ރާއްޖޭގެ ޚާރިޖީ ވަޒީރު އަދި އދ.ގެ އާއްމު މަޖިލީހުގެ ރައީސް، އަބްދުﷲ ޝާހިދުގެ އިސްނެންގެވުމާއެކު ކޯވިޑް ވެކްސިންގެ ހަމަހަމަކަމަށް ގޮވާލައި ފެށި ސޯޝަލް މީޑިއާ ކެމްޕެއިންގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަށް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ވޯލްޑް ހެލްތު އޯގަނައިޒޭޝަން، ޑަބްލިޔުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް އަދަނޮމް ގެބްރިޔޭސަސް ގޮވާލައްވައިފިއެވެ.

"ނިއު އިޔަރޒް ރިޒޮލިއުޝަން ފޮރ ވެކްސިން އިކުއިޓީ"ގެ ނަމުގައި ޝާހިދު ފެށްޓެވި މި ސޯޝަލް މީޑިއާ ކެމްޕެއިންގެ އަމާޒަކީ ކޯވިޑް ވެކްސިން ދުނިޔޭގެ އެންމެންނަށް ހަމަހަމަކަމާއެކު ފޯރުކޮށްދިނުމަށް އދގެ އާންމު މަޖިލީހުގެ ރައީސް ދެއްވާ އަހަމިއްޔަތުކަމުގެ މެސެޖް ދުނިޔެއަށް ފޯރުކޮށްދިނުމެވެ.

ޑަބްލިޔުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް އަދަނޮމް ގެބްރިޔޭސަސް ކުރެއްވި ޓްވީޓެއްގައި ވަނީ ޝާހިދުގެ މިމަސައްކަތްޕުޅަށް މަރުހަބާ ވިދާޅުވެ އެމަނިކުފާނުގެ މި މުހިންމު މަސައްކަތް ވަރަށް ބޮޑަށް ފާހަގަކުރަށްވާފައެވެ. އަދި ދުނިޔޭގެ ލީޑަރުން މި ކެމްޕެއިންގައި ބައިވެރިވެވަޑައިގަތުމަށް ޓެޑްރޯސް ގޮވާލެއްވިއެވެ.



މި ސޯޝަލް މީޑިއާ ކެމްޕެއިން އިފްތިތާހުކުރުމަށްފަހު އދގެ އާންމު މަޖިލީހުގެ ރައީސް ޝާހިދު ވަނީ ކޯވިޑްގެ ހާލަތުން އަރައިގަނެވެން އޮތީ ދުނިޔޭގެ ހުރިހާ ކަންކޮޅެއްގައި އުޅޭ އެންމެންނަށް ވެކްސިން ފޯރުކޮށްދެވޭނެކަން ޔަގީންކޮށްދީގެންކަމަށް އެމަނިކުފާނު ވިދާޅުވާ ވިދާޅުވުން ތަކުރާރުކުރައްވާފައެވެ. އަދި މިކަން ހާސިލްކުރެވޭނީ އެންމެން އެކުގައި މަސައްކަތް ކޮށްގެންކަން ޝާހިދު ފާހަގަކުރެއްވިއެވެ.

ޝާހިދުގެ ވާހަކަފުޅުގައި ވަނީ ކޯވިޑާއި ދެކޮޅަށް ކުރާ މަސައްކަތާއި ވެކްސިން ފޯރުކޮށްދޭން ކުރާ މަސައްކަތް މިއަހަރު ދެގުނަ ކުރަން ގޮވާލައްވާފައެވެ. އަދި އެންމެން ރައްކާތެރިނުވަނީސް، އެކަކަށްވެސް ހަގީގަތުގައި ރައްކާތެރިކަން ކަށަވަރުނުވާކަންވެސް ޝާހިދު ހަނދުމަކޮށްދެއްވިއެވެ.

އދގެ އާންމު މަޖިލީހުގެ ރައީސްގެ އޮފީހުން ކޯވިޑް ވެކްސިނާ ގުޅޭގޮތުން ފެށި ސޯޝަލް މީޑިއާ ކެމްޕެއިންގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ދުނިޔޭގެ ހުރިހާ ކަންކޮޅެއްގައި އުޅޭ މީހުންނަށް ހުޅުވާލާފައެވެ.

އދގެ އާއްމު މަޖިލީހުގެ ރައީސްގެ މަގާމާއި ހަވާލުވެވަޑިގަތުމަށްފަހު އަބްދުﷲ ޝާހިދު ގެންދަވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އުޅޭ މީހުންނަށް، ހާއްސަކޮށް ފަގީރު ގައުމުތަކަށް ވެކްސިން ފޯރުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާ ހުރިހާ ފޯރަމެއްގައިވެސް ހަމަހަމަކަމާއެކު ކޯވިޑް ވެކްސިން ފޯރުކޮށްދިނުމަށް ގޮވާލައްވައި އަޑު އުފުއްލަވަމުން ގެންދަވާކަން ފާހަގަކޮށްލެވެއެވެ.

އދގެ އާއްމު މަޖިލީހުގެ ރައީސްކަމާއި ހަވާލުވެވަޑައިގަތް ދުވަހު 193 ޤައުމާއި މުޚާތަބު ކުރައްވާ އެންމެ ފުރަތަމަ ދެއްވި ތަޤްރީރްގައިވެސް ކޮވިޑް19ގެ ވެކްސިން ދުނިޔޭގެ އެންމެންނަށް ހަމަހަމަ ގޮތެއްގައި ފޯރުކޮށްދިނުމަށް ޝާހިދު ގޮވާލައްވާފައިވެއެވެ. 2022 ވަނަ އަހަރުގެ އާ އަހަރުގެ ޝިއާރެއްގެ ގޮތުގައި ޝާހިދު ފެއްޓެވި ވެކްސިން އިކުއިޓީ ކެމްޕެއިންގައި ދުނިޔޭގެ ވަރަށް ގިނަ ޤައުމުތަކުން ވަނީ ބައިވެރިވެފައެވެ. އަދި މި ފެށޭ ފެބްރުއަރީމަހުގެ 25 ވަނަ ދުވަހު އދގެ ރައީސްގެ އިސް ނެންގެވުމުގެ މަތިން ޤައުމުތަކުގެ އެންމެ އިސް ވެރިންގެ ފެންވަރުގެ ބައްދަލުވުމެއް މިކަމާއި ބެހޭގޮތުން ބާއްވަން އދއިން ވަނީ އިއުލާން ކޮއްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން