ދިވެހިރާއްޖެއިން ބޭރު ގައުމުތަކާއެކު ގާއިމުކޮށްފައިވާ ޚާރިޖީ ގުޅުންތަކަށް ނޭދެވޭ އަސަރުކުރާނެ ފަދަ އަމަލުތައް ހުއްޓުވުމުގެ ނަމުގައި އެމްޑީޕީގެ މަޖިލީސް މެންބަރުން ބިލެއް ފަރުމާކުރުމާއި ގުޅިގެން އދގެ ހާއްސަ ރެޕަޓުއާރ ޑރ. އަހުމަދު ޝަހީދު އެކަމަށް ވަރަށް ބޮޑަަށް ފާޑު ވިދާޅުވެއްޖެއެވެ.

އިންޑިއާ އައުޓްގެ ނަމުގައި ހިންގާ ޙަރަކާތް ހުއްޓުވުމަށް އަމާޒުކޮށް ފަރުމާކޮށްފައިވާ މިބިލުގައި ޖަލު އަދަބުތައްވެސް ވަނީ ހިމަނާފައެވެ. މިކަމާއި ގުޅިގެން ސަރުކާރަށް ވެސް ވަނީ ފާޑުކިޔުން އަމަޒުވެފައެވެ.

މި ބިލާމެދު ކަންބޮޑުވުން ފާޅުކުރަށްވައި އދގެ ހާއްސަ ރެޕަޓުއާރ އަދި ރާއްޖޭގެ ކުރީގެ ހާރިޖީ ވަޒީރު އަހުމަދު ޝަހީދު ވިދާޅުވީ އިންޑިއާގެ ސިޔާސަތުތަކަށް ނުވަތަ ހާރިޖީ ސިޔާސަތުތަކަށް ފާޑު ކިޔުމަކީ ގާނޫނީގޮތުން ކުށަކަށް ނުހެދޭނެ ކަމަށެވެ.

ޝަހީދު ވިދާޅުވީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި މަޖިލިސް ނާއިބު ރައީސް އިވާ އަބްދުﷲ އަދި މާފަންނު ހުޅަނގު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހްމީ ފަދަ ބޭފުޅުންނަކީ ހިޔާލު ފާޅުކޮށްގެން އެކަމަށް އަދަބު ދޭން ތާއީދުކުރައްވަފާނެ ކަމަށް ބެލެވޭ ބޭފުޅުން ނޫންކަމަށެވެ. އެހެންކަމުން މިއީ އެ ބޭފުޅުންގެ ތާއީދު އޮތް ބިލެއް ނޫންކަން އަވަހަށް ހާމަކޮށްދެއްވުމަށް ޑރ. ޝަހީދު ގޮވާލެއްވިއެވެ.

އިންޑިއާ އައުޓްގެ ނަމުގައި ހިންގާ ޙަރަކާތް ހުއްޓުވުމަށް ފަރުމާކޮށްފައިވާ މިބިލު މަޖިލީހުގެ މިފެށޭ ދައުރަށް ހުށައެޅުމަށް ދަނީ ތައްޔާރުވަމުންނެވެ.

މި ބިލުގެ ބޭނުމަކީ ބޭރު ގައުމުތަކާއެކު ގާއިމުކޮށްފައިވާ ހާރިޖީ ގުޅުންތަކަށާއި އެ ގައުމުތަކާއެކު އެކުލަވާލާފައިވާ އެއްބަސްވުންތަކަށް ނޭދެވޭ އަސަރު ކޮށްފާނެ އަމަލުތައް ހުއްޓުވުން ކަމަށް ޑްރާފްޓްގައިވެއެވެ. އެގޮތުން ޤާނޫނީ ހަމަތަކުގެ މަތިން ޤައުމުތަކާއެކު ޤާއިމްކޮށްފައިވާ ގުޅުންތަކަށް ބުރޫއަރާ ގޮތަށް ދިވެހި ރައްޔިތުންގެ ނަމުގައި ވަކި ބަޔަކު ނުވަތަ ސިޔާސީ ޕާޓީއަކުން މުޒާހަރާކުރުމާއި ސިޔާސީ ހަރަކާތް ހިންގުން ވަނީ މި ބިލުގައި މަނާކޮށްފައެވެ.

އެފަދަ ޢަމަލެއްކުރާ މީހުންނަށް ލިބޭ އަދަބުތަކުގެ ގޮތުގައި ޖޫރިމަނާ ކުރުމާއި ގޭގައި ބަންދު ކުރުމާއި ޖަލު އަދަބު ދިނުން ހިމެނެއެވެ. މި ބިލަށް ކުރިއަށްއޮތް ތަނުގައި އިތުރު ބަދަލުތައް އައުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެއެވެ.

ޖުމްލަ 9 މާއްދާގެ މައްޗަށް އެކުލަވާލާފައިވާ މި ބިލު ޤާނޫނަކަށް ވުމުން ހަދަންޖެހޭ ޤަވާއިދުތައް ތިންމަސް ދުވަހުގެ ތެރޭގައި ހެދުމަށް މަތިކޮށްފައިވަނީ ޚާރިޖީ ވަޒީރަށެވެ.

މިބިލާ ގުޅޭގޮތުން އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުން ރަސްމީކޮށް އެއްވެސް ބަހެއް ބުނެފައެއް ނުވެއެވެ. ނަމަވެސް އެޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ ބައެއް މެންބަރުން މި ބިލާބެހޭ މައުލޫމާތު މީޑިއާތަކުގައި ހިއްސާކުރަށްވަމުން ގެންދަވާކަން ފާހަގަކޮށްލެވެއެވެ.



ކިޔުންތެރިންގެ ހިޔާލު