ހުޅުމާލޭގައި އިސްލާމީ މަރުކަޒެއް ގާއިމްކުރަން ތުރުކީވިލާތުން އެހީތެރިކަން ފޯރުކޮށްދޭން ނިންމައިފިއެވެ.

ތުރުކީގެ އެހީގައި ހުޅުމާލޭގައި އިސްލާމީ މަރުކަޒެއް ގާއިމްކުރަން ނިންމާފައިވާކަން ހާމަކޮށްފައިވަނީ، ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންނެވި ތުރުކީވިލާތުގެ ޚާރިޖީ ވަޒީރު މެވްލޫތް ޝަވްޝަގްލޫއާއެކު ފޮރިން މިނިސްޓަރ ބޭއްވި ރަސްމީ މަޝްވަރާތަކަށްފަހުއެވެ.

ރާއްޖޭގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދުގެ ދައުވަތަކަށް ރަސްމީ ދަތުރުފުޅެއްގައި ތުރުކީވިލާތުގެ ޚާރިޖީ ވަޒީރު މެވްލޫތް ޝަވްޝަގްލޫ ރާއްޖެ ވަޑައިގެންނެވީ މިދިޔަ ބުރާސްފަތިދުވަހުއެވެ.

ތުރުކީވިލާތުގެ ޚާރިޖީ ވަޒީރު މެވްލޫތް ޝަވްޝަގްލޫއާއެކު މިއަދު ބޭއްވި ރަސްމީ މަޝްވަރާތަކަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރާއްޖޭގެ ހާރިޖީ ވަޒީރު އަބްދު ﷲ ޝާހިދު ވިދާޅުވީ ރާއްޖޭގައި މިވަގުތު ކުރިއަށްދާ ތަރައްޤީގެ މަޝްރޫޢުތަކާއި ގުޅޭގޮތުން މިއަދުގެ މަޝްވަރާތަކުގައި ވާހަކަދެކެވުނު ކަމަށެވެ. އެގޮތުން ހުޅުމާލޭގައި ތުރުކީވިލާތުގެ އެހީގައި އިސްލާމީ މަރުކަޒެއް ޤާއިމްކޮށްދެއްވުމަށް ހުށައެޅުއްވިކަމަށާއި، އަދި އެ އިސްލާމީ މަރުކަޒު ޤާއިމްކުރުމަށް ތުރުކީވިލާތުން އެހީތެރިކަން ދެއްވާނެކަން ހާމަކޮށްފައިވާކަމަށް ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ ހުޅުމާލޭގައި ގާއިމްކުރާ އިސްލާމީ މަރުކަޒަކީ ދެ ޤައުމުގެ ގާތް ގުޅުމާއި އިސްލާމީ އަޚްވަންތަކަން ދައްކުވައިދޭ ބިނާއަކަށް ވެގެންދާނެކަމަށެވެ.

ތުރުކީގެ ހާރިޖީ ވަޒީރު ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން ވަނީ މުހިއްމު 5 އެއްބަސްވުމެއްގައި ސޮއިވެސްކޮށްފައެވެ. އޭގެ ތެރޭގައި ދިވެހިންނަށް ވީޒާ ނުލައި ތުރުކީއަށް ދެވޭނެ އިންތިޒާމް ހަމަޖެއްސުމާ ގުޅޭ އެއްބަސްވުމެއްވެސް ހިމެނެއެވެ.



ކިޔުންތެރިންގެ ހިޔާލު