭއްލަވައިގަތެވެ. ރަޝީދު ނުކުތެވެ.

އޭނާ ކޮޓަރިން ނުކުތްއިރު އެންމެން ތިބީ އިންތިޒާރުގައެވެ.

[ކޮބާ އެމަންޖެ ހަމައަކަށް އެޅިއްޖެތަ؟ މިހާރު އެއްބަސްވެއްޖެތަ، އެހެން މީހަކާ އިންނަން؟] މަނިކު އެއްސެވެ.

[އެއްބަހެއްނުވޭ. އެކަމަކު އަހަރެން އޭނާއަށް ރަނގަޅު މީހަކުވެސް ދައްކައިފިން. މިބުނީ ރަނގަޅު މީހެއްގެ ވާހަކަ ބުނީމޭ.] ރަޝީދު ބުންޏެވެ.

[އެއީ ކާކުގެ ވާހަކައެއް؟] މިފަހަރު ރަޝީދާ ސުވާލުކުރީ ބަދުރިއްޔާއެވެ.

[އެއީ ފިރުދައުސްގެ ދަރިފުޅު ޒާހިދު....އެސޮރު މިރޭ ދިމާވެގެން، އަހަރެން ގާތު ޒައިހާގެ ވާހަކަ ވަރަށް ދެއްކި. އޭނަ ބުނީ، އޭނާ ބޭނުމޯ ޒައިހާއާ ކައިވެނިކުރަން. އަހަރެން ބުނިން، އަހަރެން ވާހަކަ ދައްކާނަމޭ....] ރަޝީދު ހިނިތުންވެލުމަށްފަހު ބުންޏެވެ. މަނިކުމެނަށް ލިބުނީ ޙައިރާން ކަމެކެވެ.

[ތީ ހަމަ ތެދެއްތަ؟ އަހަރެމެން ޤަބޫލު....އަވަހަށް ތި ކައިވެނި ރާވަންވީ...ދޯ ފިރުދައުސް.] މަނިކު ގާތުގައި ހުރި ފިރުދައުސްއަށް ދޯދިނެވެ. ފިރުދައުސް ބޯޖަހާލިއެވެ.

[އަހަރެން ދެން ދަނީ....އަދި މިރޭ އެހެން ދެގެޔަކަށްވެސް ވަދެލަން އެބަޖެހޭ.....] ރަޝީދު ހިނގައިގެންފިއެވެ. އޭނާ ހިނގައިގަތީމާ، ސައިބޮއިގެންދާން މަޑުކުރުމަށް ބުނީމާވެސް، ވަގުތެއްނެތޭ ބުނެފައި އޭނާ ނުކުތެވެ.

ޒާހިދު އެގެއަށް އައިސް އެވަނީ ރަޝީދު ނުކުތްތަނާހެންނެވެ.

[ދަރިފުޅާ، ތެދު ވާހަކައެއްތަ ދެންމެ ރަޝީދު ބުނެފައި އެދިޔައީ؟] ޒާހިދު ވަނުމާއެކު، ފިރުދައުސް ޒާހިދާ ސުވާލުކުރިއެވެ. ޒާހިދު ލަދުވެތިގޮތަކަށްހުރެ، އާއެކޭ ބުނާ ފަދައިން ބޯޖަހާލިއެވެ. ވަގުތުން ހުރިހާ މީހުންގެ މޫނުމަތި އަލިވެ އުޖާލާވެގެންދިޔައެވެ.

[އާދެ! ބައްޕާ އަޅުގަނޑު ކިތަންމެހާވެސް ބޭނުން ޒައިހާ....މިއޮއްހާ ދުވަހު އަޅުގަނޑަށް މީހަކާ ނީނދެވި މިހުރެވުނީ ޒައިހާއާ ބައްދަލުވާންވެގެންނޭ ހިތަށްއަރާ....] ޒާހިދު އިސްޖަހާލިއެވެ.

[ތިޔައީ ބައްޕަމެން ވަރަށް ރުހޭ ކަމެއް....ދަރިފުޅު ބޭނުމިއްޔާ، ވީހާވެސް އަވަސްކުރަންވީ.....ދޯ މަނިކު.] ފިރުދައުސް ޒާހިދުގެ ހިތްހަމަޖައްސައިދިނުމަށްފަހު މަނިކަށް ދޯދިނެވެ. އެއީ މަނިކުވެސް ފިސާރި ރުހޭ ކަމަކަށްވުމުން، ނިކަން އަވަހަށް އޭނާވެސް އާއެކޭ ބުނެފިއެވެ.

[އަޅުގަނޑު ބޭނުން، ވީހާވެސް އަވަހެއް.] އިސްޖަހާލައިގެންހުރެ ޒާހިދު ބުންޏެވެ.

[މާދަމާ ބައްޕަމެން ތިކަންތަކާ އުޅޭނަން..އަނެއްކާ ބަދުރިއްޔާ ގަބޫލުތަ؟] ފިރުދައުސް ދަރިފުޅަށް ޖަވާބު ދިނުމަށްފަހު، ބަދުރިއްޔާ ގާތު އެހިއެވެ.

[އަހަރެން ކީއްވެތަ ނުޤަބޫލުވާންވީ. އަހަރެންވެސް ބޭނުން، އެމަންޖެއަށް ރަނގަޅު ދިރިއުޅުމެއް...] މިހެން ބުނެފައި، އޭނާ ބަލައިލީ ޙުސްނީގެ މޫނަށެވެ. ޙުސްނީވެސް އެކަމަށް ތާއީދު ކުރުމުގެ ގޮތުން ބޯޖަހާލިއެވެ.

އެރޭ ފާއިތުވެދިޔައީ، ޒައިހާއާއި ޒާހިދުގެ ކައިވެންޏަށް ތާރީޚެއްވެސް ކަނޑައެޅުމަށްފަހުގައެވެ. މަނިކު ބޭނުންވަނީ ކުޑަވަރެއްގެ ޕާޓީއެއްވެސް ބާއްވާށެވެ. އެއީ ދެފަރާތުގެ ޢާއިލާއާއި ރައްޓެހިން އެއްތަންކުރުމުގެ ގަސްތުގައެވެ.

ކައިވެންޏަށް ތާރީޚް ކަނޑައެޅިނަމަވެސް، ޒައިހާ އަދިވެސް އެ ކައިވެންޏަކާ އެއްބަހެއްނުވެއެވެ. އަދިވެސް އޭނާ ބުނަނީ، އޭނާ ބީކާލް ނޫން އެހެން މީހަކު ބޭނުމެއް ނޫން ކަމަށެވެ. ނަމަވެސް، އެ އަޑު މަނިކުވެސް އަދި ބަދުރިއްޔާއާއި ޙުސްނީވެސް ނޭހިއެވެ. އެމީހުން ބޭނުންވަނީ، ރަޝީދުގެ ލަފާގެ މަތިން، ވީހާވެސް އަވަހަކަށް ޒައިހާއާއި ޒާހިދުގެ ކައިވެނި ކުރުވާށެވެ.

[މަންމާ، ކިތައްފަހަރުތަ އަހަރެން ބުނާނީ، އަހަރެން ޒާހިދާ ނީންނާނަމޭ....] ޒައިހާ މަންމައާ ވާހަކަ ދެއްކީ ކޮޓަރިތެރޭ ހުރެއެވެ. އެރޭ އެތާނގައި، އެދެމައިން ފިޔަވައި އެއްވެސް މީހަކު ނެތެވެ.

[ދަރިފުޅާ، ނިކަން ވިސްނާލަބަލަ. ބީކާލަކީ އިންސާނެއް ނޫނޭ. ކިހިނެއްތަ ދަރިފުޅު ޖިންނިއަކާ އިނދެގެން އުޅޭނީ.] އެވަގުތު ދޮރުގައި ޓަކިޖަހާލުމަށްފަހު، ކޮޓަރިތެރެއަށް އެވަނީ ޒާހިދެވެ. އޭނާހުރީ ހިނިއައިސްފައެވެ. އެއްވެސް ކަންބޮޑުވުމެއް، ހާސްވުމެއް، އޭނާގެ ކިބައަކުން ނުފެނެއެވެ. އޭގެ ބަދަލުގައި، އޭނާގެ މޫނުމަތިން ފެންނަނީ، އުފަލާއި ހިތްހަމަޖެހުމުގެ އަސަރެވެ.

