‏ށ. މަތިކޮމަންޑޫ ކަނެކްޓިވިޓީ މަޝްރޫޢުގެ ދަށުން 16.7 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް މިރޭ ފަށާނެކަމަށް އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން ބުނީ ‏ށ. މަތިކޮމަންޑޫ ކަނެކްޓިވިޓީ މަޝްރޫޢުގެ ދަށުން 16.7 ހެކްޓަރުގެ ބިން ހިއްކުމަށް ބޭނުންވާ ވެލި ނެގުމުގެ ހުއްދަ އީ.ޕީ.އޭއިން ލިބުމާއިއެކު މަހާ ޖައްރާފަށް ވެލި ބަރުކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށެވެ. އަދި މިރޭގެ ވަގުތެއްގައި ބިން ހިއްކުމުގެ މަސައްކަތް ފެށޭނެކަމަށް އެމްޓީސީސީން ބުނެއެވެ.



ށ. މަތިކޮމަންޑޫގެ ބިންހިއްކައި، ކޮމަންޑުއާ ގުޅާލުމުގެ މަޝްރޫޢަކީ ރައީސުލްޖުމްހޫިރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙްގެ ވަޢުދުފުޅެކެވެ. އެ ވަޢުދުފުޅާއި އެއްގޮތަށް މަތިކޮމަންޑޫގެ ބިން ހިއްކާ، ކޮމަންޑުއާ ގުޅާލުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށައިފައިވަނީ މިމަހުގެ 14 ވަނަ ދުވަހުގައެވެ.

މި މަޝްރޫޢުގެ ދަށުން ކޮމަންޑޫގައި 1690 މީޓަރުގެ ޝޯރ ޕްރޮޓެކްޝަން ރެކްޓިފިކޭޝަން މަސައްކަތް ކުރާނެއެވެ. އަދި 16.7 ހެކްޓަރުގެ ބިން މަތިކޮމަންޑޫގައި ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރަށް 1520 މީޓަރުގެ ބޮޑުހިލައިގެ ތޮށި ލުމާއި ޖުމުލަ 353 މީޓަރުގެ ބޮޑުހިލައިގެ ފައިކަށި އަދި 112 މީޓަރުގެ ޖީއޯބޭގް ތޮށި މަތިކޮމަންޑޫގައި ޤާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި މަޝްރޫޢުގެ ދަށުން 200 މީޓަރުގެ ދިގުމިނުގެ ލިންކަކުން ކޮމަންޑޫއާއި މަތިކޮމަންޑޫ ގުޅާލާނެއެވެ. މި މަޝްރޫޢުއަށް ދައުލަތުގެ ބަޖެޓުން 249 މިލިޔަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވާނެއެވެ.



ކިޔުންތެރިންގެ ހިޔާލު