ރާއްޖޭގައި ހިންގަމުންދާ މަދަނީ ޖަމިއްޔާތައް ޤާނޫނީ އިމުގެ ތެރެއިން ބާރުވެރި ކުރުވަންޖެހޭކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ސައީދު މިހެން ވިދާޅުވީ މަދަނީ ޖަމިއްޔާތަކުގެ 3 ވަނަ މަހާސިންތާ ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަދައްކަވަމުންނެވެ.

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢީދު ވިދާޅުވީ ރާއްޖޭގައި ހިންގާ ބައެއް މަދަނީ ޖަމިއްޔާތަކަކީ މުޖުމަތަޢަށް ފައިދާ ހުރި މުހިއްމު ގިނަ މަސައްކަތްތަކެއް ކުރާ ބައެއް ކަމަށެވެ. ނަމަވެސް މަސައްކަތް ކުރުމަށް ހުރި ހުރަސްތައް ގިނަކަމުން އެފަދަ މަސައްކަތް ކުރާ ޖަމިއްޔާތަކުގެ ޢަދަދު މަދުކަން ސައީދު ފާހަގަކުރެއްވިއެވެ.



ސައީދު ވިދާޅުވީ ޖަމިއްޔާތަކަށް ބޭނުންވާ ފަންނީ އަދި މާލީ އެހީތެރިކަން ހަރުދަނާ ނިޒާމެއްގެ ތެރެއިން ފޯރުކޮށް ދޭންޖެހޭކަމަށެވެ. އަދި އެކަމަށްޓަކައި ޤާނޫނާއި ގަވާއިދުގެ ތެރެއިން އެހީތެރިވެވޭނެކަމަށް ސައީދު ވިދާޅުވިއެވެ.

މަދަނީ ޖަމިއްޔާތަކުގެ ރަޖިސްޓްރާ އަޙްމަދު އިރާޝް ވިދާޅުވީ ރާއްޖޭގައި ހިންގާ އެކްޓިވް ހުރިހާ ޖަމިއްޔާތަކަކާއެކު ރޯދައިގެ ކުރިން ބައްދަލުކޮށް އަތޮޅުތެރޭގެ ޖަމިއްޔާތަކުގެ ގުޅުން ވަރުގަދަކުރުމުގެ މަހާސިންތާތައް ބާއްވާ ނިމޭނެކަމަށެވެ.

ދެކުނުގެ 4 އަތޮޅަށް އަމާޒުކޮށް 4 ދުވަހުގެ މުއްދަތަށް ފުވައްމުލަކުގައި ކުރިއަށް ގެންދިޔަ މަދަނީ ޖަމިއްޔާތަކުގެ މަހާސިންތާގައި 20 ފަރާތަކުން ވަނީ ބައިވެރިވެފައެވެ. މިފަދަ 4 ވަނަ މަހާސިންތާ އަންނަ ފެބްރުއަރީ މަހުގެ ތެރޭގައި އއ. އުކުޅަހުގައި ބޭއްވުމަށް ޔޫތު މިނިސްޓްރީން އަންނަނީ މަސައްކަތްކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު