26 ވަނަ އެޕިސޯޑް

==========

[އޭނާ އަދިވެސް ލޯބިވަނީ އެބުނާ ޒޭނާދެކެދޯ؟ އެއީވެސް ޢަޖައިބެއްކަހަލަ އަންހެނެއް. އޭނާގެ މަތިން ހަނދާން ނައްތާނުލެވިގެން ނާއިލް އެއުޅެނީ.] ސީނާ ބުންޏެވެ.

[އާނ....ތިބުނީ ރަނގަޅަށް. އެކަމުން ސަލާމަތް ކުރަން ޖެހިފައި މިއޮތީ. މިހާރު މިވިސްނަނީ ފަންޑިތަވެރިއެއްގެ އެހީ ހޯދަން.] އެއީ މިހާރު ޢައިޝާގެ ނިންމުމެވެ.

ފަންޑިތަ ހަދައިގެންވެސް އޭނާއާއި ނާއިލްގެ ގުޅުން ބަދަހިކުރަން އޭނާ ބޭނުންވެއެވެ. ނާއިލްގެ ހިތުން ޒޭނާގެ ހަނދާންތައް ފޮހެލައި، އެހިތުގައި އޭނާގެ ލޯބި އާލާކުރުވަން އޭނާ ކިތަންމެހާވެސް ބޭނުމެވެ.

[ފަންޑިތަ ހަދާ ރަނގަޅު މީހަކު ލިބިއްޖެއްޔާ ރަނގަޅުވެދާނެ. އެކަމަކު ޢާންމުކޮށް، ފަންޑިތަވެރިންނަކީވެސް ވަރަށް މަކަރުވެރި ބައެއް. ގިނައިން މަކަރު ހަދާނީ. ބައެއްފަހަރު ފަންޑިތައޭ ކިޔާފައި ލިޔާ ތަވީދުތަކުގައި އޭ.ބީ.ސީ ވެސް ލިޔެފައި ހުންނަ ކަމަށްވޭ.] ސީނާ އޭނާ ދަންނަ މީހަކަށް ދިމާވި ކަމެއްގެ ވާހަކަ ބުނެލިއެވެ.

[އިތުބާރު ހުރި މީހަކު ލައްވާ ކުރުވާނީ. ތިބުނިހެން ގިނައިން ހަދާނީ މަކަރު. ޚާއްޞަކޮށް، އަންހެން ކުއްޖަކު އެކަހަލަ ކަމެއްގައި ދިޔައިމާ މަކަރު ހަދާނެ.] އެއީ ޒޭނާވެސް ޤަބޫލުކުރާ ހަޤީޤަތެކެވެ.

[ފަންޑިތަވެރިޔަކާ ވާހަކަ ދެއްކުމުގެ ކުރިން، މިރޭ ނާއިލް ގެއަށް އައިމާ ތަންކޮޅެއް ސީރިޔަސްކޮށް ވާހަކަ ދައްކަބަލަ. އަހާބަލަ، ތިކައިވެނީގެ ބޭނުމަކީ ކޮބައިހޭ. ހަމައެކަނި ކައިވެނި ކުރިޔަކަސް ނުފުދޭނެޔޭ. އަނބިމީހާގެ ޙައްޤުތަކެއްވެސް، ފިރިމީހާގެ ވާޖިބުތަކެއްވެސް، އަނބިމީހާގެ ވާޖިބުތަކެއްވެސް ހުންނާނެޔޭ.] ސީނާ ޚިޔާލު ދިނެވެ. އެޚިޔާލު ޢައިޝާއަށްވެސް ވަރަށް ކަމުދިޔައެވެ.

[ރަނގަޅު ވާހަކައެއް ސީނާ ތިބުނީ. މިރޭ ކިތަންމެ ދަންކޮށްފައި އަޔަސް، އަހަރެން ހުންނާނަން އިންތިޒާރުގައި.] ޢައިޝާ ބުންޏެވެ.

މިހާރު ޒޭނާ ހުންނަ ގެ އެނގުނު ކަމުގައިވިޔަސް، ނާއިލަކަށް ޒޭނާއާ ބައްދަލުކުރާކަށް ނުކެރެއެވެ. އޭނާ ކިތަންމެ ލޯބިވިޔަސް، ކަންތައް ދިމާވެފައިވާ ގޮތުން، ޒޭނާއާ ކުރިމަތިލާން ނާއިލް ފަސްޖެހެއެވެ. ޒޭނާގެ ކުރިމަތީގައި އޭނާއަކީ ވަރަށްބޮޑު ކުށްވެރިއެއްކަންވެސް އޭނާއަށް އެނގެއެވެ. ޒޭނާފަދަ ތެދުވެރިންނަކީ މުޅި ދުނިޔޭގައިވެސް ވަރަށް މަދު ބަޔެކެވެ. ނަޞީބުވެރިންނަކީ އެފަދަ ތެދުވެރި ހެޔޮލަފާ އަންހެން ކުއްޖެއްގެ ލޯބި ކާމިޔާބު ކުރެވޭ މީހުންނެވެ.

ނާއިލް ޤަބޫލު ކުރެއެވެ. އޭނާގެ އަތުން އެނަޞީބު ކައްސާލީ، އޭނާގެ ސަބަބުންނެވެ. ކަތި ފިޔަވަޅު އެޅުނީ އޭނާއަށެވެ. ނުބައި މަގަކުން ނުބައި މިޞްރާބަކަށް ދަތުރުކުރެވުނީ އޭނާއަށެވެ. ތެދުވެރިކަމާއެކު ޒޭނާ ހުއްޓެވެ.

ޙަޔާތުގެ ޞަފްޙާތަކުގައި ކޮންމެ ގޮތަކަށް ލިޔެވުނު ކަމުގައި ވިޔަސް، އަދިވެސް އޭނާގެ ހިތަކުން ޒޭނާ ނޫން މީހަކަށް ޖާގައެއް ދެވިފައެއް ނުވެއެވެ. އަދިވެސް އޭނާ ބޭނުންވަނީ ޒޭނާގެ ލޯބި ޙާޞިލް ކުރާށެވެ. ޒޭނާގެ ލޯތްބާނުލާ އޭނާގެ ޙަޔާތަކަށް ޙަޤީޤީ ދިރުމެއް ނާންނާނެއެވެ.

އޭނާގެ ޙަޔާތަށް ދިރުން ގެންނަން ބޭނުންވާނަމަ، އޭނާގެ ދިރިއުޅުމުގައި ޒޭނާގެ ޙިއްޞާ ހޯދަން އެބަޖެހެއެވެ. އެރޭ އޭނާ ގެއަށް އައިއިރު ޢައިޝާ އިންތިޒާރުގައި ހުއްޓެވެ. ޢައިޝާ ފުރަތަމަ ބެލީ ނާއިލް އިސްވެ އޭނާއާ އަނގައިން ބުނޭތޯއެވެ.

[ޢައިޝާ މިރޭ ނުވަސް ނިދަންތަ؟] ނާއިލް ހެދުން ބަދަލުކޮށްގެން ގޮސް ސޯފާގައި އޮށޯންނަމުން އެހިއެވެ. ވަގުތުން ޢައިޝާގެ ލޮލުން ކަރުނަ އައެވެ.

[ނާއިލް...ކީއްވެތަ އަހަންނާ ދޭތެރޭ ތިގޮތަށް ކަންތައް ތިކުރަނީ...ޙަޔާތުގެ ބައިވެރިއެއްގެ މަޤާމަށް އަހަރެން ގެނައުމަށްފަހު.....އަހަރެންގެ ހިތް ކުދިކުދި ކުރަމުން ތިދަނީ އަހަރެންގެ ކޮން ކުށެއް އޮވެގެން....ތަ؟] ޢައިޝާއަށް ހަމަ ރަނގަޅަށްވެސް ރޮވިއްޖެއެވެ.

[ޢައިޝާ އަހަންނަށް މަޢާފްކުރޭ...އަހަންނަކަށް ޢައިޝާއަކަށް ލޯތްބެއް ނުދެވޭނެ. މިކައިވެންޏަށް ކިތަންމެ ޒަމާނެއް ވިޔަސް ނުދެވޭނެ......] ނާއިލް އެހެން ބުނީ ޢައިޝާގެ މޫނަށް ބަލައިލުމެއްވެސް ނެތިއެވެ.

މީގެކުރިން ދުވަހަކުވެސް އެހާ ތަފްޞީލްކޮށް ޢައިޝާގެ ކުރިމަތީގައި ނާއިލް އެގޮތަކަށް ބުނެފައެއް ނުވެއެވެ.

[ނާއިލް....ދެން ކީއްވެތަ އަހަންނަށް މިވަރުގެ ކެއްސެއް ދިނީ....އަހަރެން ނާއިލްދެކެ ވަރަށް ބޮޑަށް ލޯބިވަން. އާނ ވަރަށް ބޮޑަށް ލޯބިވަން. އަހަންނާ ދޭތެރޭ ތިހެން ނަހަދާ ނާއިލް....] އޭނާ މަޑުމަޑުން ނާއިލްގެ އަތުގައި ހިފަހައްޓައިފިއެވެ.

[ޢައިޝާ...ޢައިޝާއަށް ނޭނގެނީތަ، އަހަރެން މިކައިވެނި ކުރަން ޖެހުނީ މަޖުބޫރުވެގެންކަން. އަބަދުވެސް ޢައިޝާއަށް އެނގޭނެ، އަހަރެން ލޯބިވަނީ ޒޭނާދެކެކަން. އަހަންނަށް ޒޭނާއާ ނުލާ ނޫޅެވޭނެ....] ނާއިލަށް ބޭއިޚްތިޔާރުގައި ބުނެވުނެވެ.

[ތިހެން ނުބުނޭ ނާއިލް.....އަހަރެންގެ ހިތް ހަލާކުވެދާނެ....އަހަރެންގެ ހިތް ކުދިކުދިވެދާނެ. އަހަރެންވެސް ނާއިލްދެކެ ވަރަށް ލޯބިވޭ....ވަރަށް ލޯބިވޭ....އަހަންނަށް ނާއިލްގެ ލޯތްބާނުލާ ނޫޅެވޭނެ....އަހަންނާ ދޭތެރޭ ތިގޮތަށް ކަންތައް ތިކުރަނީ ކީއްވެގެންތަ. އަހަރެންގެ ކޮން ކުށެއް އޮވެގެންތަ؟ ގައިމުވެސް އަހަރެން އެއްވެސް ކުށެއް ނުކުރަން.] ޢައިޝާ ރޯން ފެށިއެވެ. ނަމަވެސް، ޢައިޝާގެ ރުއިމުން ނާއިލަށް ކުޑަވެސް އަސަރެއް ކުރިހެނެއް ހިއެއްނުވެއެވެ.

[މައްސަލައަކީ އަހަންނަށް ޢައިޝާދެކެ ލޯބިނުވެވޭތީ. އަހަރެންގެ ހިތުގައި ޢައިޝާއަށްޓަކައި އެއްވެސް މަޤާމެއް ނެތް. ޢައިޝާއަށްވެސް ރަނގަޅުވާނީ، ޢައިޝާދެކެ ލޯބިވާ ބައިވެރިއަކު ހޯދައިގެން، ޙަޔާތުގެ ރާސްތާ އަލިކުރަން އުޅުނިއްޔާ....] ނާއިލް މިހެން ބުނެފައި ގޮސް ސޯފާގައި އޮށޯތެވެ.

އޭރު ޢައިޝާ ގިސްލަ ގިސްލާފައި ރޮނީއެވެ. މީގެކުރިން އެހާވަރަށް ދުވަހަކުވެސް ނާއިލް ޢައިޝާގެ ލޯތްބާމެދު އިންކާރުކޮށްފައެއް ނުވެއެވެ.

[ނާއިލް..އާދޭސް ކުރަން...އެއްފަހަރު ނަމަވެސް، ކައިވެނީގެ ހިތްހަމަޖެހުން އަހަންނަށްދީ.....އަހަންނަކީ ނާއިލްގެ ޙަލާލު އަނބިމީހާ....ތިހެން ނަހަދަބަލަ ނާއިލް....ޒޭނާވެސް ދެން އެހެން މީހަކާ އިނދެފާނެއެއްނު. އަހަރެން އަޑުއެހިން، އޭނާ މީހަކާ އިންނަން އުޅޭ ވާހަކަވެސް.] ޢައިޝާ އަނެއްކާވެސް އައިސް ނާއިލްގެ ކުރިމައްޗަށް ހުއްޓުނެވެ. މިހާރު ނާއިލް ޢައިޝާގެ ރުއިމުގެ އަޑުއަހަން އެތާ ހުންނާކަށް ބޭނުމެއްނުވިއެވެ. އޭނާ ތެދުވެގެން ގޮސް ބޭރަށް ނުކުމެއްޖެއެވެ. ޢައިޝާ މުޅިން މާޔޫސް ވެއްޖެއެވެ. އިސާހިތު މުޅިމީހާ ބަލިކަށިވެއްޖެ ކަހަލައެވެ.

ނާއިލް ކޮޓަރިން ނުކުތުމާއެކު، ރޮއިގަންނަމުން ޢައިޝާ ދެކަކޫ މައްޗަށް ތިރިވެއްޖެއެވެ. ޙަޤީޤަތުގައި ނާއިލްގެ އަޅާލުމާއި ލޯބި ނުލިބި، ދުވަސްތައް ދިގުލައިގެންދާން ފެށުމުން އޭނާއަށް ވަރަށް ބޮޑަށް އަސަރު ކޮށްފިއެވެ.

އަދި ކަންތައްތައް ވަމުންދަނީ އޭނާ އުއްމީދުކުރި ގޮތާ ޚިލާފަށެވެ. ކުރިން އޭނާ ޔަޤީން ކުރިއެވެ. ކައިވެންޏަށްފަހު އޭނާއަށް ނާއިލްގެ ލޯބި ލިބޭނެއެވެ.

ނާއިލްގެ ހިތުން ޒޭނާގެ ހަނދާންތައް ފަނޑުވެ، އޭނާގެ ލޯބި ނާއިލްގެ ހިތުގައި އާލާވެ، އޭނާއާއި ނާއިލްގެ ޒަވާޖަށް ދިރުން އަންނާނެ ކަމަށް އޭނާ ޔަޤީންކުރިވެސްމެއެވެ.

ނަމަވެސް އަދި އެފަދަ ދިރުމެއް އަތުވެދާނޭ ކަމުގެ އެއްވެސް ނިޝާނެއް ނުފެނެއެވެ. ކައިވެންޏަށް ތިންމަސް ފުރިގެންދާއިރުވެސް އަދި ނާއިލް ޢައިޝާގެ ގައިގައި ބީހިލާފައިވެސް ނެތެވެ.

ޢައިޝާ އެންމެ ކަންބޮޑުވެ ހާސްވަނީ އެސަބަބާ ހުރެއެވެ. ތިންމަސް ވެގެންދާއިރުވެސް އޭނާގެ ބަނޑުން މާބަނޑުކަމުގެ އަސަރު ނުފެނުމަކީ ދެފަރާތުގެ ޢާއިލާއަށް ޙަޤީޤަތް ހާމަވެ، އޭނާގެ ރޭވުންތެރިކަން ހާމަވެގެން ހިނގައިދާނޭ ކަމެކެވެ.

[ދަރިފުޅާ ޢައިޝާ...ބަނޑަށް ތިންމަސް ވެގެންދާއިރު، ޑޮކްޓަރަކަށް ނުދައްކާ ތިހުންނަނީ ކީއްވެގެންތަ؟ މަންމައަކަށް ނުފެނޭ ޢައިޝާ ފައިދާހުރި އެއްވެސް ކާނާއެއް ބޭނުންކުރާ ތަނެއްވެސް.] ޖެހިގެން އައި ދުވަހު ހެނދުނު ނާއިލްގެ މަންމަ ނާޒިމާ ވާހަކަ ދެއްކިއެވެ.

ފުރަތަމަ މަންމަ ދެއްކި ވާހަކައަށް ޖަވާބު ދިނުމުގައި އޭނާ ފަސްޖެހުނުވެސްމެއެވެ. ނަމަވެސް، ނިކަން އަވަހަށް މަންމައަށް ދޭނެ ޖަވާބަކާމެދު ވިސްނައި، އޭނާ މަންމައާ ކުރިމަތިލިއެވެ.

[އެއްވެސް އުނދަގުލެއް ނުވާތީ އިހަށް މިވަގުތު ޑޮކްޓަރަށް ދައްކާހިތްނުވަނީ. މަންމަމެނަށް ނުފެނުނަސް އަހަރެން ފައިދާހުރި ކާނާ ބޭނުންކުރަމޭ. އެހާވަރަށް ކާން އުޅެފިއްޔާ މުޅިން ފަލަވެ، ހަށިގަނޑުގެ ބައްޓަން ގެއްލިދާނެ. މަންމަމެންވެސް މިހާރުވެސް ތިޔަ ތިބެނީ ވަރަށް ލޫޅާފަތިކަން މަތީގައި. އެއީ ހަމަ ހަށިގަނޑަށް ބަލައިގެން އުޅުނީމަތާ.] ޢައިޝާ މިހެން ބުނެފައި އިސްޖަހާލިއެވެ.

[އެކަމަކު ދަރިފުޅާ، މިއޮއް ޒަމާނުގައި އަމިއްލައަށް ތިމާ ބަލިވެއިން ކަމަށް ނިންމައިގެންހުރެ ޑޮކްޓަރަކަށް ނުދައްކާ އުޅޭތަ؟ އިހުޒަމާނުގެ ބޯދާ ވިސްނުމެއްދޯ ދަރިފުޅު ގެންގުޅެނީ. މިގެއަށް ޑޮކްޓަރަކު ގެންނަންތަ؟] ނާޒިމާ ހީވަނީ ކޮންމެވެސް ގޮތަކުން ޙަޤީޤަތް އެނގިގެން ޢައިޝާ ފަޟީޙަތް ކުރަން މަސައްކަތް ކުރަމުންދާހެންނެވެ.

[ނޫން...އެއްވެސް އުނދަގުލެއް ނުވަންޏާ ކީއްކުރަން މަންމާ...ކަމެއް ދިމާވެއްޖެއްޔާ ޢައިޝާ ބުނާނަމޭ....] ޢައިޝާ ނިކަން ހާސްވެއްޖެއެވެ. އެހެން ނަމަވެސް އެކަމެއް ނާޒިމާއަކަށް ފާހަގައެއް ނުކުރެވެއެވެ.

[އެންމެ ރަނގަޅު ދަރިފުޅަށް ފެންނަ ގޮތެއް. އެކަމަކު ބަނޑުގައިވާ ދަރިފުޅުގެ ވިންދު ހުރިތޯއާއި، ދަރިފުޅު ހުރީ ރަނގަޅަށްތޯވެސް ބަލަންޖެހޭނެ. މަންމައަށް ފެންނަނީ މިއަދު ދައްކާލަން...] ނާޒިމާ ތަކުރާރުކޮށް އެވާހަކަ ދައްކަން ފެށުމުން، ކޮންމެ ގޮތެއްވިޔަސް، ވަރިހަމަ ކަމަށް ނިންމުމަށްފަހު ޢައިޝާ ޑޮކްޓަރަށް ދައްކަން ނިންމިއެވެ.

ވަރަށް ބޮޑަށް ހާސްވެފައި ހުރެއެވެ. ޑޮކްޓަރުގެ ޖަވާބާއެކު ފަހަރެއްގައި އޭނާއާ ނާއިލްގެ ޒަވާޖީ ހަޔާތުގައި ނިމުމުގެ ސިއްކަވެސް ޖެހިދާނެއެވެ.

[ޑޮކްޓަރަށް ދައްކަން އަހަރެން ހިނގައިދާނަން. މަންމަ ތިކަމާ އަޅާނުލާ. މިރޭ ޢައިޝާ ދައްކާނަން. ގައިނީ މެޑިކަލްސްގައި ހުންނާނެ ވަރަށްމޮޅު މީހަކު...އެތަނަށް ދައްކާނީ.....] ޢައިޝާ ސަލާމަތްވެވޭތޯ އަދިވެސް މަސައްކަތް ކުރިއެވެ.

[ޢައިޝާއާއެކު މަންމަވެސް ދާނަން....އެކަނިދާކަށް ނުވާނެ.] ނާޒިމާ ބުންޏެވެ. ނާޒިމާ ހީވަނީ ޙަޤީޤަތް އެނގިގެން އުޅޭހެންނެވެ. ޢައިޝާ ކަންބޮޑުވަނީވެސް އެހެންވެގެންނެވެ.

[ދެން މަންމަ ނުދިޔަޔަސް ރަނގަޅުވާނެ. އަހަރެން ސީނާއާއެކު ހިނގައިދާނަން.] ޢައިޝާ ބޭނުންވަނީ ނާޒިމާ ހުއްޓުވާށެވެ.

[އެންމެ ރަނގަޅު...ދަރިފުޅު ސީނާއާއެކުދޭ. ކަމެއް ގޯސް ވެއްޖެއްޔާ ވީހާވެސް އަވަހަކަށް މަންމައަށް ގުޅަންވާނެ.] ނާޒިމާ ބުންޏެވެ.

ޢައިޝާ ހިތްހަމަޖެހުނެވެ. އޭނާ ދެން ނިންމީ، ކުރިން ޑޮކްޓަރާ މަޝްވަރާ ކޮށްގެން، އޭނާގެ ރޭވުންތައް ކާމިޔާބު ކުރެވޭނޭ މަގެއް ހޯދާށެވެ. އޭނާގެ ހުޝިޔާރުކަމާއި ރޭވުންތެރިކަން އޭނާގެ ރަޙްމަތްތެރިޔާ ސީނާއަށްވެސް ފެނި، އިތުރަށް ޙައިރާންވާވަރަށް އޭނާ ޑޮކްޓަރާ ވާހަކަ ދައްކައިގެން ކަންތައް ނިންމާލިއެވެ.

އޭނާ ދެއްކީ ގައިނީ މެޑިކަލް ސެންޓަރުގައި އަލަށް މަސައްކަތް ކުރަން ފެށި އިންޑިޔާގެ ޑޮކްޓަރެއް ކަމުގައިވާ ކިރަންއަށެވެ.

ކިރަން ބުނީ ޢައިޝާގެ ބަނޑުގައި މިހާރު ކުއްޖަކު ނެތް ކަމަށާއި، ބަލިވެ އިނދެފައި ދުވަސްކޮޅަކުން އެކަން ގޮސްފައިވާ ކަމަށެވެ. ވަގުތުން އޭނާ އެޚަބަރު މަންމަ ނާޒިމާއަށް ގުޅާފައި ދީފިއެވެ.

[އޭނ...ފިސާރި ތެދެއް. ދަރިފުޅަށް ގެއްލުމެއް ނުވޭތަ؟] ނާޒިމާ އެއްސެވެ. އޭނާ ހިސާބަކަށް ދެރަވެސްވިއެވެ.

[ބޭސް ކެއީމާ ރަނގަޅުވާނެޔޭ ބުނި. މިހާރު ދެތިންބޭސް ލިޔެދީފައި އެބަހުރި. ނާއިލްވެސް މިޚަބަރު ލިބުނީމާ ވަރަށް ދެރަވާނެ.] ޢައިޝާ ބުންޏެވެ.

ނާއިލް ގާތު އެވާހަކަ ބުނީ މަންމަ ނާޒިމާއެވެ. ނާޒިމާ ހީކުރީ ނާއިލް އެކަމާ ވަރަށް ދެރަވާނޭ ކަމަށެވެ.

[އަޞްލުވެސް ވަރަށް އުފާވެއްޖެ. މާރަނގަޅަށްތިވީ...މަންމާ....އަހަރެންގެ ލޯތްބަށް ހުރަސްއަޅައިގެން އުފަންވާ ކުއްޖަކުދެކެ އަހަންނަށް ޙަޤީޤަތުގައި ލޯބިވެސްނުވެވޭނެ.] ނާއިލް ބުންޏެވެ.

[އެދަރިފުޅަށްޓަކައި މަންމަ ހުރީ ވަރަށް އުއްމީދުތަކެއްކޮށް، ދިގު އިންތިޒާރު ކޮށްކޮށް. އެކަމަކު އެކަން ދިޔައީތާ؟] ނާޒިމާ ބުންޏެވެ.

މިހާރު ދެން ޢައިޝާ ރާވަމުންދަނީ މޮޅު ފަންޑިތަވެރިއެއްގެ އެހީތެރިކަން ހޯދައިގެން ނާއިލާ ގުޅުން ބަދަހިކުރާށެވެ.

އޭނާ އެހުރީ ލޯބި ޙާޞިލް ކުރުމަށްޓަކައި ކޮންމެފަދަ ކަމެއްވެސް ކުރަން ހަމަ ތައްޔާރަށެވެ. ނަމަވެސް އަދި ކުރެވުނު މަސައްކަތުން އެކަށީގެންވާ ގޮތެއްގައި މަސައްކަތް ކޮށްދެވޭނޭ ފަންޑިތަވެރިޔަކު ދިމާނުވެއެވެ.

[ސީނާ ދަންނަ މޮޅު މީހަކު ނުހުރޭތަ؟ ނިކަން މަސައްކަތް ކޮށްލަބަލަ، ރަނގަޅު މީހަކު ފެނޭތޯ....އެހެންނޫނީ ސީނާ އަހަރެން މުޅިން މާޔޫސްވެދާނެ.] ޢައިޝާ ވާހަކަ ދެއްކީ، އޭނާގެ ރަޙްމަތްތެރިޔާ ސީނާއާއެވެ. އެމީހުން ވާހަކަ ދައްކަން ތިބީ ރެސްޓޯރެންޓެއްގެ ތެރޭގައެވެ.

[އަހަންނަކަށްވެސް ނޭނގެ...އަހަރެންގެ މަންމައަށް ފަހަރެއްގައި އެނގިދާނެކަންނޭނގެ. އަހާނަން އަހަރެން.] ސީނާ ބުންޏެވެ.

ޢައިޝާ ބަނޑު ބޮޑު ނޫންކަން އެނގުނު ހިސާބުން ފެށިގެން ނާއިލް މިހާރު ނިންމާފައިވަނީ ކުރިއަށްވުރެންވެސް އޭނާއާ ދުރުހެލިވާށެވެ. މިހާރު އޭނާ ރޭގަނޑު ގެއަށް ވަންނަނީވެސް ކުރިއަށްވުރެންވެސް ދަންކޮށްފައެވެ. އެހެން ނަމަވެސް، އޭނާ ކޮންމެ ވަގުތެއްގައި ގެޔަށް އަޔަސް، އޭނާގެ އިންތިޒާރުގައި ޢައިޝާ އިނދެއެވެ.

[ޢައިޝާ ކީއްވެ ނުނިދާ ތިއިންނަނީ؟] ކޮޓަރިއަށް ވަންނަމުން ނާއިލް ޢައިޝާއާ ވާހަކަ ދެއްކިއެވެ. ނާއިލްގެ އެޖުމްލައާއެކު ޢައިޝާގެ ލޮލުން ކަރުނަ އަންނަން ފަށައިފިއެވެ.

[އަހަރެންގެ ދެލޯ ފަދައިން އެދޭ ހަށިގަނޑުގެ ވިންދުތަކާ ގުޅިފައިވާ ލޯބިވާ ފިރިމީހާ ގެއަށް ނާންނަނީސް އަހަންނަށް ނިދޭނެތަ؟ މިހެން ބުނާއިރުވެސް އެނގޭ، އެއްއަތް ތެޅިޔަސް އަޑެއް ނުކިޔާނެކަން. ނާއިލް ކައިވެނި ކުރުމަށްފަހު ޢައިޝާއާ ދޭތެރޭ ތިގޮތަށް ކަންތައް ކުރަނީ ކީއްވެތަ؟] ޢައިޝާއަށް ހަމަރަނގަޅަށްވެސް ރޮވިއްޖެއެވެ.

[އަހަންނަށް...މަޢާފްކުރޭ ޢައިޝާ. އަހަންނަށް ޢައިޝާއާމެދު ކުޑަވެސް ޝައުޤުވެރިކަމެއް ނުބެހެއްޓޭ. އަހަންނަށް ޒޭނާގެ ލޯތްބާނުލާ އުފާވެރި ދިރިއުޅުމެއް ކުރިއަކަށް ނުގެންދެވޭނެ.] ނާއިލް ޢައިޝާއާ ދިމާއަށް ބަލައިވެސްނުލާ ބުންޏެވެ.

[ނާއިލް ތިހެން ނުބުނޭ ނާއިލް....ޒޭނާގެ ހަނދާންތައް ނާއިލްގެ ހިތުން ފަނޑުވާވަރަށް އަހަރެން ނާއިލަށް ލޯބި ދީފާނަން....ލޯބިދޭނަން...އާދޭސް ކުރަން...އަހަންނަށް ތިހެން ނަހަދާ....] ޢައިޝާއަށް ގިސްލެވެން ފެށުނެވެ. ނަމަވެސް ނާއިލްގެ އެއްވެސް ފަރުވާލެއް ނެތެވެ. އޭނާ އަޅާވެސްނުލިއެވެ.

ހެދުން ބަދަލުކޮށްގެން ގޮސް އޭނާ ސޯފާގައި އޮށޯވެއްޖެއެވެ. މިފަހަރު އެހާ ފަސޭހައިން ދޫކުރާކަށް ޢައިޝާ ބޭނުންނުވީކަންނޭނގެއެވެ.

އޭނާ އައިގޮތަށް އައިސް ނާއިލްގެ ގާތުގައި އިށީނދެއްޖެއެވެ. އޭރުވެސް އޭނާއަށް ހަމަ ރޮވެނީއެވެ. އޭނާ ހީވަނީ ލޯތްބަށްޓަކައި ދީވާނާވެފައިވާހެންނެވެ.

[ނާއިލް...އެންމެފަހަރަކު ނަމަވެސް އަހަންނަށް ލޯބީގެ އިޙްސާސާއެކު ބަލައިލަބަލަ.] ޢައިޝާއަށް ބޭއިޚްތިޔާރުގައި ނާއިލްގެ އަތުގައި ހިފަހައްޓާލެވިއްޖެއެވެ. ނަމަވެސް ނާއިލް މަޑުމަޑުން އަތް ދަމައިގަންނަން މަސައްކަތް ކުރިއެވެ. އެހެން ނަމަވެސް، ޢައިޝާ ހިފަހައްޓާފައިވަނީ މާ ބާރަށެވެ.

ޙަޤީޤަތުގައި ނާއިލް ބޭނުންވަނީ ޢައިޝާގެ ޙަޔާތުން މުޅިން ދުރަށްދާށެވެ.

(ނުނިމޭ)



ކިޔުންތެރިންގެ ހިޔާލު


30

ިހިންދު

27-May-2020

އައިޝާ ނުބައި އަންހެނެއް ވާހަކަ ކިޔާ ކުދިން އެސައިތޯނާ ކޮޕީ ނުކުރާތި ވަރަށް ވަރަށް ރީތި ވާހަކަ އެއް މިއީ


8

ޒަހިޔާ

27-May-2020

މި ވަރަށް ރީތި މޮޅު ވާހަކަ އެއް



ޓްރެންޑިން