އެމްޓީސީސީގެ ވެރިން ފަރެސްމާތޮޑާ އެއަރޕޯޓުގައި
އެމްޓީސީސީގެ ވެރިން ފަރެސްމާތޮޑާ އެއަރޕޯޓުގައި
ފަރެސްމާތޮޑާ އެއަރޕޯޓުގެ މަސައްކަތް އަންނަ ޖުލައިމަހަށް ނިންމުމަށް މަސައްކަތްކުރަމުންދާކަމަށް އެމްޓީސީސީން ބުނެފިއެވެ.

ފަރެސްމާތޮޑާ އެއަރޕޯޓްގެ އަމަލީ މަސައްކަތް މިދިޔަ އަހަރުގެ ޖެނުއަރީމަހު ފެށިއިރު، އެމްޓީސީސީން މަސައްކަތްކުރީ ނޮވެމްބަރުމަހަށް މަސައްކަތް ނިންމުމަށެވެ. ނަމަވެސް މަސައްކަތް ލަސްވީ ކޯވިޑާއި ގުޅިގެން ރާއްޖެއިން ބޭރުން ގެންނަންޖެހޭ ސާމާނު ލިބުމުގައި ދަތިތަކެއް ކުރިމަތިވުމުންކަމަށް އެމްޓީސީސީން ބުނެއެވެ.

އެމްޓީސީސީން ބުނީ މިހާރު މަސައްކަތްކުރަމުންދަނީ މިއަހަރުގެ މިނިވަންދުވަހާ ދިމާކޮށް ފަރެސްމާތޮޑާ އެއަރޕޯޓް ރަސްމީކޮށް ބޭނުންކުރެވޭ ގޮތްހެދުމަށެވެ.

ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ އެމްޓީސީސީން އެއަރޕޯޓުގެ މަސައްކަތް ނިންމުމަށްފަހު ހަވާލުކުރާނީ ރަސްމީކޮށް ޝެޑިއުލްޑް ފްލައިޓު ޖެއްސޭ ފެންވަރަށް ތަރައްޤީކޮށްފައިކަމަށެވެ.

އާޒިމް ވިދާޅުވީ މިހާރު އެއަރޕޯޓުގައި އެންމެ ބާރަށް ކުރިއަށްދަނީ ޓަރމިނަލްގެ މަސައްކަތާއި ފަޔަރ ބިލްޑިންގެ މަސައްކަތެވެ. ރަންވޭގެ މަސައްކަތް އޭޕްރީލް މަހު ނިމޭނެކަމަށްވެސް އާޒިމް ވިދާޅުވިއެވެ.

މި އެއަރޕޯޓް ތަރައްޤީކުރަނީ ކައިރީގައި ހުރި ކުދި ރަށްތަކެއް ހިއްކައިގެންނެވެ. އެއީ 19.9 ހެކްޓަރުގެ ބިމުގެ ސަރަޙައްދެކެވެ. ބިން ހިއްކުމުގެ މަސައްކަތް 2019 ވަނަ އަހަރު ނިންމި ނަމަވެސް، ދިގު މުއްދަތެއްވަންދެން އެއަރޕޯޓްގެ ޢަމަލީ މަސައްކަތް އޮތީ ނުފެށިއެވެ. އެއަރޕޯޓްގެ ޢަމަލީ މަސައްކަތް ކުރުމަށް އެމްޓީސީސީއާ ހަވާލުކުރީ މިދިޔަ އަހަރުގެ ނޮވެމްބަރުމަހުއެވެ.

ފަރެސްމާތޮޑާއަކީ އާބާދީގައި 1700 އަށްވުރެ ގިނަ މީހުން ހިމެނޭ ރަށެކެވެ. އެއަރޕޯޓް ތަރައްގީކުރުމުގެ މި މަޝްރޫއަކީ 144.88 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން