އެމްޑީޕީގެ ކޮންޓްރޯލް އޮތް ރައްޔިތުންގެ މަޖިލީހުގެ އަމާޒަކީ 30 އަހަރު ކުރިން ރާއްޖެ އޮތް ފަދަ ހާލަތަކަށް އަލުން ގެންދިއުންކަމަށް ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

ޑރ. ޖަމީލު މިހެން ވިދާޅުވެފައި މިވަނީ، އިންޑިއާއާ ދެކޮޅަށް އަޑު އުފުލައި ފަރާތްތަކާއި ދެކޮޅަށް ޖަލު އަދަބު ދިނުމަށް މަގުފަހިވާ ފަދަ ބިލެއް އެކުލަވާލުމުގެ މަސައްކަތް ސަރުކާރަށް ނިސްބަތްވާ އެމްޑީޕީގެ މެންބަރުން ފަށާފައިވާ ދަނޑިވަޅެއްގައެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލައި އިދިކޮޅުން އަޑުއުފުލަމުންދާއިރު، އެމްޑީޕީގެ މެމްބަރުން އެކުލަވާ ބިލު އަމާޒު ކުރަނީ ރާއްޖޭގައި އިންޑިއާ އައުޓް ގޮވުން ހުއްޓުވުމަށެވެ.

މިކަމާއި ގުޅިގެން ޑރ. ޖަމީލު ވިދާޅުވީ ‏އިންޑިޔާ އައުޓް ބިލުން އެނގެނީ ކޮމަންޑޫ ދާއިރާގެ ގޮނޑި އެމްޑީޕީއަށް ނުދޭންވީ ސަބަބުކަމަށެވެ. އަދި މަޖްލިހުގެ އަމާޒަކީ ދިވެހިން 30 އަހަރު ކުރީގެ އަޅުވެތިކަމަށް ގެންދިއުންކަމަށްވެސް ޖަމީލު ވިދާޅުވިއެވެ.

ޖަމީލު ވިދާޅުވީ އިންޑިއާ އައުޓް ބިލަށްފަހު ދެން 3 މީހުންނަށް ވުރެ ގިނައިން އެއްވުންވެސް މަނާކުރާނެކަމަށެވެ. އަދި ރައީސް ޞާލިޙާއި ރައީސް ނަޝީދުގެ ނަން ކިޔާ ގޮތުންވެސް ކުށްވެރިވެދާނެކަމަށް ޖަމީލު ވިދާޅުވިއެވެ.

"‏އިންޑިޔާ އައުޓް ބިލުން އެނގެނީ ކޮމަންޑޫ ދާއިރާގެ ގޮނޑި އެމްޑީޕީއަށް ނުދޭންވީ ސަބަބު. މަޖްލިހުގެ އަމާޒަކީ ދިވެހިން 30 އަހަރު ކުރީގެ އަޅުވެތިކަމަށް ގެންދިއުން. ދެން 3 މީހުންނަށްވުރެ ގިނައިން އެއްވުން، ރ. ޞާލިޙު/ ނަޝީދުގެ ނަންކިޔާގޮތުން ކުށްވެރި؟ ޖޯކަރުންތަކެއް ބާ؟" ޖަމީލު ވިދާޅުވިއެވެ. ‎

އިންޑިއާ އައުޓް ގޮވާ މީހުންނަށް އަމާޒުކޮށް ގާނޫނެއް އެކުލަވާލަމުންދާއިރު، ސަރުކާރުން ވަނީ މީގެކުރިންވެސް މިކަން ހުއްޓުވަން މަސައްކަތްކޮށްފައެވެ. ނަމަވެސް އިންޑިއާ އައުޓް ކެމްޕެއިންގައި ބައިވެރިވާ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުންދާ ކަމަށް އިދިކޮޅުން ބުނެއެވެ.

ސަރުކާރުން ބުނާގޮތުން މިކަމުގެ ސަބަބުން ރާއްޖެއާއި އެހެން ގައުމުތަކާއި ދެމެދު އޮތް ގުޅުމަށް ވަރަށް ބޮޑަށް އަސަރުކުރާނެ އެވެ. ނަމަވެސް އިދިކޮޅު ފަރާތްތަކުން ބުނަނީ އެމީހުން ދެކޮޅީ އިންޑިއާ ރައްޔިތުންނާއި ނޫންކަމަށާއި، ދެކޮޅުހަދަނީ އިންޑިއާ މިލިޓަރީ ރާއްޖޭގައި ތިބުމަށް ކަމަށެވެ. އަދި އެކަމާއި ގުޅޭގޮތުން ހަދާފައިވާ އެއްބަސްވުންތައް ހާމަކުރުމަށް އިދިކޮޅުން ދަނީ ގޮވާލަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު