އަހުމަދު މަސްނޫމް   31 ޖެނުއަރީ 2022 - 15:19
މާދަމާ އިން ފެށިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އާ ރަންވޭ ބޭނުން ކުރަން ފަށަން ނިންމައިފައިވާ ކަމަށް އެމްއޭސީއެލުން ބުނެފިއެވެެ.

ވީއައިއޭ ހިންގާ، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީން ބުނީ އާ ރަންވޭ މާދަމާއިން ފެށިގެން ބޭނުން ކުރަން ފަށާނީ ޓެކްސީ ވޭއެއްގެ ގޮތުގައި މިހާރުގެ ރަންވޭގައި ބޯޓު ޖެއްސުމަށް ފަހު އަނބުރާލާފައި ޕާކު ކުރަން ދާން ބޭނުން ކުރާ މަގެއްގެ ގޮތުގައި ކަމަށެވެ. މި ބަދަލާއެކު ވީއައިއޭގެ ތޮއްޖެހުމަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް އެމްއޭސީއެލުން ވަނީ ބުނެފައެވެ. ކުރީގެ ރައީސް އަބުދު ﷲ ޔާމިންގެ ވެރިކަމުގައި އެޅި އާ ރަންވޭ ނިމިފައި އޮތް ނަމަވެސް ރަންވޭ ނުހުޅުވައި އޮންނަތާ ދެ އަހަރަށް ވުރެ ގިނަ ދުވަސް ވަނީ ވެފައެެވެ.

ކުރީގެ ސަރުކާރުން މި ރަންވޭ ހެދީ ޗައިނާގެ އެގްޒިމް ބޭންކުން 373 މިލިއަން ޑޮލަރުގެ ލޯނެއް ނަގައިގެން، ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގުރޫޕް (ބީޔޫސީޖީ) ކުންފުނިންނެވެ. އެރަންވޭގެ ދިގު މިނުގައި 3،400 މީޓަރު ހުންނައިރު، ފުޅާމިނުގައި 60 މީޓަރު ހުރެ އެވެ. މީގެ އިތުރުން މި މަޝްރޫއުގެ ދަށުން ތަރައްގީކުރާ އާ ޕެސެންޖަރު ޓާމިނަލް އަޅަން ހަވާލުކޮށްފައި ވަނީ ސައޫދީ ބިންލާދިން ކުންފުންޏާ އެވެ.

މީގެ އިތުރުން ކާގޯ ޓާމިނަލާއި ތެޔޮ ރައްކާ ކުރާ ނިޒާމުގެ މަސައްކަތް ވެސް މިހާރު ވަނީ ނިންމާލާފައެވެ. މި ހިދުމަތްތަކުގެ އިތުރުން ވީއައިއޭގައި މުޅިން އަލަށް ސީޕްލޭން ޓާމިނަލެއް ވެސް ވަނީ އަޅާފައެވެ.



ކިޔުންތެރިންގެ ހިޔާލު