[މަންމަ އެބަ އަންނަން....ދަރިފުޅު ޒާހިދު ގާތު މަޑުކޮށްލާ.....] ބަދުރިއްޔާ އުޅުނީ ތެދުވެގެން ހިނގައިގަންނާށެވެ.

[ނޫން...މަންމަ ގޮސްގެން ނުވާނެ...އޭނަ މިތަނުން ނެރޭ....] މަންމަގެ އަތުގައި ޒައިހާ ހިފެހެއްޓިއެވެ.

[ތެދެއް މަންމާ....މަންމާ ދާނެ ކަމެއް ނެތް. މަންމަމެން ކަންބޮޑުވެ ހާސްނުވޭ. މިހާރު ޒައިހާ ކައިވެންޏާ ކިތަންމެ ދެކޮޅުހެދިޔަސް، ކައިވެނީގެ ފުރަތަމަ ރެއިން ފެށިގެން އެކަން ޙައްލުވާނެ.] މިހެން ބުނެފައި، ޒާހިދު ކޮޓަރިން ނުކުމެއްޖެއެވެ.

[އޭނާ ހީކުރާގޮތްދޯ؟ އޭނައަށް ދުވަހަކުވެސް އެކަމެއް ނުކުރެވޭނެ.....] ޒައިހާ ތުން އަނބުރާލިއެވެ.

[ތިހެން ނުބުނޭ ދަރިފުޅާ. އެއީ ދަރިފުޅުގެ ވާންއުޅޭ ފިރިމީހާއޭ. ދަރިފުޅު ކިތަންމެ ދެކޮޅުހެދިޔަސް، ދަރިފުޅުގެ ބައްޕަމެން ކައިވެނި ހުއްޓައެއްނުލާނެ.] ބަދުރިއްޔާ ޒައިހާއަށް ވިސްނައިދެވޭތޯ މަސައްކަތް ކުރިއެވެ. ނަމަވެސް، ޒައިހާ ގޮތެއް ދުލެއްނުކުރިއެވެ. އޭނާ ބުނަނީ، އޭނާގެ ރުހުގައި ކުރަންޏާ، އެ ކައިވެންޏެއް ނުކުރެވޭނެ ކަމަށާއި، ނަމަވެސް ބައްޕައާއި މަންމަމެން ކޮންމެހެން ކުރުވަން އުޅެންޏާ، އުފަލެއްނެތަސް، އޭނާ އެކައިވެނި ކޮށްފާނެ ކަމަށެވެ.

އެވަރަށް ޒައިހާ އެއްބަސްވީވެސް ކައިވެނި ކުރަން ހަމަޖެހިފައިވާ ދުވަހު، ކައިވެނީގެ ވަގުތުވެސް ވަރަށް ކައިރިވެފައި ވަނިކޮށެވެ. އެރޭ އެގެއަށް ވަނީ ހިސާބަކަށް މެހްމާނުންވެސް އައިސް ޖަމާވާން ފަށާފައެވެ. ދެފަރާތުގެ ޢާއިލާގެ އިތުރުން، ރައްޓެހިންނާއި ރަޙްމަތްތެރިންގެ އިތުރުން އަވަށްޓެރިންނެވެ. ވަގުތު ކައިރިވަމުން އައިއިރު، ޒައިހާގެ މޫނުމަތިން އުފާވެރިކަން ނުފެނުނު ނަމަވެސް، ޒާހިދުގެ މޫނުމަތިން ފާޅުވަމުންދަނީ އުފަލާއި ހިތްހަމަޖެހުމުގެ އަސަރުތަކެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން