އިދިކޮޅު ކޯލިޝަން ތިބި ފަރާތްތަކުގެ ހިތްވަރެއް ނެތް ކަމަށާއި، އެފަރާތްތަކުގެ މަސައްކަތަކީ ސަރުކާރަށް ޖެއްސުން ކުރުން ކަމަށް ޖުމުހޫރީ ޕާޓީގެ އިސް ތަރުޖަމާނު އަލީ ސޯލިހު ވިދާޅުވެއްޖެއެވެެ.

ޓީވީ ޕްރޮގުރާމެއްގައި ރޭ ވާހަކަ ދައްކަވަމުން ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ސޯލިހް ވިދާޅުވީ ޑިމޮކްރަޓިކް ވެރިކަމެއްގައި އިދިކޮޅު ވެސް އެއްކޮޅު ވެސް އޮންނަންޖެހޭ ކަމަށެވެ. އެހެން ނަމަވެސް އިދިކޮޅު ފަރާތްތަކަށް މިއަދު ތިބި މީހުންގެ ހިތްވަރެއް ނެތް ކަމަށާއި އެފަރާތްތަކުގެ ހިތުގައި އޮތީ ނަފުރަތުގެ ހުޅު ކަމަށް އަލީ ސޯލިހް ވިދާޅުވިއެވެ.

"އިދިކޮޅު ފަރާތަށް ބަލާލަނަމަ މާލޭ ސިޓީކައުންސިލުގައި ކިހިނެއްތޯ މިވަނީ. އެެހެންވީމަ އަޅުގަނޑުމެންނަށް މި ފެންނަނީ ހުރިހާ ގޮތަކުން ޖެއްސުމާއި ފުރައްސާރަ ކުރާތަން. ސަރުކާރު ހިންގުމަށް ހުރި ކަންކަމަށް ދަތިކުރުމަށްޓަކައި މަސަައްކަތް ކުރާތަން." އެމްޑީޕީގެ މެޖޯރިޓީ މާލޭ ސިޓީކައުންސިލްގައި އޮތްއިރު ރައީސް ޔާމިންގެ ސަރުކާރުގައި ސިޓީ ކައުންސިލަށް ދަތިކުރިކަން ފާހަގަކުރައްވައި އަލީ ސޯލިހް ވިދާޅުވިއެވެ.

މީގެ އިތުރުން އިދިކޮޅު ކޯލިޝަނުން ހިންގާ އިންޑިޔާ އައުޓް ކެމްޕޭނާއި ގުޅިގެން އަލީ ސޯލިހް ވިދާޅުވީ އެފަދަ ކެމްޕޭންތަކުގެ ސަބަބުން ބޭރު ގައުމުތަކުގައި ތިބި ދިވެހިންނަށް ދަތި އުދަނގޫ ތަކާއި ކުރި މަތިލާންޖެހޭނެ ކަމަށާއި އެކަމާ މެދު ކަންބޮޑުވާ ކަމަށެވެ. ދިވެހި ދައުލަތުން އެކި ގައުމުތަކާއެކު ގާއިމުކޮށްފައިވާ ގުޅުންތަކަށް ނޭދެވޭ އަސަރު ފޯރާ ގޮތަށް ހިންގާ އަމަލުތަކަކީ ޖިނާއީ ކުށަކަށް ހަދާ ބިލުން އެކަމަށް ހައްލު ތަކެއް އަންނަންޖެހޭ ކަމަށް ގަބޫލު ކުރައްވާ ކަމަށް އަލީ ސޯލިހް ވިދާޅުވިއެެވެ.

ކުރީގެ ރައީސް ޔާމިންގެ ސަރުކާރުގައި ގައުމުތަކާއި ގުޅުންތައް ކަނޑަމުން ގެންދިޔަ ނަމަވެސް މި ސަރުކާރުގެ ފަސް އަހަރަކީ ޚާރިޖީ ގުޅުން އެންމެ ރަނގަޅުވި ފަސްއަަހަރު ކަމަށް އަލީ ސޯލިހް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު